ހަބަރު

އާދަލަތު ޕާޓީގެ ޓިކެޓަށް އެދެން ހުޅުވާލައިފި

އަންނަ އޭޕްރީލް މަހުގެ ހަތަރުވަނަ ދުވަހު ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި އާދަލަތު ޕާޓީގެ ޓިކެޓުގައި ވާދަކުރަން އެދޭ މީހުނަށް އެ ޕާޓީގެ ޓިކެޓަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

ވެރިކަން ކުރާ ކޯލިޝަންގައި ހިމެނޭ އާދަލަތު ޕާޓީން ބުނީ ލޯކަލް ކައުންސިލް އިންތިހާބާއި ކައުންސިލްތަކުގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިހާބަށް އެ ޕާޓީގެ ޓިކެޓުގައި ވާދަކުރަން ބޭނުންވާ މީހުނަށް އެ ކަމަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލީ މިއަދުން ފެށިގެން މި މަހުގެ 26 ވަނަ ދުވަހުގެ މެންދުރުފަހު 3:00 ގެ ނިޔަލަށެވެ. އެ ގޮތުން ހުޅުވާލީ ހުރިހާ ދާއިރާއަކަށް ކުރިމަތިލެވޭ ގޮތަށެވެ.

އާދަލަތު ޕާޓީގެ ޓިކެޓަށް އެދި ހުށަހަޅާ ފޯމު އެ ޕާޓީގެ މައި އޮފީސް، ހ. ފުލިދޫގެ ތިންވަނަ ފަންގިފިލާއިންނާއި އެ ޕާޓީގެ ވެބްސައިޓް އިން ލިބެން ހުންނާނެ ކަމަށެވެ. އަދި އެ ޕާޓީގެ އީމެއިލް އެޑްރެސް އަށް ފޮނުވަން އެ ޕާޓީން އެދެ އެވެ.

އަންނަ ލޯކަލް ކައުންސިލް އިންތިހާބުގައި 980 ކައުންސިލަރުން އިންތިހާބު ކުރަން ހަމަޖެހިފައިވާއިރު، އޭގެ ތެރެއިން 372 އަންހެން ކައުންސިލަރުން އިންތިހާބު ކުރާނެ އެވެ. މިއީ މިހާ ގިނަ އަދަދެއްގެ ކައުންސިލަރުން އިންތިހާބު ކުރާ ފުރަތަމަ ކައުންސިލް އިންތިހާބެވެ. އަދި މި އިންތިހާބުގައި ފުރަތަމަ ފަހަރަށް ކައުންސިލަރުން އިންތިހާބު ކުރާނީ ފަސް އަހަރުގެ ދައުރަކަށެވެ.