ސްރީލަންކާ

އެކަކުގެ ބަންދަށް 10 ދުވަސް، އެހެން މީހުން ދޫކޮށްލައިފި

ސްރީލަންކާގެ ފުލުހުން އެ ގައުމުގައި ހިންގަމުންދާ އޮޕަރޭޝަންގައި އިއްޔެ ހައްޔަރުކުރި 12 ދިވެހިންގެ ތެރެއިން އެކެއްގެ ބަންދުގެ މުއްދަތު އިތުރުކޮށް ދެން ތިބި އެންމެން ދޫކޮށްލައިފި އެވެ.

އިއްޔެގެ އެކި ވަގުތުތަކުގައި ލަންކާ ފުލުހުން ވަނީ އެ ގައުމުގައި ދިރިއުޅެމުންދާ ދިވެހިންގެ ތެރެއިން 12 މީހަކު ހައްޔަރުކޮށްފައެވެ. އެމީހުން ހައްޔަރު ކޮށްފައި ވަނީ ވިސާއާ ނުލައި ސްރީލަންކާގައި އުޅުމާއި، މުއްދަތު ހަމަވެފައިވާ ޕާސްޕޯޓް ގެންގުޅުމާއި، ޕާސްޕޯޓް ނުވަތަ ކާކުކަން އަންގައިދޭ ލިޔުމެއް ނެތި ބޭރު ތެރޭގައި އުޅުމުގެ ތުހުމަތުގައި ކަމަށެވެ. ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ މީހުންގެ ތެރޭގައި ތިން ކުޑަ ކުދިން ވެސް ހިމެނެ އެވެ.

ތިން ކުދިންނާއި، އެކުދިންގެ މަންމަ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ އެމީހުން ދިރިއުޅޭ ގެ ބަލާ ފާސް ކުރިއިރު އެމީހުންގެ ޕާސްޕޯޓް ނެތުމުންނެވެ. އެމީހުންގެ ޕާސްޕޯޓް، ވިސާ ޖަހަން ސްރީލަންކާ އިމިގްރޭޝަނާ ހަވާލުކޮށްފައިވާ ލިޔުން ހޯދުމުން ވަނީ ދޫކޮށްލާފަ އެވެ.

މީގެ އިތުުރުން ވިސާ ނެތި އެއް ދުވަހު ސްރީލަންކާގައި އުޅުމާއި ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ އަންހެނަކު ވެސް މިއަދު ހެނދުނު ވަނީ ދޫކޮށްލާފަ އެވެ. އަދި ވިސާ ނެތި ހަ މަސްދުވަހު ސްރީލަންކާގައި އުޅުމާއި ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ އަންހެނަކު ވަނީ ޖޫރިމަނާ ދައްކަން އަންގައި، ކަފާލާތުގެ ދަށުން ދޫކޮށްލާފަ އެވެ.

ޕާސްޕޯޓް ނުވަތަ ކާކުކަން އަންގައިދޭ ލިޔުމެއް ނެތި ކޮފީ ޝޮޕެއްގައި ތިއްބައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ހަތަރު ދިވެހި ފިރިހެނުން ވެސް މިއަދު ވަނީ ދޫކޮށްލާފައެވެ.

ލަންކާގެ ފުލުހުން ހައްޔަރުކުރި މީހުންގެ ތެރެއިން ބަންދުގެ މުއްދަތު ޖެހުމަށް ކޯޓަށް މައްސަލަ ފޮނުވީ ތިން މީހެއްގެއެވެ. އޭގެ ތެރޭގައި ހިމެނެނީ ވިސާ ނެތި އެ ގައުމުގައި އުޅުނު މީހަކާއި، ޕާސްޕޯޓް ނުވަތަ ކާކުކަން އަންގައިދޭ ލިޔުމެއް ނެތި ބޭރުގައި އުޅެ، ސްރީލަންކާއަށް އެތެރެކުރުން މަނާ ސިގިރެޓްގެ ބާވަތެއް އެތެރެކޮށް، ބޭނުންކުރުމުގެ ތުހުމަތުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ދިވެހި ފިރިހެން މީހެއްގެ މައްސަލަގެ އިތުރުން ނުވަ މަސްދުވަހު ވިސާ ނެތި ލަންކާގައި އުޅެ، އަދި ދިވެހި ޕާސްޕޯޓްގެ މުއްދަތު ހަމަވެފައިވާތާ 8 މަސްވެފައިވާ މީހެއްގެ މައްސަލައެވެ.

އޭގެ ތެރެއިން ވިސާ ނެތި އެ ގައުމުގައި އުޅުނު މީހާއާއި، ސްރީލަންކާއަށް އެތެރެކުރުން މަނާ ސިގިރެޓްގެ ބާވަތެއް އެތެރެކޮށް، ބޭނުންކުރުމުގެ ތުހުމަތުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ މީހާ ކަފާލާތުގެ ދަށުން ވަނީ ދޫކޮށްލާފައެވެ.

ނަމަވެސް ނުވަ މަސްދުވަހު ވިސާ ނެތި ލަންކާގައި އުޅެ، އަދި ޕާސްޕޯޓްގެ މުއްދަތު ހަމަވެފައިވާތާ 8 މަސްވެފައިވާ މީހާގެ ބަންދުގެ މުއްދަތު ވަނީ ދިހަ ދުވަހަށް އިތުރުކޮށްފައެވެ.

މިދިޔަ އަހަރުގެ އެޕްރީލް މަހުގެ 21 ވަނަ ދުވަހު ސްރީލަންކާގައި ދިން ބޮމުގެ ހަމަލާތަކަށްފަހު އެ ގައުމުގެ ސަލާމަތީ ކަންކަން ވަނީ ވަރަށް ބޮޑަށް ވަރުގަދަކޮށްފައިވާއިރު ޕާސްޕޯޓް ނުވަތަ ކާކުކަން އަންގައިދޭ ލިޔުމެއް ނެތި އާއްމު ތަންތާގައި ނޫޅުމަށާއި، ގޭގައި ތިބޭއިރުވެސް ކަމާބެހޭ ފަރާތްތަކުން ބަލަން ބޭނުންވެއްޖެ ހިނދެއްގައި ދެއްކޭނެ ގޮތަށް ފަސޭހައިން ނެގޭގޮތަށް ޕާސްޕޯޓްތައް ބެހެއްޓުމަކީ ލަންކާ ސަރުކާރުން އެގައުމުގައި ދިރިއުޅޭ ބޭރު މީހުންނަށް އަންގާފައިވާ ކަންކަމެވެ.

ސްރީލަންކާގައި ތިބުމުގެ ވިސާގެ މުއްދަތު ހަމަވުމުން، ވިސާ އާ ނުކޮށް އެ ގައުމުގައި ތިބުމަކީ ގާނޫނީ ކުށެކެވެ. އަދި މިގޮތަށް ގާނޫނާއި ހިލާފަށް އަމަލުކުރާ މަދު ބައެއްގެ ސަބަބުން ސްރީލަންކާގައި ދިރިއުޅޭ ދިވެހިންނަށް އާއްމުކޮށް އެކަމުގެ ދަތިތަކާ ކުރިމަތިލާން ޖެހޭކަމަށް ދިވެހި އެމްބަސީން ވަނީ ބުނެފައެވެ.

ބޭރު ގައުމުތަކުގައި ދިރިއުޅޭ ދިވެހިންނަށް ލިބޭ ލުއިފަސޭހަތައް ނާޖާއިޒް ގޮތެއްގައި ބޭނުންކުރާ މަދު ބައެއްގެ ސަބަބުން އާއްމުކޮށް ދިވެހިންނަށް ދޭތެރޭ އެގައުމުތަކުން ދެކޭ ގޮތް ބަދަލުވެ، އެފަދަ ލުއިތަކާއި އިނާޔަތްތަކަށް ދަނީ ބުރޫއަރަމުންނެވެ.