ހަބަރު

ފަޒާދު ޕީޕީއެމްގެ ޓިކެޓު ހޯއްދަވަން މަސައްކަތް ފައްޓަވައިފި

މިދިޔަ ރިޔާސީ އިންތިހާބުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ކެމްޕެއިން ކޮށްދިން މައްސަލާގައި ޕީޕީއެމް އިން ވަކި ކުރި ފުވަމުލަކު މެދު ދާއިރާގެ ކުރީގެ މެންބަރު އަލީ ފަޒާދު އަލުން ޕީޕީއެމްއާ ގުޅިވަޑައިގެން ފުވަމުލަކު މޭޔަރު ކަމަށް ވާދަ ކުރަން ޓިކެޓު ހޯދުމުގެ މަސައްކަތް ފައްޓަވައިފި އެވެ.

ޕީޕީއެމްގެ ޕާލިމެންޓަރީ ގްރޫޕުގެ މެންބަރެއްގެ ގޮތުގައި ހުންނެވި ފަޒާދު ވަނީ 2018 ވަނަ އަހަރު އިންތިހާބުގެ ދުވަސްވަރު އެ ޕާޓީގެ ލީޑާޝިޕާ މައްސަލަ ޖެހި، ރައީސް ސޯލިހާއެކު ކެމްޕެއިން ވެސް ކުރައްވައިފަ އެވެ. އަދި އޭރުގެ ރައީސް އަބްދުﷲ ޔާމީންއަށާއި ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުން ގެންދެވި އެވެ.

ނަމަވެސް ލޯކަލް ކައުންސިލް އިންތިހާބުގައި ޕީޕީއެމްގެ ޓިކެޓުގައި ފުވަމުލަކު ދާއިރާގެ މޭޔަރު ކަމަށް ވާދަ ކުރަން ފަޒާދު މިއަދު ވަނީ އެ ޕާޓީގެ އޮފީހަށް ފޯމް ހުށަހަޅައިފަ އެވެ. އެ ފޯމް ބަލައިގަތީ ޕީއެންސީގެ ޕީޖީ ލީޑަރު އާދަމް ޝަރީފް އުމަރެވެ.

އެކަމާ ގުޅޭ ގޮތުން އާދަމް ޝަރީފް އަވަސްއަށް ވިދާޅުވީ ފުވަމުލަކު ދާއިރާގެ މޭޔަރު ކަމަށް ފަޒާދުގެ އިތުރުން އެހެން ބޭފުޅެއް ވެސް ކުރިމަތިލާފައިވާ ކަމަށެވެ. އެހެންކަމުން ޕްރައިމަރީއެއް ބާއްވަން ނިންމާފައިވާ ކަމަށް އާދަމް ޝަރީފް ވިދާޅުވި އެވެ.