ކްރިސްޓިއާނޯ ރޮނަލްޑޯ އިޓާލިއަން ލީގްގައި ހެދި ފުރަތަމަ ހެޓްރިކާއެކު ޔުވެންޓަސްއިން 4-0 ގެ ނަތީޖާ އަކުން ކަލިއަރީ ބަލި ކުރިއިރު، ވާދަވެރި އިންޓަ މިލާނުން ނަޕޯލީގެ މައްޗަށް 3-1 ގެ ނަތީޖާ އަކުން މޮޅުވެ ތާވަލުގެ އެއް ވަނަ މަގާމު ދިފާއު ކޮށްފި އެވެ.
ޔުވެންޓަސްގެ ދަނޑުގައި ކަލިއަރީއާ ދެކޮޅަށް ރޮނާލްޑޯ ހެޓްރިކް ހެދީ ފަހު ހާފުގައި ކާމިޔާބު ކުރި ލަނޑުތަކުންނެވެ. ދެ ވަނަ ހާފު ފެށިގެން ހަތަރު ވަނަ މިނެޓްގައި ކަލިއަރީގެ ޑިފެންސަށް ހެދުނު މިސްޓޭކަކުން ރޮނާލްޑޯ ފުރަތަމަ ލަނޑު ކާމިޔާބު ކުރީ ކަލިއަރީގެ ޑިފެންޑާރާއި ކީޕަރު ރޮބިން އޮސްލެންްއަށް ވެސް ފުރުސަތު ނުދީ އެވެ.
ރޮނާލްޑޯގެ ދެ ވަނަ ލަނޑު އޭނާ ކާމިޔާބު ކުރީ ލިބުނު ޕެނަލްޓީ އަކުންނެވެ. ހެޓްރިކު ހެދުމުގެ އިތުރަށް އޭނާ ވަނީ އިތުރު ލަނޑެއް ޖެހުމަށް ވެސް ޔުވެންޓަސް އަށް ފުރުސަތު ތަނަވަސް ކޮށްދިފަ އެވެ. މެޗުގެ 81 ވަނަ މިނެޓްގައި ގޮންޒާލޯ ހިގުއައިން ޔުވެންޓަސްގެ ތިން ވަނަ ލަނޑު ކާމިޔާބު ކުރީ ރޮނާލްޑޯ ދިން ބޯޅަ އަކުންނެވެ. ރޮނާލްޑޯ ހެޓްރިކް ހެދީ، އޭގެ އެއް މިނެޓް ފަހު ޑަގްލަސް ކޯސްޓާ ދިން ބޯޅަ އަކުންނެވެ.
ނަޕޯލީ ބަލިކޮށް، އިންޓަ މިލާން އެއް ވަނަ މަގާމުގައި އޮތީ ޔުވެންޓަސްއަށް ވުރެ އިތުރަށް ފައިދާ ގޯލުން ކުރީގައި އޮތުމުންނެވެ. ދެ ޓީމަށް ވެސް ލިބިފައި ވަނީ 45 ޕޮއިންޓެވެ. ނަޕޯލީ އާ ދެކޮޅަށް އިންޓަގެ ތިން ލަނޑުގެ ތެރެއިން ދެ ލަނޑު ކާމިޔާބު ކުރީ ރޮމެލޫ ލުކާކޫ އެވެ. ފުރަތަމަ ލަނޑު ލުކާކޫ ކާމިޔާބު ކުރީ 13 ވަނަ މިނެޓްގަ އެވެ. އަދި ދެ ވަނަ ލަނޑު 33 ވަނަ މިނެޓްގަ އެވެ.
ނަޕޯލީގެ ލަނޑު 39 ވަނަ މިނެޓްގައި ކާމިޔާބު ކުރީ އަރުކާޑިއުޒް މިލިކް އެވެ. އިންޓަގެ ލަނޑު 62 ވަނަ މިނެޓްގައި ކާމިޔާބު ކުރީ ލާޓޫރޯ މާޓިނޭޒެ އެވެ. ޒްލަޓާން އިބްރޮހިމޮވިޗް އާއެކު ނުކުތް އޭސީ މިލާން ނިންމާލީ ސަމްޑޯރިއާ ދެކޮޅަށް ލަނޑެއް ނުޖެހި އެވެ. އިބްރޮހިމޮވިޗް ކުޅެން ނުކުތީ ދެ ވަނަ ހާފުގަ އެވެ.