ފާއިތުވީ 2019 ވަނަ އަހަރަކީ ބޮލީވުޑްގެ ދެ ތަރިން ކަމަށްވާ އަރްޖުން ކަޕޫރާއި މަލައިކާ އަރޯރާއަށް ވަރަށް ޚާއްސަ އަހަރެކެވެ. ކުރިން ވަރަށް ސިއްރުން އުޅުނު މި ދެ ލޯބިވެރިން ހުރިހާ ބިރެއް ފަހަތަށް ޖައްސާ އެމީހުންގެ ލޯބި ރަސްމީކޮށް މުޅި ދުނިޔެއަށް އިއުލާން ކުރީ މިދިޔަ އަހަރު އެވެ.
ބަޔަކު ކޮށްފާނެ މަލާމާތަކަށް ކިޔާނެ އެއްޗަކަށް މިހާރު އަރްޖުން އާއި މަލައިކާ ފަރުވާލެއް ނުބަހައްޓަ އެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ޗުއްޓީތައް ހޭދަކުރަމުން ދެ މީހުން ނަގާ ވަރަށް ގިނަ ފޮޓޯތައް ވެސް މިހާރު ސޯޝަލް މީޑިއާގައި މި ދެ ތަރިން ދަނީ ހިއްސާ ކުރަމުންނެވެ. ނަމަވެސް ކައިވެންޏާ ބެހޭ ގޮތުން އަދިވެސް މާ ތަފްސީލުކޮށް މި ދެ އެކްޓަރުން ވާހަކައެއް ނުދައްކަ އެވެ.
މި ފެށުނު އާ އަހަރު ކައިވެނި ކުރުމުގެ އެއްވެސް ޕްލޭނެއް އެބައޮތްތޯ ދާދިފަހުން އިންޑިޔާގެ ނޫހަކުން މަލައިކާ އާ ވަނީ ސުވާލު ކޮށްފަ އެވެ. މި ސުވާލުގެ ޖަވާބުގައި މަލައިކާ ބުނެފައިވަނީ އޭނާގެ ވަރަށް ގިނަ ޕްލޭންތައް އެބަހުރި ކަމަށެވެ. އޭނާގެ ޓީމަކާއެކު ވިޔަފާރި ފުޅާ ކުރަން މަސައްކަތް ކުރުމަކީ އެންމެ ބޮޑަށް އޭނާ މިއަހަރު ކުރިޔަށް ގެންދަން ބޭނުންވާ ކަމެވެ.
ވިޔަފާރިވެރިއެއްގެ ގޮތުން މިދިޔަ އަހަރު މަލައިކާ ވަނީ ވަރަށް ރަނގަޅު ކުރިއެރުމެއް ހޯދާފަ އެވެ. ނަމަވެސް ކައިވެނި ކުރާނެތޯ އާއި ކުރާނެ ދުވަހެއް އޭނާއަކަށް ލަފާކޮށްލަން ވެސް ނޭނގެ އެވެ.
"އަހަރެމެން ކުރިއަށް ދާނީ މަޑުމަޑުން ފަހަރަކު ފިޔަވަޅެއް އަޅަމުން. އަހަރެމެން އެއްވެސް ކަމެއް އޮޅުވާލާކަށް ނޫޅެން. ކައިވެންޏާ ހަމައަށް ކަންތައް ދިޔައިމަ އެ ވާހަކަ ވެސް މީޑިއާ އަށް ހާމަކުރާނަން،" މަލައިކާ ބުންޏެވެ.
ވަރަށް ފަހުން ދިން އިންޓަވިއު އެއްގައި އަރްޖުން ވެސް ވަނީ މަލައިކާ އާއި އޭނާގެ ކައިވެންޏާ ބެހޭ ގޮތުން ވާހަކަ ދައްކާފަ އެވެ. އަރްޖުން ބުނީ ހަމަ ޔަގީނުން ވެސް މި ދަނޑިވަޅުގައި އަދި ކައިވެންޏެއް ނުކުރާނެ އެވެ.
"ޕްރޮފެޝަނަލް ގޮތުން ވެސް އަދި ޒާތީ ދިރިއުޅުމުގައި ވެސް އަހަރެންނަށް މިއީ ވަރަށް ހިތްހަމަޖެހޭ އުފާވެރި ދުވަސްކޮޅެއް. އަހަރެން އެއްވެސް ކަމެއް ސިއްރެއް ނުކުރަން. އެއްވެސް މީހަކަށް ހަމަ ގައިމުވެސް ޝޮކެއް ނުދޭނަން. ދުރާލާ އެންމެންނަށް ވެސް ކައިވެނި ކުރާނަމަ އަންގާނަން،" އަރްޖުން ބުންޏެވެ.
އަރްޖުން އާ ރައްޓެހިވުމުގެ ކުރިން މަލައިކާ ވަނީ އަރްބާޒް ޚާނާ ކައިވެނިކޮށްގެން 17 އަހަރު ދުވަހު އުޅެފަ އެވެ. އެ މީހުން ވަރިވިތާ ތިން އަހަރު ފާއިތުވެފައިވާއިރު އެ ދެ މީހުންގެ ދަރިފުޅަށް ވެސް މިހާރު ވަނީ 17 އަހަރު ފުރިފަ އެވެ.
އިންޑީއާގެ ނޫސްތަކުން ތަންކޮޅެއް ކުރިން ބުނެފައިވަނީ މަލައިކާ އާއި އަރްބާޒް ވަރިވާން ޖެހުނީ އެ ދެމެދަށް އަރްޖުން ވަދެ ސިއްރު ލޯބީގެ ގުޅުމެއް މަލައިކާ އާ ބޭއްވުމުގެ ސަބަބުން ކަމަށެވެ.