ހަބަރު

ޗައިނާގެ "ދަރަނި މަޅި" މި ސަރުކާރަށް ރަނަށްވެއްޖެ: ސައީދު

ރައްޔިތުންގެ މަޖިލިސް ޗުއްޓީގައި އޮއްވާ ޗައިނާގެ ދަރަނި މަޅިތައް މި ސަރުކާރަށް ރަނަށްވެފައިވާ ކަމަށް މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.

އުމްރާނީ ތަރައްގީގެ ދާއިރާއިން ގުޅުން ބަދަހި ކުރުމުގެ ގޮތުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ޗައިނާ މެޝިނަރީ އިންޖިނިއަރިންގ ކޯޕަރޭޝަން (ސީއެމްއީސީ) ކުންފުނީގެ އޮފިޝަލުން ކުރެއްވި ބައްދަލުވުމުގެ ފޮޓޯއެއް ޓުވީޓު ކުރައްވަމުން ސައީދު ވިދާޅުވީ އެ ގައުމުގެ އެންމެ ކުންފުންޏަކާއި ދިވެހި ސަރުކާރާ ނެގުނު އެ ފޮޓޯގައި މަދީ ހަމައެކަނި ކޯލިޝަން ތިން ޕާޓްނަރުންނާއި މަޖިލިސް ރައީސް އެކަނި ކަމަށެވެ.

އެކަމާ ގުޅޭ ގޮތުން ސުވާލު އުފައްދާ ސައީދު ވިދާޅުވި ގޮތުގައި ޗައިނާ އިން މިހާރު ބިން ފޭރުން ހުއްޓާލީތޯ އެވެ. އަދި ޖަޒީރާވެ ނިމި ކޮންކްރީޓާއި ދުރަށް ޖެހި ދަރަނި ދަންތުރައިން ވީއްލުނީތޯ ސައީދު ސުވާލު އުފެއްދި އެވެ.

ސައީދު އިތުރަށް ވިދާޅުވީ މަޖިލިސް ޗުއްޓީގައި އޮއްވާ މި ސަރުކާރަށް ޗައިނާގެ ދަރަނި މަޅިތައް ރަނަށްވެ، ބިން ފޭރޭ މީހުން ސިއްރުން ބަލައިގަނެ ކޮންކްރީޓުތައް މަޑު މުރަކަތަކާއި މުތްތަކަކަށް ބަދަލުވެފައިވާ ކަމަށެވެ.

ޗައިނާގެ ދަރަނި ބޮޑުވެ ބިން ފޭރޭ ކަމަށް ބުނެ ސަރުކާރުގެ އިސްވެރިން ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅު ކުރެ އެވެ. އެކަމާ ދެކޮޅަށް އެންމެ ގަދައަށް ވަކާލާތު ކުރަނީ ރައްޔިތުންގެ މަޖިލީހުގަ އެވެ.