(5 ޖެނުއަރީ 2020 އާ ގުޅޭ)
ދޮރުފަތް ލައްޕާލި ގޮތަށް އިރުކޮޅަކު ދޮރުފަތުގައި ލެނގިލައިގެން ޔަޝްފީއަށް ހުރެވުނެވެ. ފިނިނޭވާއެއް ދޫކޮށްލުމާއެކު އެ މޫނުން ހިތައިމައިގެ އަސަރު ފާޅުވިއެވެ. އޭނާ ހީކުރި ކަހަލަ އަންހެންކުއްޖަކަށް ވީރާ ނުވިކަން ޔަޝްފީއަށް އެނގިއްޖެއެވެ. އެކުވެރިކަން ދަމަހައްޓަން ޔަޝްފީ ބޭނުންނުވީ އެހެންވެއެވެ. އަތުކުރީ އޮތް ގަޑިއަށް ޔަޝްފީ ބަލާލިއެވެ. މަޑުމަޑުން އައިސް ސޯފާގައި އޭނާ އިށީނެވެ. އޭނާ އިންތިޒާރު އެކުރަނީ ސައިފް ގެއަށް އަންނާނޭ އިރަކަށެވެ.
ވީރާއަކީ ސައިފްއޭ ކިޔައިގެން ޔަޝްފީ ގާތު ވާހަކަދެއްކި ފުރަތަމަ އަންހެންކުއްޖާއެއްނޫނެވެ. އެހެންނަމަވެސް ސައިފްއޭ ކިޔައިގެން އަންހެނަކު ޔަޝްފީގެ ކުރިމައްޗަށް ނާރާތާ ތިން އަހަރަށްވުރެ ގިނަ ދުވަސްވެއްޖެއެވެ. ސައިފްގެ ހުރި އުނި ސިފަތައް ޔަޝްފީއަށް އެނގެއެވެ. ދަރިފުޅަށް ޓަކައި އޭނާ ސައިފްއަށް ކޮންމެ ފަހަރަކު މަޢާފުކުރަނީއެވެ. އެކަމަކު އެއީ ދިރިއުޅުމެއްނޫންކަން ޔަޝްފީއަށް އެނގެއެވެ. ޢާއިލާއިން ވެސް އެކަން ޔަޝްފީއަށް ވިސްނައިދީފިއެވެ. ވަރިވާންވީއޭ ޔަޝްފީގެ ހިތަށް ކިތަންމެ ވަރަކަށް ވެސް އެރިއެވެ. އެ ނިންމުން ކޮންމެ ފަހަރަކު ވެސް ބަދަލުވެފަ ހުރީ ދަރިފުޅަށް ޓަކައި އެވެ. އިތުރު ކުއްޖަކު ހޯދަން ބޭނުން ނަމަވެސް އެ ޚިޔާލު ވެސް ޔަޝްފީ ދޫކޮށްލީ ދިރިއުޅުން އޮތް ގޮތް އެނގޭތީއެވެ. އެއްވެސް އަންހެނަކު ނުދޭހާ ގިނަ ފުރުޞަތު ޔަޝްފީ ސައިފަށް ދީފިއެވެ. ފާއިތުވި ތިން އަހަރު ޔަޝްފީ ހުރީ އުފަލުންނެވެ. ސައިފްގެ އުޅުން ބަދަލުވެއްޖެ ކަމުގެ އުންމީދުގައެވެ. ނަމަވެސް މިއަދު އަނެއްކާ ވެސް އޭނާގެ އުންމީދުތައް ފުނޑުފުނޑުވެއްޖެ އެވެ. ވީރާ ހާމަނުކުރި ނަމަވެސް ޔަޝްފީގެ ހިތް ބުނީ ސައިފްއާއި ވީރާގެ ދެމެދުގައި ކަމެއް ހިނގައިފި ކަމުގައެވެ. ޔަޝްފީ އެއްޗެއް ބުނެފިނަމަ ސައިފް ބުނާނީ ކީކޭކަމާއި އޭނާގެ ޢަމަލުތައް ހުންނާނޭ ގޮތް މާކުރިން ވެސް އޭނާއަށް އެނގެއެވެ. އަބަދު އެއްވާހަކަތަކެއް އަޑުއަހާއަހާ ޔަޝްފީ ވެސް ވަރުބަލިވެއްޖެއެވެ. މީހަކާ އިނދެގެން ހުރުމަށްވުރެ އެކަނި ހުރުން ވެސް މާ ރަނގަޅުވާނޭ ޔަޝްފީގެ ހިތަށް އެރިއެވެ.
"ހޭޒަލް... އެއީ ސައިފް ބުނި ހޭޒަލްގެ ނަން، އޭނާ އެންމެ ލޯބިވި ކުއްޖާ... އޭނާ އިންނަން ބޭނުންވި ނީނދެވުނު ކުއްޖާ... ވީރާއަށް އޭނާ ވެސް އެނގޭ" ޔަޝްފީއަށް ހިތާހިތާ ބުނެލެވުނެވެ. ޔަޝްފީއާ ކައިވެނި ކުރުމުގެ ކުރީން ސައިފް އޮތީ އޭނާ ވަރަށް ގިނަ ކުދީންނާ ރައްޓެހިވިކަން ބުނެފައެވެ. އެހެންނަމަވެސް އޭނާ އެންމެ ލޯބިވި އަންހެންކުއްޖާ އޭނާ ދޫކޮށްލާފައި ދިޔައީކަން ބުންޏެވެ. އެ އަންހެންކުއްޖާއަށްފަހު އޭނާ ސީރިއަސްވި އަންހެންކުއްޖަކީ ޔަޝްފީކަން ސައިފް ބުންޏެވެ. އެ އަންހެންކުއްޖެގެ ނަން އެނގެން ބޭނުންވީ ޚުދު ޔަޝްފީއެވެ. ހޭޒަލްގެ ނަން ޔަޝްފީއަށް އެނގުނީ އެހެންވެއެވެ. ޔަޝްފީގެ ހިތުގައި ތަފާތު ގިނަ ސުވާލުތައް އުފެދުނެވެ. އޭނާއަށް ނޭނގި ސައިފް އެތައްކަމެއް ކުރާނޭކަން އެނގެއެވެ. އޭނާ ކެތްކޮށްލައިގެން ހުރީ ސައިފްގެ އަޅާލުމާއި ލޯބި އޭނާއާއި ދަރިފުޅަށް އުނިނުވާތީއެވެ.
* * * * *
އެއްމަސް ފަހެވެ. އޮފީހުގެ ބައްދަލުވުން ބާއްވާ ކޮޓަރީގައި ވީރާ އިނެވެ. އޭނާގެ ފޯނު ވައިބްރޭޓްވާން ފެށިއެވެ. އަވަސް އަވަހަށް ފޯނު މޭޒުމަތިން ނެގީ ކުރިއަށްދާ ބައްދަލުވުމުގައި ތިބި މީހުންނަށް އުނދަގޫވާނޭކަން އެނގޭތީއެވެ. ކޯލު ބިޒީކޮށްލުމުން ދެން އައީ މެސެޖެކެވެ. އޭނާއާ ގުޅަން މަސައްކަތް ކުރަނީ ނީލަމްއެވެ. ވަރަށް އަވަހަށް ގުޅުމަށް އޭނާ ބުނެފައި އޮތެވެ. ވީރާގެ ފަރާތުން ޚަބަރެއް ނުވުމުން އަނެއްކާ ވެސް ނީލަމް މެސެޖު ކުރިއެވެ. ޔަޝްފީ ގާތުގައި ވީރާ ކީކޭތޯ ކީ އަހާފައި އޮތެވެ. ވީރާ ދެކެ ނީލަމް ހިތްހަމަނުޖެހިއްޖެކަން ވެސް ބުނެފައި އޮތެވެ.
ގަޑިއެއްގެ އިރު ފަހުން ބައްދަލުވުން ނިންމާލައި ކޮފީ ބޯ ކޮޓަރީގެ ބެލްކަންޏަށް ވީރާ ނުކުތެވެ. އޭނާ ނީލަމްއަށް ގުޅިއެވެ. ފޯނުކޯލު ނެގުމާއެކު ނީލަމް އެއްޗެހި ކިޔަން ފެށިއެވެ. ޔަޝްފީ ކައިރީ ފާޑުފާޑުގެ ވާހަކަ ވީރާ ދައްކަން ޖެހުނީ ކީއްވެތޯ އޭނާ އެހިއެވެ. ވީރާއާއި ސައިފް އުޅެނީ ރައްޓެހިވެގެންތޯ ވެސް އޭނާ އެހިއެވެ. ވީރާއަށް ހައިރާންކަމެއް ލިބުނީ ޔަޝްފީއާ ވާހަކަދެއްކިތާ އެތައް ދުވަހެއް ފަހުން ނީލަމް ގުޅާފައި އެ ވާހަކަތައް ދައްކާތީއެވެ. ވީރާއަށް އަހާލެވުނީ ނީލަމް ކައިރީ ޔަޝްފީ ބުނީ ކީކޭތޯއެވެ. އެއާއެކު ނީލަމް ވަކިން ރުޅި އަތުވެއްޖެއެވެ. ހަމައެވަގުތު ނީލަމްގެ ކޯލުގައި ހުއްޓާ ސައިފްގެ ކޯލެއް އަތުވެއްޖެއެވެ. ކޮންމެވެސް ބޮޑުކަމެއް ހިނގީބާއޭ ވީރާގެ ހިތަށް ވަގުތުން އެރިއެވެ. ނީލަމް ދައްކާ ވާހަކައަށް ސަމާލުކަމެއްނުދީ ފޯނުކޯލެއް އަންނަކަން ވީރާ ބުނެލިއެވެ. ނަމަވެސް ސައިފްގެ ކޯލު ނުނެގެނީސް އޭނާގެ ކޯލު ކެނޑިއްޖެއެވެ. ފަހަރެއްގައި އޭނާ ފޯނެއްގައި ހުރީކަން ސައިފްއަށް އެނގުނީއެވެ.
"އެ ދެމީހުން ވަރިވެއްޖެ... ކަލެއާ ހެދި" ފޯނު ބާއްވަން ބޭނުންނުވެ ނީލަމް ބުނެލީ ރުޅީގެ ހަރުކަށިކަމާއެކުއެވެ.
"ރަނގަޅެންނު، އެކަން ވެސް އެ ނިމުނީނު، ސައިފު ބުނެފަ އޮތީ އަންހެނުން ކަމުނުދާތީ ވަރިކުރާނޭ ފުރުޞަތެއް ނުލިބިފައޭ މިހުންނަނީ، ދަރިފުޅަށް ޓަކައޭ މިހާ ދުވަހު ވެސް މިއުޅުނީ..." ވީރާ ވެސް ހުރީ އޭނާގެ ގޮތުގައެވެ. ނީލަމް ރުޅިއައެއްކަމަކު ވީރާގެ ހިތަކަށް އެއްވެސް އެއްޗެއް ނާރައެވެ. އޭނާއަށް ޔަޝްފީއެއް ވެސް ނީލަމެއް ވެސް މުހިންމެއްނޫނެވެ. އެމީހުންނަކީ އޭނާއާ ބެހޭ ބައެއްނޫނެވެ. ވީރާއަށް މުހިންމީ އޭނާގެ އަމިއްލަ ނަފްސެވެ.
ނީލަމްގެ ރުޅި އިންތިހާއަށް ދިޔައެވެ. އޭނާ ވީރާގެ ގޮތެއްފޮތެއް ނެތްކަމާމެދު އެއްޗެހި ކިއެވެ. އެ ދެމެދުގައި އޮތް އެކުވެރިކަން ނިމިއްޖެކަން ނީލަމް ޢިއުލާންކުރިއެވެ. ވީރާގެ ގޮތް އޭނާއަށް ވަރަށް ރަނގަޅަށް ދަސްވެއްޖެކަން ބުންޏެވެ. ވީރާގެ ހުރި ބޮޑާކަން ނެތިގެންދާނޭ ދުވަހެއް އަންނާނޭކަން ނީލަމް ބުންޏެވެ. އޭނާއާއި ޔަޝްފީގެ ދިރިއުޅުމަށް ވީރާ ވަނީ ސައިފްގެ ސަބަބުންކަން މިހާރު ޔަގީންވެއްޖެއޭ ނީލަން ބުންޏެވެ. ސައިފްގެ ގާތުން ވަރިވީ ޔަޝްފީކަމާއި އެކަމާ ސައިފް އެއްގޮތަކަށް ވެސް ޤަބޫލުނޫންކަން ނީލަމް ބުންޏެވެ. ސައިފްއާ ހެދި ހޭބަލިވެގެން އުޅޭ ގޮތެއްފޮތެއްނެތް އަންހެނެއްގެ ގޮތުގައިކަން ވީރާ ސިފަކުރީ، ނީލަމް ބުންޏެވެ. އަދި އޭނާ ދުވަހަކު މީހަކާ ނީނދެ ހުއްޓަސް ވީރާއޭ ކިޔާ އަންހެނަކާ ނީންނާނަމޭ ބުނިކަން ވެސް ނީލަމް ބުންޏެވެ.
ނީލަމް ވާހަކަދައްކަކާ ހުއްޓާ ވީރާ ފޯނުކޯލު ކަނޑާލީއެވެ. ނީލަމްގެ އެ ވާހަކަތައް ވީރާއަށް ވީ ބޭކާރު ވާހަކަތަކަކަށެވެ. އެކުވެރިކަން ބާއްވަން ބޭނުންނުވާ މީހަކާ ގާތްކަން ބާއްވާކަން ވީރާ ވެސް ބޭނުމެއްނޫނެވެ. އޭނާއަށް އަމިއްލައަށް ހެދޭ ގޯސްތަކެއް ނުފެނެއެވެ. ފެށުނީއްސުރެން އޭނާއަކީ އޭނާގެ އަމިއްލަ އުސޫލުތަކެއް ގެންގުޅޭ އަންހެނެކެވެ. މީހުން ކިޔާހާ އެއްޗަކަށް ފަރުވާލެއް އޭނާގެ ނެތެވެ. ބޮޑާ ކިބުރުވެރި އަންހެނޭ ބުންޏަސް ވީރާއަށް އެ އަޑު އިވޭކަމަށް ވެސް ނުވާނެއެވެ. ނީލަމްގެ ކޯލު ކަނޑާލުމާއެކު އަވަހަށް ސައިފަށް އޭނާ ގުޅިއެވެ. ނަމަވެސް އެ ނަންބަރަށް ގުޅޭ ގޮތެއް ނުވިއެވެ. އެ ނަންބަރަށް ނުގުޅޭ ގޮތް ސައިފް ހެދީކަން ވީރާއަށް އެނގުނެވެ. އޭނާއަށް ރުޅި އާދެވުނީ ނީލަމް ދެކެއެވެ. އެވަގުތު އޭނާގެ ކޯލުގައި ނެތްނަމަ ސައިފްގެ ކޯލު ވަގުތުން ނެގުނީހެވެ. އޭނާ ކޮންމެ ދުވަހަކު ސައިފަށް ގުޅޭތޯ ބަލައެވެ. އެންމެފަހުން ސައިފް ގުޅި ފަހަރު ފޯނުކޯލު ނުނެގުނީމަ އަނެއްކާ ވެސް އެ ފުރުޞަތު ގެއްލުނީކަން ވީރާއަށް އިޙްސާސް ވިއެވެ.
އޮފީހުގެ މަސައްކަތުގައި އިން ވީރާގެ ފޯނަށް ފޭސްބުކް ނޮޓިފިކޭޝަންތައް އަންނަން ފެށިއެވެ. ނުވެސް ދަންނަ ގިނަ އަދަދެއްގެ ބަޔަކު ފްރެންޑްރިކުއެސްޓް ފޮނުވަނީއެވެ. މިވަނީ ކިހިނެއްކަމެއް ވީރާއަކަށް ނޭނގުނެވެ. ޗެޓު ކުރުމުގެ ރިކުއެސްޓުތައް ވެސް އޭނާއަށް ލިބެންފެށިއެވެ. ނުދަންނަ ނަންބަރުތަކުން ވީރާގެ ފޯނަށް ކޯލު ވެސް އަންނަން ފެށީއެވެ. ދެ ނަންބަރަކުން އައި ކޯލެއް ވީރާ ނެގިއެވެ. ނަމަވެސް ކޯލު ކަނޑާލަން ޖެހުނީ އެ މީހުން ދެއްކި ވާހަކައިންނެވެ. ކޯލު ނުނެގީމާ ފޯނަށް މެސެޖު ވެސް އަންނަނީއެވެ. ލަދުވެތިވާފަދަ ވިޔާނުދާ ވާހަކަ ދައްކާފައި ހުންނަ މެސެޖުތަކެވެ. ވީރާއާއެކު ވަގުތު ހޭދަކުރަން ބޭނުންވާ ފިރިހެނުން ތިބިކަމުގެ މެސެޖުތަކެވެ. ބައެއްމީހުން އަގަކީ ކޮބާތޯ ވެސް އަހާފައި ހުއްޓެވެ. ވީރާގެ ހަށިގަނޑާ ބެހޭ ގޮތުން ވެސް އެމީހުން ވާހަކަދައްކާފައި ހުއްޓެވެ. ކަންބޮޑުވެ ހާސްވީވަރުން ހަދާނޭ ގޮތެއް ނޭނގި ވީރާ އަވަހަށް ފޯނު ނިއްވާލީއެވެ. ފޯނަށް ކޯލު އަންނަނީ މެދުކެނޑުމެއްނެތި ވިއްޔާއެވެ. އޭނާއަށް ކަމަކާ މެދު ވިސްނާލާނޭ ފުރުޞަތެއް ވެސް އެކަމުގެ ސަބަބުން ނުލިބުނެވެ. ނިވިފައި އޮތް ފޯނަށް އިރުކޮޅަކު ވީރާ ބަލަން އިނދެފައި ފުންނޭވާއެއް ހަށިފުރާލިއެވެ. މޭޒުމަތީ ހުރި އޮފީހުގެ ފޯނުން ސައިފަށް ގުޅޭތޯ ވީރާ ބެލިއެވެ. ކޯލު ގުޅި އަނެއްކޮޅުން ފޯނު ރިންގުވާކަން އެނގުނެވެ. މިނޫނީ ވީރާގެ އޮފީސް ނަންބަރަކުން ސައިފަށް ނުގުޅައެވެ. ފޯނުކޯލު ސައިފް ނެގީ އެހެންވެގެންކަމަށް ވެދާނެއެވެ. ނަމަވެސް ވީރާގެ އަޑު ޖެހުމާއެކު އޭނާއަށް އެއީ ވީރާކަން އެނގިއްޖެއެވެ. ވަގުތުން ވީރާއަށް އެއްޗެއް ބުނާނޭ ފުރުޞަތެއް ނުދީ ބާޒާރުމަތީގެ އެންމެ ހުތުރު ބަހުރުވައިން އެއްޗެހި ގޮވާފައި ސައިފު ކޯލު ކަނޑާލައިފިއެވެ.
"އޭތް!... ކިހިނެއް ހަދައިގެން ތިއުޅެނީ" ހާސްވެފައި ހުރި ސަނާ އައިސް ވީރާގެ މޭޒުދޮށުގައި ހުއްޓުމާއެކު ވާހަކަދެއްކީ ނިކަން ކަންބޮޑުވެފައި ހުރެއެވެ. ވީރާއަށް ހައިރާންކަމެއް ލިބުނީ ސަނާ ސިއްރުން ވާހަކަދެއްކީމައެވެ.
"ކިހިނެއްވީ؟..." ވީރާއަށް އަހާލެވުނެވެ.
"ނޭނގޭތަ؟... އެފްބީއަށް ވަދެބަލަ... ޕޭޖެއްގަ ޔޫގެ ވަރަށް އެހެންކަހަލަ ފޮޓޯތަކަކާ ވީޑިއޯއެއް އެބައުޅޭ" ސަނާގެ އަނގައިގަ ބަސްއޮއްވަ ވީރާއަށް ތެޅިގަނެވުނެވެ.
ނިއްވާލި ފޯނު ވަގުތުން އޮން ކޮށްފިއެވެ. "ދިވެހި ފައްކާ ބިޓެއް"ގެ ނަމުގައި ހަދާފައި އޮތް ފޭސްބުކް ޕޭޖަށް ވަނުމަށް ސަނާ ބުންޏެވެ. އޭނާއަށް ވެސް ފެނުނު އެއްޗެހީގެ ތަފްސީލު ދޭކަށް ނުކެރުނެވެ. އެ ބުނާ ޕޭޖެއްގެ އެންމެ ފަހުގެ ޕޯސްޓުތައް ފެނި ވީރާގެ އަތުން ފޯނު ދޫވެ ތަޅުންމައްޗަށް ވެއްޓުނެވެ. ބޭރަށް ވީރާ ލަމުންދިޔަ ނޭވާ ހިނދުރީގަ ތަށިވި ކަހަލައެވެ. ބުނާނޭ އެއްޗެއް ނޭނގި ވީރާގެ ދޫ ހަރަކާތެއްނުކުރިއެވެ. ވެއްޓުނު ފޯނު ނަގާދިނީ ވެސް ސަނާއެވެ. އޭނާ ވީރާގެ މޭޒުމަތީ ފޯނު ބާއްވާލިއެވެ.
"ކާކު ކުރިކަމެއްމީ... މީހަކު ލަނޑެއް ދިނީ ދޯ... އަވަހަށް ޕޮލިހަށް ރިޕޯޓުކުރޭ..." ސަނާ ފެންނަނީ ވީރާއާ މެދު ހަމްދަރުދީވެފައި ހުރި މީހަކު ފަދައިންނެވެ. ނޫނީ އޭނާ އެވަނީ އެކަން ހިނގައިދިޔަ ގޮތާމެދު ޝައުގުވެރިވެފައެވެ.
"މިތާ... އެންމެން... އެންމެން ބެލީތަ؟" އިންތިހާއަށް ހާސްވެފައި ހުރެ ވީރާއަށް އަހާލެވުނެވެ.
"ނޭނގެ... މަށަށް ވެސް އެ ޕޭޖުގެ ލިންކު މީހަކު ފޮނުވީ، އަވަހަށް އެކައުންޓް ޑީއެކްޓިވޭޓްކޮށްލާ، ވީރާގެ ހުރިހާ އިންފޯއެއް އެމީހަކު އެއޮތީ ލީކްކޮށްލާފަ... ހާދަ ނުލަފާ މީހެކޭ... މިހާރު އެކަހަލަ ކަންކަން ޢާންމުވެފައިވާއިރު ވީރާ ވެސް ތިކުރީ ހާދަ ނުވިސްނޭ ކަމެކޭ... އެކަހަލަ އެއްޗެހި މީހެއްގެ އަތަށް ދޫކޮށްލާކަށްނުވާނެއެއްނު" ސަނާ ބުންޏެވެ.
"އަހަރެން ދަނީ..." ވީރާ ކުއްލިއަކަށް ގޮނޑިން ތެދުވިގޮތަށް އަތްދަބަހަށް އޭނާގެ ސާމާނުތައް އަޅަންފެށިއެވެ. އޮފީސް ގަޑި ނިމެން އޭރު ކައިރި ވެސް ނުވެއެވެ. ސަނާއަށް ވެސް ބަލަން ހުރެވުނީއެވެ. މޭޒުމަތި ތަރުތީބުކުރުމެއް ވަތްގަނޑުތައް ތަޅުލުމެއް ވެސް ނެތި ވީރާ އަތްދަބަސް ހިފައިގެން ހަލުވިކޮށް ހިނގައިގަތެވެ. އޮފީސް ތެރޭގެ އެއްވެސް މީހަކަށް ފެންނާކަށް އޭނާ ބޭނުމެއްނޫނެވެ. އިސްއޮބާލައިގެން ބާރުބާރަށް ވީރާ އޮފީހުން ނުކުތެވެ. ދުނިޔެމަތި އޮތީ ބަނަކޮށް ނަމަވެސް ވީރާގެ ލޮލަށް އަވިއައިނު ހެޔޮވަރުކޮށްލިއެވެ. ޓެކްސީއެއް ލިބޭތޯ އޭނާ ބެލީ ވެސް އޮފީހުން ނުކުމެގެން ގޮސް މާ ދުރުގައި ހުރެއެވެ. ޓެކްސީއެއް ލިބޭގޮތް ނުވުމުން އޭނާ ހިނގައިގަތެވެ. ސައިފް ނޫން ދެވަނަ މީހަކު ކުރިކަމެއްނޫންކަން ވީރާއަށް އެނގެއެވެ. މީހަކު މަރާލުމަކީ ބޮޑުވެގެންވާ ކުށަކަށް ވިޔަސް މިވަގުތު ވީރާ ބޭނުންވަނީ ސައިފްގެ ފުރާނަ ދަމައިގަންނާށެވެ. ހަށިގަނޑުގެ ގުނަވަންތައް ވަކިކޮށް މަސްތައް އިރާ ކުދިކުރާށެވެ. އެހާ ވެސް ސައިފްދެކެ އޭނާ އެ ހުރީ ރުޅި އައިސްފައެވެ.
އެހެން ދުވަސް ދުވަހާ ޚިލާފަށް މަގުމަތިން މީހުން މާގިނައިން ބަލާހެން ވެސް ވީރާއަށް ހީވިއެވެ. އެމީހުން އެބަލަނީ ވީރާއަށް މަލާމާތްކޮށް އޭނާ އިތުރަށް ފަޟީޙަތްކުރަން ކަމުގައި އޭނާއަށް ހީވެއެވެ. އެމީހުންގެ ލޯތައް ކަނުވާނެނަމައޭ ވީރާގެ ހިތަށް އަރައެވެ. ކެތްކުރަން ދަތިވެ ބިންގަނޑު ތެރެއަށް އޭނާ ލައި ފޮރުވާލާނެނަމައޭ ވެސް ހިތަށް އެރިއެވެ. މަގުމަތިން ދާ ޓެކްސީތަކަށް އަތްހިއްލަމުން އޭނާ ކުރިއަށް ދިޔައެވެ. ނަސީބު ކަންދިމާކުރި ގޮތުން ޓެކްސީއެއް ހުއްޓިއެވެ. އަވަހަށް އެއަށް ވީރާ އެރިއެވެ. މީހުންގެ ބެލުންތަކުން ސަލާމަތްވެވުނީތީ އޭނާއަށް ނޭވާލާން ތަންކޮޅެއް ފަސޭހަވިއެވެ. އެހެންވިޔަސް ކާރުތެރޭގައި ވެސް އޭނާ އިނީ ދެކަކުލުގައި އަތްއަޅުވާލައިގެން ގުދުވެލައިގެންނެވެ. ޑްރައިވަރަށް ވެސް އޭނާގެ މޫނު ދައްކަން ބޭނުންނުވެފައެވެ.
ފައިސާ ދީފައި ކާރުން ފޭބި ގޮތަށް ދުވެފައި ގެއަށް ވީރާ ވަނެވެ. އޭނާ ދިރިއުޅޭ ބަޔަށް ވަންނަން އައިއިރު ސިޓިންރޫމުގައި އެކަކު ވެސް ނެތުމަށް ހިތާހިތާ ދުޢާކުރިއެވެ. އެޕާޓްމެންޓުގެ މައިދޮރު ވީރާ ހުޅުވީ އިންތިހާއަށް ޖެހިލުންވެފައި ހުރެއެވެ. ސިޓިންރޫމުގައި މީހަކު ފެންނާކަށް ނެތެވެ. ނަމަވެސް ބަދިގެ ފަރާތުގައި ބަޔަކު އުޅޭކަމުގެ ހިލަން ވިއެވެ. ދޮރުލައްޕާ ތަޅުލުމާއެކު ހަލުވިކޮށް ވީރާ އައިސް ކޮޓަރިއަށް ދެމިގަނެއްޖެއެވެ.
"ސައިފް!..." ރުޅިއައިސް ރަތްވެފައި ހުރެ ވީރާއަށް ބުނެވުނެވެ. އެނދުމައްޗަށް ޖެހިގަތުމާއެކު އޭނާގެ ލެޕްޓޮޕް ވަގުތުން ހުޅުވިއެވެ. ފޭސްބުކްއަށް ވަނެވެ. ސަނާގެ ކުރިމަތީ ހުރިހާ އެއްޗެއް ބަލަން ވީރާއަށް ނުކެރުނީއެވެ. ޕޭޖުގައި ހުރި ފޯސްޓުތައް ބެލި ވަރަކަށް ވީރާ ބަލިކަށިވަމުންދިޔައެވެ. ރުޅިއަށްވުރެ އޭނާގެ ނަފްސުގެ މައްޗަށް ލަދުވެތިކަން ވެރިވަމުންދިޔައެވެ. ކޮޓަރިއެއްގެ ތެރޭގައި ވީރާ ބަރަހަނާ ވަނިކޮށް ނަގާފައި ހުރި ފޮޓޯތަކެވެ. ވީޑިއޯގައި ފެންނަނީ ވީރާ ފާޚާނާއިން ނުކުމެ ގައި ހިއްކާ ރީތިވުމަށްފަހު ހެދުން ލާތަނެވެ. އޭނާއަށް ވެސް ނޭނގި ކޮށްފައި ހުރި ވީޑިއޯއެކެވެ. އޭގައި އޭނާ ސައިފްއާ ވާހަކަދައްކައެވެ. ނަމަވެސް ސައިފްގެ ނަންކިޔާ ކޮންމެ ތަންކޮޅެއްގެ އަޑު ހުރީ ކަނޑާފައެވެ. މުޅި ދުނިޔެއަށް ފަޟީޙަތްވެ ނިމިއްޖެކަން ވީރާއަށް އިޙްސާސް ކުރެވުނެވެ. އޭނާގެ ދެ ލޯ ފުރުނީ ބޭއިޚްތިޔާރުގައެވެ. ޢާއިލާގެ މީހުންނަށް އެނގޭކަށް އޭނާ ނޭދެއެވެ. އެކަމަކު ފޭސްބުކްއަކީ ހުރިހާ އުމުރުފުރައެއްގެ މީހުން ބޭނުންކުރާ އެއްޗެކެވެ. ޢާއިލާތަކާއި އެކުވެރީންނާއި ނުވިތާކަށް ތިމާގެ ދުޝްމިނުން ވެސް އެންމެ ގިނަ އެއްތަނެވެ. އަނގަމަތީ އަތްއަޅާލެވުމާއެކު ވީރާއަށް ރޮވެނީއެވެ. ދެން ހަދާނީ ގޮތެއް އޭނާއަކަށް އެއްގޮތަކަށް ވެސް ނުވިސްނުނެވެ. ފުލުހުންނަށް ރިޕޯޓްކޮށްފިނަމަ ޢާއިލާއަށް ނޭނގި ނުދާނެއެވެ. ނުކުރާކަމެކޭ، އެޑިޓްކޮށްފައޭ ހުރީ ބުނެވޭވަރަށްވުރެ ފޮޓޯތަކާއި ވީޑިއޯގެ ކޮލިޓީ ރަނގަޅުވެފައި އަސްލުކަން އެނގޭހާ ވެއެވެ. އެފަދަ ދޮގެއް ވެސް ހެދޭކަށް ނެތްކަން ވީރާއަށް ވިސްނުނެވެ. އިރުކޮޅަކު ލެޕްޓޮޕްގެ އިސްކުރީނަށް ބަލަން އިނުމަށްފަހު ވީރާގެ ފޭސްބުކް އެކައުންޓް ޑީއެކްޓިވޭޓް ކޮށްފިއެވެ.
ފޯނު ނަގާ ސައިފްއަށް ވީރާ ގުޅިއެވެ. އޭނާގެ ނަންބަރަށް މެސެޖު ވެސް ކުރިއެވެ. ސީކްރެޓް ޗެޓަކުން ސައިފް ގޮވިއެވެ. އޭނާ ވީރާއަށް ދިން ހަދިޔާ ކިހިނެއްތޯ އެއްސެވެ. ގޮތް ހުސްވެފައި ވިޔަސް ބަލިވެއްޖެކަން ޤަބޫލުކުރާކަށް ވީރާ ބޭނުމެއްނުވިއެވެ. ސައިފްގެ ފޮޓޯތަކެއް ވެސް ވީރާގެ އަތުގައި އެބަހުރިކަން އޭނާ ބުންޏެވެ. އެއާއެކު ސައިފް ފޮނުވާލީ އީމޯޖީ ހިނިގަނޑެކެވެ. އެ ދެ މީހުން ބައްދަލުވާ ކޮންމެ ފަހަރަކު ވީރާގެ ފޯނު ޗެކުކުރަން ކަމުގައި ސައިފް ބުންޏެވެ. އޭނާއަކީ ވީރާ ކަހަލަ ގަމާރެއްނޫނޭ ބުންޏެވެ. އަދިވެސް ތިމާވަރުގެ މީހެއް ނެތިގެން އުޅޭށޭ ބުނެ ވީރާއަށް ސައިފް މަލާމާތްކުރިއެވެ. އޭނާގެ ގާތުން ޔަޝްފީ ވަރިވިކަމުގެ ބަދަލުކަން ހިފީ ސައިފް ބުންޏެވެ. ޔަޝްފީގެ ކައިރިއަށް ގޮސް ފާޑުފާޑުގެ ވާހަކަ ނުދެއްކުމަށް ވީރާއަށް ސައިފް ދިން އިންޒާރުގެ މަތިން ހަނދާން ހުރިނަމަ މިހެނެއްނުވީހޭ ސައިފް ބުންޏެވެ. ރުޅިއައި ނަމަވެސް ވީރާއަށް ކުރި ނުލިބޭނެކަން ޤަބޫލުކުރަން މަޖުބޫރުވިއެވެ. ސައިފް ގާތުން ފޭސްބުކްގަ ހުރި އެއްޗެހި ނަގާނީ ކިހިނެއް ހެދީމަތޯ ވީރާ އެއްސެވެ. ސައިފް އެ ސުވާލަށް ޖަވާބެއް ނުދިނެވެ. އޭނާ ދެން ޝުކުރު އަދާކުރީއެވެ. ހޭޒަލް މިނިވަނަކަށްވީކަމުގެ ޚަބަރު ލިބިއްޖެކަން ބުނަމުންނެވެ. ވީރާއަށް ފޯނު ހޫރުވާލެވުނެވެ.
* * * * *
ހަލުވިކޮށް ވަދެގެން އައި ލިއަމް ފުރަތަމަ ވެސް ޓަކި ދިނީ ވީރާގެ ކޮޓަރީގައެވެ. ކެތްތެރިކަން ކުޑަވެފައި ހުރެ މުހުސިނާއަށް އޭނާ ގޮވާލިއެވެ. ދެން އޭނާ ބަދިގެ ފަރާތަށް އައެވެ. އޭރު މުހުސިނާ ނުކުންނަނީއެވެ. އަވަސްއަވަހަށް ލިއަމް އަހާލީ ވީރާ ކޮބާތޯއެވެ. މުހުސިނާއަށް ވީރާ ގެއަށް އައިކަމެއް ނޭނގެއެވެ. ސޯޝަލް މީޑިއާގައި ހަލުވިކަމާއެކު ފެތުރެމުން ދިޔަ އަންހެންކުއްޖާގެ އެއްޗެހި ލިއަމްއަށް ވެސް ފެނުނީއެވެ. އޭނާ ފަރުވާތެރިކަމާއެކު މުހުސިނާއަށް ބަލާލިއެވެ. ހިތުގައި އޮތް އެއްޗެއް ފާޅުކުރަން ޖެހިލުންވިއެވެ. ވީރާއަކީ ޢާއިލާގައި ހުރި ހަމައެކަނި އަންހެންކުއްޖާއެވެ. ހުރިހާ ކުދީންގެ ތެރެއިން ހަގު ކުއްޖާއެވެ. އެންމެންގެ ސަމާލުކަމާއި ލޯބި ލިބިފައިވާ ކުއްޖާއެވެ. (ނުނިމޭ)