އަބްދުﷲ ޝާހިދު

ޝާހިދުގެ ދަތުރުތަކަށް ޚަރަދުވީ 2.8 މިލިއަން ރުފިޔާ

Jan 7, 2020
7

މި ސަރުކާރުގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުގެ ފުރަތަމަ އަހަރުގެ ދަތުރުތަކަށް ޚަރަދު ކުރީ 2.8 މިލިއަން ރުފިޔާ ކަމަށާއި އެ ދަތުރުތަކުގައު ބޭރުގެ ހިލޭ އެހީގެ ގޮތުގައި 3.21 ބިލިއަން ރުފިޔާ ލިބިފައިވާ ކަމަށް ފޮރިން މިނިސްޓްރީން ބުނެފި އެވެ.

ފޮރިން މިނިސްޓްރީ ބުނީ މައުލޫމާތު ހޯދުމާއި ލިބިގަތުމުގެ ހައްގުގެ ދަށުން، ޝާހިދު، ނޮވެމްބަރު 17، 2018 އިން މިދިއަ ނޮވެމްބަރު 17 އަށް ކުރެއްވި ރަސްމީ ދަތުރުފުޅުތަކާއި، ދަތުރުފުޅުތަކުގެ ޚަރަދުގެ ތަފްސީލް ހޯދަން އަމިއްލަ ފަރާތަކުން ހުށަހެޅުމުން އެ މައުލޫމާތު އެ ފަރާތާ މިއަދު ހިއްސާކޮށްފައިވާ ކަމަށެވެ.

ނޮވެންބަރު 17، 2018 މިދިއަ ޑިސެމްބަރު 31 އަށް މިނިސްޓަރު ޝާހިދު ރަސްމީ ދެ ދަތުރުފުޅެއް ކުރައްވާފައިވާއިރު، މި ދެ ދަތުރުފުޅުގެ ޖުމްލަ ޚަރަދެއް ގޮތުގައި ހިނގާފައިވަނީ 194،590.40ރުފިޔާ އެވެ.

އަދި 2019 ވަނަ އަހަރު ޖެނުއަރީ 1 އިން 2019 ނޮވެމްބަރު 17 އަށް މިނިސްޓަރު ޝާހިދު ކުރެއްވި 18 ދަތުރުފުޅަކަށް ޖުމްލަ 2،646،289.1 ރުފިޔާ ޚަރަދުވެފައި ވެއެވެ. އެހެންކަމުން މި ސަރުކާރުގެ ވަޒީރުކަމާއި ހަވާލުވެ ވަޑައިގެންނެވި އެއް އަހަރު ތެރޭ ޝާހިދު ކުރައްވާފައިވާ 20 ދަތުރުފުޅަކަށް ޚަރަދުވެފައިވަނީ 2،840،879.54 ރުފިޔާ އެވެ.

މިނިސްޓްރީން ބުނީ ޝާހިދުގެ ދަތުރުފުޅުތަކަކީ އެކިއެކި ގައުމުތަކުގެ ހާރިޖީ ވަޒީރުންނާއި ބައްދަލު ކުރެއްވުމަށް އެ ޤައުމުތަކަށް ކުރެއްވި ބައިލޭޓަރަލް ދަތުރުފުޅުތަކަކާއި ރާއްޖެ ބައިވެރިވެފައިވާ ބައިނަލްއަގުވާމީ އެކި ޖަމްއިއްޔާ ޖަމާޢަތްތަކުގެ މަތީ ފެންވަރުގެ ބައްދަލުވުންތަކުގައި ބައިވެރިވެވަޑައިގަތުމަށް ކުރެއްވި ދަތުރުފުޅުތަކެވެ. މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ ބައެއް ގައުމުތަކަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުތަކުގައި މިނިސްޓަރު ބައިވެރިވެވަޑައިގަތުމަށް ކުރެއްވި ދަތުރުފުޅުތައް ވެސް ހިމެނެ އެވެ.

މިނިސްްޓްރީން ބުނީ ޝާހިދުގެ ދަތުރުފުޅުތަކުގެ ސަބަބުން ބައިނަލްއަގުވާމީ މުޖްތަމައާއި ރާއްޖެއާއި އޮންނަ ގުޅުން ބަދަހިވެ ގުޅުންތައް ވަރުގަދަވެ، ބައިނަލްއަގުވާމީ މަސްރަހުގައި ރާއްޖެއަށް މަގާމެއް ހޯދިފައިވާ ކަމަށެވެ.

އަދި މި ގުޅުންތަކާއިއެކު، ރާއްޖެއަށް ހިލޭ އެހީގެ ގޮތުގައި އެ މުއްދަތުގެ ތެރޭގައި ހެޔޮއެދޭ ބައެއް ގައުމުތަކުން، ހިލޭ އެހީގެ ގޮތުގައި 3.21 ބިލިއަން ރުފިޔާ ރާއްޖެއަށް ދީފައިވާކަން ކަމަށެވެ.