ކައުންސިލްތަކުން އަންހެނުންނަށް ގޮނޑިތަކެއް ހާއްސަ ކުރުމުން ވެދާނެ ގޮތެއް ކަމަށް އިޝާރާތް ކުރައްވާ މަޖިލީހުގެ ކެލާ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފު ކުރެއްވި ޓްވީޓަކާއި ގުޅިގެން އޭނާއަށް ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުވެއްޖެ އެވެ.
އެމްޑީޕީއަށް ނިސްބަތްވާ އެ މެންބަރު އިއްޔެ ކުރެއްވި ޓްވީޓެއްގައި ސުވާލު ކުރައްވަނީ ރަށު ކައުންސިލް އަދި ސިޓީ ކައުންސިލްތަކުން އަންހެނުންނަށް ގޮނޑި ކަނޑައެޅުން އަދި އަންހެނުން ކޮމެޓީ އިންތިހާބު ކުރުން ފަދަ ކަންކަމުން ގައުމުގެ އާބާދީ އިތުރުވުމަށް ހުރަހެއް ކުރިމަތި ނުވާނެތޯ އެވެ.
އޭނާ އެ ސުވާލު ކުރެއްވީ އެއީ އޭނާގެ އަމިއްލަ ހިޔާލެއް ކަމަށް ވިދާޅު ވެއެވެ.
އެ ޓްވީޓަށް ވަރަށް ގިނަ ބަޔަކު ވަނީ ފާޑުކިޔާފަ އެވެ. ފާޑު ކިޔުންތަކާއި ގުޅިގެން މެންބަރު ވަނީ އިތުރު ޓްވީޓްތަކެއް ވެސް ކުރައްވާފަ އެވެ.
އެ ޓްވީޓްތަކުގައި އޭނާ ވިދާޅުވީ އޭނާގެ ޓްވީޓްގައި އެވަނީ އަމިއްލަ ހިޔާލެއް ކަމަށެވެ. އަދި އެ ޓްވީޓުން އެއްވެސް އަންހެން ބޭފުޅަކަށް ބުރަ ބަހެއް ރައްދުވާނަމަ އެކަމާ ދެރަވާ ކަމަށެވެ.
"އަންހެން ބޭފުޅުން ބާރުވެރި ވެގެން ނޫނީ ފަސްމީރު މުޖްތަމައުއެއް ނުލިބޭނެ ކަމީ އެއްވެސް ބޭފުޅަކު ޝައްކު ކުރާނެ ކަމެއް ނޫން." ފަހުން ކުރެއްވި ޓްވީޓެއްގައި ރާގު ބަދަލު ކުރައްވާ މެންބަރު ވިދާޅުވެފައި ވެއެވެ.
ކުރިއަށް އޮތް ކައުންސިލް އިންތިހާބުގައި ރަށްރަށުގެ ކައުންސިލާއި، ސިޓީތަކުން 33 ޕަސެންޓް ގޮނޑި ހާއްސަ ކުރާނީ އަންހެނުންނަށެވެ. މިއީ ރާއްޖޭގެ ތާރީހުގައި ވެސް އިންތިހާބުކުރާ މަގާމުތަކެއްގައި އަންހެނުން އެންމެ ގިނަ އަދަދަކަށް ތިބޭނެ ފަހަރެވެ.