ރައްޔިތުންގެ މަޖިލީހުގެ ކެލާ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފުގެ ނަން އިއްވާ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއިން ނެރެފި އެވެ.
މެންބަރު އިބްރާހީމް ޝަރީފުގެ ނަން އިއްވާ މަޖިލީހުން ބޭރުކޮށްލީ މަޖިލީހުގެ ރިޔާސަތަށް ވިލުފުށީ ދާއިރާގެ މެންބަރު ހަސަން އަފީފު ވަޑައިގަންނަވަނީ މަޖިލީހުގެ ގަވާއިދާ ހިލާފަށް ކަމަށް ވިދާޅުވެ އަޑުގަދަ ކުރެއްވުމުންނެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ގައްދޫ ދާއިރާގެ މެންބަރު އަހްމަދު ޒާހިރު ބަހުސް ކުރައްވަމުން ގެންދަވަނިކޮށް ނިޒާމީ ނުގުތާއެއް ނަންގަވާ އިބްރާހީމް ޝަރީފް ވިދާޅުވީ ރިޔާސަތަށް ވަޑައިގެންނެވޭނީ މަޖިލީހުގެ ރައީސް ނުވަތަ ނައިބު ރައީސް ސަބަބު ބަޔާންކޮށް އެންގުމަށްފަހު ކަމަށް މަޖިލީހުގެ ގަވާއިދު ބުނާ ކަމަށެވެ.
ބަހުސްގައި ފުރުސަތު ލިބިވަޑައިގަތުމުންވެސް މެންބަރު ވަނީ އެ ވާހަކަތައް ތަކުރާރު ކުރައްވާފަ އެވެ.
"މަޖިލީހުގެ ގަވާއިދާ ހިލާފުވީމަ ނަން އިއްވަނީ. އެހެންވީމަ ކެލާ ދާއިރާގެ އިއްޒަތްތެރި މެންބަރު މަޖިލީހުގެ މާލަމުން ނިކުމެވަޑައިގަންނަވާ،" ރިޔާސަތުގައި އިންނެވި ހަސަން އަފީފު ވިދާޅުވި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ދާންދޫ ދާއިރާގެ މެންބަރު ޔައުގޫބު އަބްދުﷲގެ ނަން އިއްވާ ވަނީ މަޖިލީހުން ބޭރުކޮށްފަ އެވެ.