ސިދާރްތު މަލްހޯތުރާ އާއި ޝްރައްދާ ކަޕޫރު ލީޑް ރޯލަށް ލައިގެން ޑައިރެކްޓަރު މޯހިތު ސޫރީގެ ވަރަށް ކާމިޔާބު ފިލްމެއް ކަމަށްވާ "އޭކް ވިލަން" ގެ ސީކުއަލްއެއް ފެށުމަށް ތައްޔާރުވަމުންދާ ކަމަށާއި އެ ފިލްމުގެ އެއް ބަތަލުގެ ބަޔަށް ޖޯން އެބްރަހަމް ހަމަޖައްސަން މަޝްވަރާ ކުރަމުންދާ ކަމަށް އިންޑިޔާގެ ނޫސްތަކުން ބުނެފި އެވެ.
"އޭކް ވިލަން 2" ގެ ނަން ދީފައިވާ މި ފިލްމަށް ޖޯންގެ އިތުރުން އަދިތުޔާ ރޯއި ކަޕޫރު ހަމަޖެއްސުމަށް ވެސް ޑައިރެކްޓަރު ބޭނުންވާ ކަމަށް ޚަބަރުތައް ބުނެ އެވެ.
ބޫޝަން ކުމާރާއި އެކްތާ ކަޕޫރު ޕްރޮޑިއުސް ކުރާ މި ފިލްމަކީ "އޭކް ވިލަން" ގެ ފުރަތަމަ ބައިގެ ސީކުއަލް އެއް ނޫން ކަމަށާއި މި ފިލްމުން ފެންނާނީ މުޅިން ތަފާތު ވާހަކައެއް ކަމަށް ވެއެވެ. ފިލްމުގައި ބޮޑަށް ފެންނާނީ އަދިތުޔާ އާއި ޖޯންގެ ވާދަވެރިކަން ކަމަށް ވެސް ފިލްމާ ގުޅޭ މައުލޫމާތު އެނގޭ މީހަކު ބުނެފައި ވެއެވެ.
މިއި ވަރަށް އަސަރުގަދަ ލޯބީގެ ވާޙަކައެއް ކަމަށާއި މިހާރު ޑައިރެކްޓަރު ވަނީ ޖޯން އާއި އަދިތުޔާ އަށް ވެސް ފިލްމުގެ ސްކްރިޕްޓް ކިޔައިދީފައި ކަމަށް ވެއެވެ. އަދި މި ދެ ތަރިންނަށް ވެސް ސްކްރިޕްޓް ވަރަށް ކަމުގޮސް ފިލްމުގައި ބައިވެރިވުމުގެ ޝައުގުވެރިކަން ވަނީ ފާޅުކޮށްފަ އެވެ.
ފިލްމު ރަސްމީކޮށް އަދި އިއުލާން ނުކުރިޔަސް އަދިތުޔާ އާއި ޖޯން މި ފިލްމު ކުޅެން ސޮއިކޮށްފިކަމުގެ ޚަބަރުތަކެއް ވެސް ބައެއް ނޫސްތަކުގައި ވެއެވެ. ފިލްމަށް ބަތަލާއެއް ހޯދުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށް ވެއެވެ.
މިހާރު ހަމަޖައްސާފައިވަނީ އަންނަ ޖޫން މަހުގެ ތެރޭގައި "އޭކް ވިލަން 2"ގެ ޝޫޓިން ފަށާށެވެ. ނަމަވެސް ޝޫޓިން ފަށާނެ ދުވަސް މުޅިން ފައިނަލްވާނީ ފިލްމުގައި ބައިވެރިވާ އެހެނިހެން ތަރިން ހަމަކުރެވިގެންނެވެ.
މިއީ ޖޯން އާއި އަދިތުޔާ އެކުގައި ކުޅޭ ފުރަތަމަ ފިލްމެވެ. ޖޯންގެ ފިލްމުތަކުގެ ތެރެއިން އެންމެ ފަހުން ރިލިޒްކޮށްފައިވަނީ އަނީސް ބަޒްމީގެ "ޕާގަލްޕަންތީ" އެވެ. އަދި 2020 އަށް ވަރަށް ޝައުގުވެރި ޕްރޮޖެކްޓްތަކެއް ޖޯންގެ އަތުގައި އެބަހުއްޓެވެ. އޭގެ ތެރޭގައި ދިވްޔާ ކޯސްލާ ކުމާރާއެކު ކުޅޭ "ސަތުޔަމޭވަ ޖަޔަތޭ" އާއި ޖެކްލީން ފެނާންޑިސް އާއި ރަކުލް ޕްރީތު ސިންގް އާއެކު ކުޅޭ "އެޓޭކް"، ކާޖަލް އަގަރްވާލް އާއި އިމްރާން ހާޝިމީ އާއެކު ކުޅޭ "މުމްބައި ސާގާ" ފާހަގަ ކޮށްލެވެ އެވެ.
އަނެއްކޮޅުން އަދިތުޔާގެ "މަލަންގް" އަންނަ މަހު ރިލީޒްކުރާނެ އެވެ. މިއީ "އޭކް ވިލަން"ގެ ޑައިރެކްޓަރު މޯހިތު ސޫރީގެ ފިލްމެކެވެ. މި ފިލްމުގެ ބަތަލާ އަކީ ދިޝާ ޕަޓްނީ އެވެ. އަދި އާލިއާ ބަޓް އާއި ޕޫޖާ ބަޓް އާއެކު ކުޅޭ މަހޭޝް ބަޓް ޑައިރެކްޓްކުރާ "ސަޅަކް 2"ގެ މަސައްކަތް ވެސް އަދިތުޔާ ދަނީ ކުރަމުންނެވެ.