ސިއްހީ ދާއިރާ ކުރިއެރުވުމަށް ދިވެހި ސަރުކާރާއި އިންޑިއާ ސަރުކާރާ ދެމެދު ވެފައިވާ "މެމޮރެންޑަމް އޮފް އަންޑަސްޓޭޑިން އިން ދަ ފީލްޑް އޮފް ހެލްތު" ގެ ދަށުން އެކުލަވާލި ހެލްތު ވޯކިން ގްރޫޕްގެ ފުރަތަމަ ބައްދަލުވުން އިއްޔެ ބާއްވައިފި އެވެ.
އެ ބައްދަލުވުމުގައި ސިއްހީ ދާއިރާއިން މީހުން ބިނާ ކުރުމުގައި އިންޑިއާގެ އެހީތެރިކަން ހޯދުމާއި ގުޅޭ ގޮތުންނާއި އާންމު ސިއްހަތު ކުރިއެރުވުމުގައި ފަންނީ އެހީތެރިކަން ހޯދުމާއި އިންޑިއާއިން ރާާއްޖޭގައި ގާއިމު ކުރުމަށް ހަމަޖެހިފައިވާ ކެންސަރު ބައްޔަށް ފަރުވާދޭ ހާއްސަ ހޮސްޕިޓަލްގެ ކަންތައްތައް ކުރިއަށް ގެންދާ ގޮތްތަކާ ގުޅޭ މަޝްވަރާތައް ވަނީ ކުރިއަށް ގެންގޮސްފަ އެވެ.
ރާއްޖޭގެ ފަރާތުން މި ވޯކިން ގްރޫޕްގައި އިސް ބޭފުޅެއްގެ ގޮތުން ބައިވެރިވެވަޑައިގަތީ ހެލްތު މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ ހަދީޖާ އަބްދުލްސައްމަދު އަބްދުﷲ އެވެ. އިންޑިއާގެ ފަރާތުން އިސް ބޭފުޅެއްގެ ގޮތުގައި ބައިވެރިވެވަޑައިގަތީ އިންޑިއާގެ ހެލްތު މިނިސްޓްރީގެ ސެކްރެޓަރީ ޕްރިތީ ސުދާން އެވެ. މި ބައްދަލުވުމުގައި ދެ ގައުމުގެ ހެލްތު މިނިސްޓްރީގެ އިސް ބޭފުޅުންގެ އިތުރުން ފޮރިން މިނިސްޓްރީ އާއި ރާއްޖޭގައި ހުންނަ އިންޑިއާ އެމްބަސީގެ ބޭފުޅުން ބައިވެރިވެވަޑައިގެންނެވި އެވެ.
އިއްޔެ ކުރިއަށް ދިޔަ މި ބައްދަލުވުމުގައި އިންޑިއާ ސަރުކާރުން ރާއްޖޭގެ ސިއްހީ ދާއިރާ ކުރިއެރުވުމަށް ދެމުންދާ އެއްބާރުލުމާއި އެހީތެރިކަމަށްޓަކައި ހެލްތު މިނިސްޓްރީގެ ފަރާތުން ވަނީ ޝުކުރު އަދާކޮށްފަ އެވެ. އަދި ސިއްހީ ދާއިރާ އިތުރަށް ތަރައްގީ ކުރެވޭނެ ގޮތްތަކާއި ބެހޭ ގޮތުން ވެސް މަޝްވަރާ ކުރެވިގެން ދިޔަ އެވެ.
އިންޑިއާ ސަރުކާރާއެކު ސިއްހީ ދާއިރާ ކުރިއަރުވަމުން ދެ ގައުމުން ގުޅިގެން މަސައްކަތް ކުރުމަށް އަހުދުނާމާއެއްގައި ސޮއިކުރެވުނީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ މިދިޔަ އަހަރުގެ ޖޫން މަހު ރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގެ ތެރެއިންނެވެ.