ދިވެހި އިންޑިއާގެ ގުޅުން

ރާއްޖޭގެ ވެކްސިން ކާޑު ބަލައިގަންނަން އިންޑިއާ އެއްބަސްވެއްޖެ

ދެ އެއްބަސްވުމެއްގައި ދިވެހިރާއްޖެއާ އިންޑިއާ އާ ދެމެދު މިރޭ ސޮއިކޮށްފި އެވެ.

އިންޑިއާ ސަރުކާރާ ދިވެހި ސަރުކާރާ ދެމެދު މިރޭ ސޮއިކުރެވުނު އެއްބަސްވުންތަކަކީ ދެ ގައުމުގެ ވެކްސިނޭޝަން ސެޓްފިކެޓްތައް އަނެއް ގައުމުގައި ބޭނުން ކުރެވޭނެ އިންތިޒާމް ހަމަޖެއްސުމާ ބެހޭ އެއްބަސްވުމާއި ދިވެހިރާއްޖޭގެ ހަޔާ އެޑިއުކޭޝަން ނެޓްވޯކާއި އިންޑިއާގެ ނޭޝަނަލް ނޮލެޖް ނެޓްވޯކާ ދެމެދު ގާއިމްކުރެވުނު އެއްބަސްވުމެވެ.

މިނިސްޓްރީ އޮފް ހެލްތާއި އިންޑިއާގެ މިނިސްޓްރީ އޮފް ހެލްތު އެންޑް ފެމިލީ ވެލްފެއާ އާ ދެމެދު ގާއިމު ކުރެވުނު ވެކްސިން ސެޓްފިކެޓާއި ގުޅޭ އެއްބަސްވުމާއެކު ދިވެހިންނަށް އިންޑިއާއަށް ދަތުރުކުރުމުގައި މިހާރަށް ވުރެ ގިނަ ފަސޭހަތައް ލިބިގެންދާނެ ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.

މި އެއްބަސްވުމުގައި ދިވެހިރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު އޮފް ހެލްތު އަހުމަދު ނަސީމެވެ. އަދި އިންޑިއާގެ ފަރާތުން ސޮއިކުރެއްވީ އިންޑިއާއިން ދިވެހިރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު މުނޫ މަހާވަރު އެވެ. މި އެއްބަސްވުމުގެ ދަށުން ދިވެހިރާއްޖެއިން ކޮވިޑް ސޭފް ވެބްސައިޓް (www.covidsafe.gov.mv) މެދުވެރިކޮށް ދޫކުރާ ޑިޖިޓަލް ވެކްސިން ސެޓްފިކެޓާއި އިންޑިއާގެ ކޮވިން ޕްލެޓްފޯމް މެދުވެރިކޮށް ދޫކުރާ ސެޓްފިކެޓް އެއް ގައުމު އަނެއް ގައުމުން ބަލައިގަންނާނެ އެވެ. 

މިރޭ ދިވެހިރާއްޖޭގެ ނޭޝަނަލް ސެންޓާ ފޯ އިންފޮމޭޝަން ޓެކްނޮލޮޖީ (އެންސީއައިޓީ) އާއި އިންޑިއާގެ ނޭޝަނަލް އިންފޮމެޓިކްސް ސެންޓަރު (އެންއައިސީ) އާއި ދެމެދު ސޮއިކުރެވުނު ޕިއަރިން އެގްރިމެންޓް އަކީ މި ދެ މުއައްސަސާގެ މެދުގައި އިންފޮމޭޝަން ކޮމިއުނިކޭޝަން ޓެކްނޮލޮޖީގެ ދާއިރާއިން ގުޅުން ބަދަހިކުރުމުގެ އެއްބަސްވުމެކެވެ.

މި އެއްބަސްވުމުގައި ސޮއިކުރުމަށްފަހު ދެ ގައުމުގެ ހާރިޖީ ވަޒީރުން ވަނީ ހަޔާ އެޑިއުކޭޝަން ނެޓްވޯކް އޮފް މޯލްޑިވްސް އާއި އިންޑިއާގެ ނޭޝަނަލް ނޮލެޖް ނެޓްވޯކް އާ ދެމެދު ރަސްމީކޮށް ގުޅުން ގާއިމު ކޮށްދެއްވާފަ އެވެ.

މީގެ އިތުރުން ގުޅުން ބަދަހިކުރުމާއި މީހުން ބިނާކުރުމުގެ ދާއިރާއިން ގުޅިގެން މަސައްކަތް ކުރުމާ ބެހޭ އެއްބަސްވުމެއްގައި މޯލްޑިވްސް ޕޮލިސް ސާވިސްއާއި އިންޑިއާގެ ސަރްދާރް ވައްލަބާއީ ޕަޓޭލް ނޭޝަނަލް ޕޮލިސް އެކަޑަމީއާ ދެމެދު ސޮއި ކުރެވޭނެ އެވެ.

އިންޑިއާގެ އެކްސްޓަރނަލް އެފެއާޒް މިނިސްޓަރު ޑރ ޖައިޝަންކަރު ދިވެހިރާއްޖެއަށް ކުރައްވާ ދެ ދުވަހުގެ ރަސްމީ ދަތުރުފުޅަކީ ފޮރިން މިނިސްޓަރު ޝާހިދުގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ.