އަބްދުﷲ ޝާހިދު

އެއްލައްކަ ޑޯޒް ކޮވިޝީލްޑް މި ހަފުތާގައި ލިބޭނެ: ޝާހިދު

މި ހަފްތާގެ ތެރޭގައި އިތުރު އެއް ލައްކަ ޑޯޒް ކޮވިޝީލް ވެކްސިން ރާއްޖެއަށް ފޮނުއްވައި ދެއްވާނެކަމުގެ ޔަގީންކަން އިންޑިއާ ސަރުކާރުން ދީފައިވާ ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.

ރާއްޖޭގައި ކޮވިޑް-19 ގެ ވެކްސިން ޕްރަގްރާމް ކުރިއަށްދާއިރު މިހާތަނަށް ވެކްސިން ދިން މީހުންގެ ބޮޑު އިއްސައްތައެއް ޖަހާފައިވަނީ ކޮވިޝީލްޑް ވެކްސިނެވެ. 212،000 ވުރެ ގިނަ މީހުން ކޮވިޝީލް ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައިވާއިރު ދެވަނަ ޑޯޒް 8 ހަފްތާ ފަހުން ޖަހަން ޖެހެއެވެ.

އެކަމަށްޓަކައި 300،000 ޑޯޒްގެ ވެކްސިން ގަންނަން އިންޑިއާއަށް ވަނީ އޯޑަރު ދީފައެވެ. އިންޑިއާގެ ސިރަމް އިންސްޓިޓިއުޓް އޮފް އިންޑިއާ ލިމިޑެޓާއި ސީރަމް އިންސްޓިޓިއުޓް އޮފް ލައިފް ސައިންސަސް ޕްރައިވެޓް ލިމިޑެޓެޑުން ތިން ލައްކަ ވެކްސިން ޑޯޒް ގަންނަން ނިންމާ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ މި މަހުގެ 14 ވަނަ ދުވަހުއެވެ. ވެކްސިންގެ ދެވަނަ ޑޯޒް އޭޕްރީލް ފުރަތަމަ ހަފްތާގައި ފަށަން ޖެހޭއިރު ވެކްސިން ލިބޭނެ ތާރީހެއް އަދި މުޅިން އޮތީ ޔަގީން ނުވެއެވެ.

އިއްޔެ ފޮރިން މިނިސްޓްރީގައި އޮތް ރަސްމިއްޔާތެއްގައި މިނިސްޓަރު ވިދާޅުވީ އިންޑިއާއިން ކޮވިޝީލްޑް ވެކްސިން ގައުމުތަކަށް ފޮނުވުމަށް ހުރަސްތަކެއް ދިމާވެފައިވާ ކަމަށް ބީބީސީން ބުދަ ދުވަހުގެ ރޭ ރިޕޯޓް ކޮށްފައިވާ ކަމަށާ އެކަމާއި ގުޅިގެން ކޮވިޑް ވެކްސިންގެ ދެވަނަ ޑޯޒްގެ އިންތިޒާރުގައި ތިބެން ޖެހޭނީ ކިހާ ދުވަހަކުތޯ ސުވާލު އުފެދިފައިވާ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ ކޮވިޑް ވެކްސިންގެ އިތުރު 100،000 ޑޯޒް ހަފްތާއެއްހާ ދުވަހުގެ ތެރޭގައި ރާއްޖެއަށް ފޯރުކޮށްދޭނެ ކަމަށް އިއްޔެ ހެނދުނު އެމަނިކުފާނަށް ޔަގީންކަން ދީފައިވާ ކަމަށެވެ. އަދި އިތުރު 100،000 ޑޯޒްވެސް ދަތިކަމެއް ނެތި ދިވެހިންނަށް ލިބޭނެ ކަމަށެވެ. ނަމަވެސް އެއީ ހިލޭ އެހީގެ ދަށުން ކަމެއް ނުވަތަ ގަންނަން އޯޑަރު ދީފައިވާ ވެކްސިން ކަމެއް މިނިސްޓަރު ވިދާޅެއް ނުވެއެވެ.

ކޮވިޑް-19 އިން ރައްކާތެރިވާން ބޭނުންވާ ވެކްސިން އިންޑިއާގެ ސިރަމް އިންސްޓިޓިއުޓް އޮފް އިންޑިއާ ލިމިޑެޓާއި ސީރަމް އިންސްޓިޓިއުޓް އޮފް ލައިފް ސައިންސަސް ޕްރައިވެޓް ލިމިޑެޓެޑުން ގަތުމަށް ނިންމާ އެކަމަށް ބޭނުންވާ ހާއްސަ ހުއްދަ، ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރުގެ ހާއްސަ ގަރާރަކުން ދީފައިވަނީ މި މަހުގެ 11 ވަނަ ދުވަހުއެވެ.

އިންޑިއާއިން ވެކްސިން ގަންނަން އާ ހުއްދައެއް ދީފައި ވަނީ އެސްޓެރެޒެނިކާގެ ސިންގަޕޫރުގެ ކުންފުންޏެއް ކަމަށްވާ އެސްޓްރާޒެނެކާ ސިންގަޕޯ ޕީޓީއީ، އެލްޓީޑީ އިން 700،000 ޑޯޒް ވެކްސިން ގަންނަން މިދިއަ ޑިސެމްބަރު 31 ގައި އެއްބަސްވުމަށް ފަހު އެވެ. އެ ޑޯޒްތައް ލިބޭނެ ދުވަހެއް ޔަގީނެއް ނުވެއެވެ.