ދިވެހި އިންޑިއާގެ ގުޅުން

ރާއްޖެއަށް ބޭނުންވާ ބީސީޖީ ވެކްސިން އިންޑިއާއިން ދީފި

ރާއްޖެއަށް ކޮންމެހެން ބޭނުންވާ ބީސީޖީ ވެކްސިންގެ ޝިޕްމަންޓެއް އިންޑިއާއިން ފޯރުކޮށްދީފި އެވެ.

ފޮރިން މިނިސްޓްރީން ބުނީ ދިވެހި ސަރުކާރުގެ އެދުމަކަށް ރާއްޖެއަށް ކޮންމެހެން ބޭނުންވާ ބީސީޖީ ވެކްސިންގެ 10 ޑޯޒް ހިމެނޭ 2400 ވައިލްސް އިންޑިއާއިން ފޯރުކޮށްދީފައިވާ ކަމަށާ ވެކްސިންގެ މި ޝިޕްމަންޓް މިއަދު ވަނީ ރާއްޖެ ގެނެސްފައިވާ ކަަމަށެވެ.

ވައިގެ މަގުން އިންޑިއާގެ މުމްބާއީއިން ކުއްލި ގޮތަކަށް މި ވެކްސިން ޝިޕްމަންޓް ގެނެސްފައިވަނީ އިންޑިއާ ސަރުކާރުގެ އިދާރާތަކާއި، މިނިސްޓްރީ އޮފް ހެލްތު، ދިއްލީގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަން އަދި އިންޑިއާގެ މުމްބާއީގައި ހުންނަވާ ދިވެހިރާއްޖޭގެ އޮނަރަރީ ކޮންސުލް ގުޅިގެން ކުރެވުނު މަސައްކަތުންނެވެ.

ފޮރިން މިނިސްޓްރީން ބުނީ ދިވެހިރާއްޖެއިން ބޭނުންވެއްޖެ ކޮންމެ ހިނދެއްގައިވެސް އިންޑިއާއިން ފޯރުކޮށްދެއްވާ އެހީތެރިކަމަށްޓަކައި އިންޑިއާގެ ބޮޑުވަޒީރާއި، ސަރުކާރާއި ރައްޔިތުންނަށް ދިވެހި ސަރުކާރުން ޝުކުރު އަދާކުރާ ކަމަށެވެ.

މި އަހަރުގެ ޖެނުއަރީ މަހު ދިވެހިރާއްޖެއިން ހިމަބިހި ފެނުމާ ގުޅިގެން ދިވެހި ސަރުކާރުގެ އެދުމަކަށް އިންޑިއާއިން 30 ހާސް ޑޯޒްގެ އެމްއާރް (މީސަލްސް ރުބެއްލާ) ވެކްސިން ރާއްޖެއަށް ފޯރުކޮށްދިނެވެ. އަދި ކޮވިޑް-19އާ ގުޅިގެން ރާއްޖެއަށް ބޭނުންވާ ބޭޙުގެ ބާވަތްތައް ހުއްޓުމެއް ނެތި ލިބޭނެ އިންތިޒާމް ހަމަޖައްސައިދިނެވެ.