ކުޅިވަރު

ޔުނައިޓެޑް ބަލިކޮށް ސިޓީ ފައިނަލާ ކައިރިއަށް

ވާދަވެރި މެންޗެސްޓާ ޔުނައިޓަޑްގެ ދަނޑު އޯލްޑް ޓްރަފާޑްގައި، ޔުނައިޓެޑްގެ މައްޗަށް 3-1 ގެ ނަތީޖާއަކުން ކާމިޔާބު ހޯދައި މެންޗެސްޓާ ސިޓީން ލީގް ކަޕްގެ ފައިނަލާ ކައިރި ކޮށްފި އެވެ.

ސެމީ ފައިނަލުގެ ފުރަތަމަ ލެގްގައި، ރޭ ސިޓީން ވަނީ މެޗުގެ ފުރަތަމަ ހާފުގައި އެ ޓީމުގެ ތިން ލަނޑުވެސް ކާމިޔާބު ކޮށްފަ އެވެ. ސިޓީގެ ފުރަތަމަ ލަނޑު 17 ވަނަ މިނެޓްގައި ކާމިޔާބު ކުރީ ބެނާޑޯ ސިލްވާ އެވެ. އޭނާ ލަނޑު ކާމިޔާބު ކުރީ ކައިލް ވޯލްކާ ތަނަވަސް ކޮށްދިން ފުރުސަތަކުންނެވެ.

ދެ ވަނަ ލަނޑު މެޗުގެ 33 ވަނަ މިނެޓްގައި ރިޔާދު މަހްރޭޒް ކާމިޔާބު ކުރީ ބެނާޑޯ ތަނަވަސް ކޮށްދިން ފުރުސަތަކުންނެވެ. ސިޓީގެ ތިން ވަނަ ލަނޑަކީ ޔުނައިޓަޑްގެ އެންޑްރެސް ޕެރެއިރާ އަތުން ބައިކޮޅަށް ވަން ލަނޑެކެވެ.

ޔުނައިޓެޑްގެ ލަނޑު މެޗުގެ 70 ވަނަ މިނެޓްގައި ކާމިޔާބު ކުރީ މާކޯސް ޜަޝްފާޑް އެވެ. މި ދެ ޓީމު ކުޅޭ ސެމީ ފައިނަލުގެ ދެ ވަނަ ލެގް މެޗު އޮންނާނީ މި މަހުގެ 29 ވަނަ ދުވަހުގެ ރޭ ގަ އެވެ. ސެމީ ފައިނަލުގެ ދެ ވަނަ މެޗުގެ ފުރަތަމަ ލެގްގައި މިރޭ ލެސްޓާ ސިޓީ ނުކުންނާނީ އެސްޓަން ވިލާ އާ ދެކޮޅަށެވެ.