ކުޅިވަރު

ޔުނައިޓެޑަށް ނުދިޔަ ސަބަބު ހާލޭންޑް ހާމަކޮށްފި

މެންޗެސްޓާ ޔުނައިޓެޑުން ހުށަހަޅާފައި ވަނިކޮށް ބުރޫޝިއާ ޑޯޓަމުންޑްގެ ފުރުސަތުގައި ހިފީ، ޑޯޓަމުންޑްގެ ހުށަހެޅުން އައި ގޮތް ކަމު ދިއުމުން ކަމަށް ދާދި ފަހުން އެ ކުލަބާ ގުޅުނު ނޯވޭގެ ޒުވާން ސްޓައިކަރު އާލިންގް ހާލޭންޑް ބުނެފި އެވެ.

ޖަރުމަންގެ ރެޑްބުލް ސަލްޒްބާގުން، ޑޯޓަމުންޑަށް ހާލޭންޑް ބަދަލުވީީ 22.5 މިލިއަން ޕައުންޑްގެ އަގަކަށެވެ. އެ ޑީލް ފައިނަލު ކުރީ ޑިސެމްބަރު 30 ގައެވެ. ފުރާވަރު އުމުރުގެ ކުޅުންތެރިންގެ ތެރެއިން މިހާރު ޔޫރަޕްގައި އެންމެ މަގުބޫލު ކުޅުންތެރިޔާ ގެންދިއުމަށް އޭނާގެ ކުރީގެ ކޯޗް އޮލޭ ގަނާ ސޮލްޝަޔާގެ ޔުނައިޓެޑުން މަސައްކަތް ކުރި އެވެ. ސޮލްޝަޔާ ނޯވޭގެ މޯލްޑްގައި ކޯޗް ކޮށްދިން އިރު ހާލޭންޑް ވަނީ އެ ޓީމަށް ދެ އަހަރު ކުޅެފަ އެވެ.

"އެމީހުން [ޑޯޓަމުންޑުން] ހުށަހެޅުން އައީ ވަރަށް ޑައިރެކްޓްކޮށް،" ހާލޭންޑް 19، ބުންނެވެ. "އެމީހުން ބުނީ، ޓީމުގެ ކުރީގައި ހުންނަން ތިމަންނަމެން ކަލޭ ބޭނުމޭ، ކަލޭގެ ކުޅުމަށް ތިމަންނަމެން ޝައުގުވެރިވަމޭ، އަދި ތިމަންނަމެންގެ ޓީމުގައި ކަލޭ ހުންނަން ތިމަންނަމެން ބޭނުންވޭ."

އޭނާ ބުނީ ޑޯޓަމުންޑްގެ ހުށަހެޅުން އައުމުން އޭނާ ހިމަނައިގެން ޕްލޭން ރާވަން ޑޯޓަމުންޑުން ބޭނުންވާކަން އެނގިގެން ދިޔަ ކަމަށެވެ. އެ ކުލަބަށް ސޮއި ކުރުމަށް އޭނާއަށް އެންމެ ބޮޑު ބާރަކަށްވީ އެކަންތައް ކަމަށް ހާލޭންޑް ބުންޏެވެ.

"އެހާހިސާބުން އަހަންނަށް އެނގިއްޖެ އަހަންނާ ޑޯޓަމުންޑާ ރަނގަޅު ކޮމްބިނޭޝަނަކަށް ވާނޭ."

ހާލޭންޑްގެ އެޖެންޓް މިނޯ ރިއޯލާ، ޓެލެގްރާފް ނޫހަށް ދިން އިޓަވިއުގައި ބުނެފައި ވަނީ، ޔުނައިޓެޑަށް ހޭލޭންޑްގެ ސޮއި ނުހޯދުނީ އެ ކުލަބުން ދޯދިޔާ ވުމުން ކަމަށެވެ. އޭނާ ބުނީ އެހެން ކުލަބުތަކާއެކު ވެސް ހާލޭންޑް ވާހަކަ ދެއްކި ކަމަށެވެ. އަދި އެންމެ ގިނައިން ވާހަކަ ދެއްކީ ޔުނައިޓެޑާ އެކުގައި ކަމަށެވެ.

އެހެންނަމަވެސް ޔުނައިޓެޑްގެ ހުށަހެޅުމަށް އެއްބަސް ނުވީ، އޭނާއާ ގުޅޭނެ ގޮތަށް ހަރުދަނާ ސްޕޯޓިން ފިލޯސަފީއެއްގެ ޕްލޭން ޔުނައިޓެޑްގެ އަތުގައި ނެތުމުން ކަމަށް ރިއޯލާ ބުންޏެވެ.