ކުޅިވަރު

ޕާކިސްތާންގެ ކީޕަރު ސާގިބް ޓީސީއަށް ބަދަލުވެއްޖެ

ދިވެހި ޕްރމިއާ ލީގްގައި ށ. ފޯކައިދޫ ފުޓްބޯޅަ ކުލަބަށް ކުޅެމުން އަންނަ ޕާކިސްތާންގެ ގޯލްކީޕަރު ސާގިބް ހަނީފް ޓީސީއަށް ބަދަލު ވެއްޖެ އެވެ.

އޭއެފްސީ ކަޕަށް ތައްޔާރުވާ ޓީސީ ވަރުގަދަ ކުރުމުގެ ގޮތުން އެ ޓީމުން ދަނީ ސީނިއާ ގިނަ ކުޅުންތެރިންތަކެއް ގެނައުމުގެ މަސައްކަތް ކުރަމުންނެވެ. ސާގިބް އާއެކު ފޯކައިދޫއަށް ކުޅެމުން އަންނަ ޑިފެންޑަރު އާލީ ޝާމިސް (ތޮއްޕެ) އާއި އެ ޓީމު މިސްރުގެ ޑިފެންޑަރު މަހްމޫދު ސައްޔިދު ވެސް ވަނީ ޓީސީއަށް ބަދަލު ވެފަ އެވެ.

އެ ތިން ކުޅުންތެރިންގެ އިތުރުން ފޯކައިދޫގެ ޒުވާން ކުޅުންތެރިޔާ ހަސަން ނަޒީމް (ޗޯޓް) ވެސް ޓީސީ އަށް ބަދަލުވާން އުޅޭ ކަމުގެ ވާހަކަތައް ވަނީ ގަދަ ވެފަ އެވެ.

މެދުކެނޑުމަކަށް ފަހު ރާއްޖޭގެ ކުލަބުތައް އޭއެފްސީ ކަޕްގައި މި އަހަރު ވާދަ ކުރާނެ އެވެ. މިދިޔަ ސީޒަންގެ ލީގް ޗެމްޕިއަންގެ ހައިސިއްޔަތުން ގުރޫޕް ސްޓޭޖުގެ ސީދާ ޖާގަ ރާއްޖެއިން ލިބިފައި ވަނީ ޓީސީ އަށެވެ. މިދިޔަ ސީޒަންގެ ލީގްގެ ރަނަރަފް މާޒިޔާ ދަތުރު ފަށާނީ އޭއެފްސީ ކަޕް ކޮލިފިކޭޝަން ބުރުންނެވެ.

މިދިޔަ ސީޒަންގެ ލީގް ޗެމްޕިއަންކަން ޓީސީއަށް ހޯދައިދިނުމުގައި މުހިންމު ދައުރެއް އަދާ ކުރި އަލީ އަޝްފާގް (ދަގަނޑޭ) ވެސް ޓީސީ އާ އަލުން ގުޅޭނެކަން ގާތްގަނޑަކަށް ވަނީ ކަށަވަރު ވެފަ އެވެ. މިހާރު ގްރީން ސްޓްރީޓަށް ކުޅެމުން އަންނަ އަޝްފާގް އާއެކު، ހަމަ އެ ޓީމުގެ މުހައްމަދު އުމޭރު އާއި ރިހާމް އަބްދުލް ގަނީ (ބޮބީ) ވެސް ޓީސީއަށް ބަދަލުވާން އުޅޭ ކަމުގެ އަޑުތައް ވަނީ ފެތުރިފަ އެވެ.

ޓީސީ ދޫކޮށް އެ ޓީމުގެ ޒުވާން ދެ ކުޅުންތެރިން ކަމަށްވާ، މިޑްފީލްޑާ އިބްރާހިމް އައިސަމް (ޓޯނީ) އާއި ޑިފެންޑަރު މުހައްމަދު ސާމިރު ވަނީ މާޒިޔާ އަށް ބަދަލު ވެފަ އެވެ. އެ ދެ ކުޅުންތެރިންވެސް މާޒިޔާއަށް ސޮއި ކުރީ ތިން އަހަރާއި ބައިގެ މުއްދަތަކަށެވެ.