އާމިރު ޚާން

އާމިރު ޚާނަށް އަނިލް ކަޕޫރު ދިން ނަސޭހަތް

ބޮލީވުޑްގެ ބައެއް ތަރިންނަށް އަބަދުވެސް ރަނގަޅު މަސައްކަތްތަކެއް ކުރެވެނީ ވަކި ޑައިރެކްޓަރަކާ ގުޅިގެންނެވެ. މިގޮތުން އެކްޓަރު - ޑައިރެކްޓަރު ގުޅިގެން ވަރަށް މޮޅު ފިލްމުތައް އުފައްދާފައި އެބަހުއްޓެވެ. މިސާލަކަށް ރަންވީރު ސިންގް އާއި ސަންޖޭ ލީލާ ބާންސާލީ އެވެ. މި ދެ މީހުން މިހާތަނަށް އެކުގައި އުފެއްދި ފިލްމުތައް ވަރަށް ވެސް ތަފާތުވެފައި މޮޅެވެ.
ހަމަ އެގޮތަށް ސަލްމާން ޚާނާއި ޑައިރެކްޓަރު އަލީ އައްބާސް ޒަފަރް ގުޅިގެން ވަރަށް ރީތި ފިލްމުތަކެއް ވަނީ އުފައްދާފަ އެވެ. އާމިރު ޚާނަށް ވެސް ކެރިއަރުގެ އެންމެ ފުރިހަމަ އެއް މަސައްކަތް ކުރެވިފައިވަނީ "ތުރީ އިޑިއަޓްސް" އާއި "ޕީކޭ" ގައި ޑައިރެކްޓަރު ރާޖް ކުމާރު ހިރާނީ އާއެކުގަ އެވެ. ދުވަހަކުވެސް ރާޖްކުމާރު ހިރާނީ ދޫނުކޮށްލަން އަނިލް ކަޕޫރު އާމިރަށް ނަސޭހަތް ދީފައި ވަނީ މި ސަބަބާ ހުރެ އެވެ.

އަނިލް އެންމެ ފަހުން ކުޅުނު "މަލަންގް" ގެ ޓްރެއިލާ ލޯންޗު ކުރުމަށް ހޯމަ ދުވަހު ބޭއްވި އިވެންޓެއްގައި ވާހަކަ ދައްކަމުން އޭނާ ބުނީ ބައެއް ޑައިރެކްޓަރުންނާއި އެކްޓަރުން ގުޅުމުން ވަރަށް ރަނގަޅު މަސައްކަތްތަކެއް ކުރެވޭކަން އޭނާއަށް ފާހަގަ ކުރެވޭ ކަމަށާއި ރާޖްކުމާރު ހިރާނީ ދޫނުކޮށްލާ އޭނާއާއެކު ފިލްމުތައް ކުޅުމަށް އާމިރަށް އޭނާ އިރުޝާދު ދިނީ ވެސް އެހެންވެ ކަމަށެވެ.

ހަމަ އެގޮތަށް "މަލަންގް"ގެ ޑައިރެކްޓަރު މޯހިތު ސޫރީ އާއި އެ ފިލްމުގެ ބަތަލު އަދިތުޔާ ރޯއި ކަޕޫރު ވެސް ގުޅިގެން ކުރިން ވެސް ވަރަށް ރަނގަޅު މަސައްކަތްތަކެއް ކޮށްފައިވާ ކަމަށާއި އެފަދަ މީހުން ވަކި ނުވެ އަބަދުވެސް އެކުގައި އެއް ޓީމެއްގެ ގޮތުގައި ކުރިޔަށް ދިއުމުން ހީނުކުރާ ކަހަލަ ކާމިޔާބުތައް ލިބޭނެ ކަމަށް އޭނާއަށް ފެންނަ ކަމަށެވެ.

ބައެއް ޑައިރެކްޓަރުންނަށް ވަކި އެކްޓަރަކާއެކު މާ ރަނގަޅަށް މަސައްކަތް ކުރެވޭތަން އާދެ އެވެ. އެހެންވީމާ އެފަދަ މީހުން ވަކި ނުވެ ޓީމެއްގެ ގޮތުގައި ކުރިއަށް ދިއުމަށް އަނިލް ލަފާ ދިނެވެ. މިސާލަކަށް އަނިލް ނެގީ ހޮލީވުޑްގެ ބައެއް ޑައިރެކްޓަރުންނާއި އެކްޓަރުންނެވެ.

"ރޮބަޓް ޑި ނޭރޯ އާއި ލިއެނާޑޯ ޑިކެޕްރިއޯ އަދިވެސް އެކުގައި ފިލްމުތަކުގެ މަސައްކަތް އެބަކުރޭ. އެއީ ކޮންމެހެން އެހެން މީހުންނާއެކު އެމީހުންނަށް މަސައްކަތް ނުކުރެވޭތީއެއް ނޫން. އެ ދެ މީހުން އެކުގައި އެއް ޓީމެއްގެ ގޮތުގައި އެ އުފައްދާ ޖާދޫ އެހެން ބަޔަކާ އެކު ނޫފެއްދޭތީ،" އަނިލް ބުންޏެވެ.

"މަލަންގް"ގެ ޑައިރެކްޓަރު މޯހިތު ސޫރީ އަށް ވެސް އަނިލް ހަމަ މި އިރުޝާދު ދިނެވެ. އޭނާއަށް އެންމެ ރަނގަޅަށް މަސައްކަތް ކުރެވޭ އެކްޓަރުންނާއެކު ޓީމެއްގެ ގޮތުގައި ކުރިޔަށް ދިއުމަށެވެ.

"މަލަންގް"ގެ ބަތަލު އަދިތުޔާ އާއި ޑައިރެކްޓަރު މޯހިތު ވަނީ "އާޝިގީ 2" ގައި އެކުގައި މަސައްކަތް ކޮށްފަ އެވެ. އަދި ފިލްމު ރިލީޒްކުރިތާ އެތައް އަހަރެއް ފާއިތުވީއިރުވެސް ގިނަ ބަޔަކު މި ފިލްމުގެ ރީތި ވާހަކަ ދައްކަ އެވެ. "މަލަންގް"ގައި ބަތަލާގެ ރޯލު އަދާކުރަނީ ދިޝާ ޕަޓްނީ އެވެ.