ވާހަކަ

ސިހި ސިހި (ދެވަނަ ބައި)

އެނދުގައި އިށީންނަމުން ދެފައި ވަށްކޮށްލީމެވެ. ކަންފަތާ ކޮނޑާ ދެމެދަށް ފޯނު ލަމުން ލެޕްޓޮޕް ނަގައި އުނގުމަތީ ބަހައްޓައިލީމެވެ. ސްކުރީނަށް ބަލައިލީމެވެ. ލިބުނީ ހައިރާން ކަމެކެވެ. އަނގަ ހުޅުވުނެވެ. މަޑުމަޑުން ފަހަތަށް ޖެހިލެވުނެވެ. އެނދުން ތެދުވެވުނެވެ. އެއާއެކު ފޯނު ވެއްޓުނެވެ. ފޯނު ޖެހުނީ ފައިތިލައިގައެވެ. ފަޔަށް ތަދުވި ނަމަވެސް ކަޅި ހުރީ ލެޕްޓޮޕަށެވެ. ފެންނަމުން ދިޔައީ ރަމީޒުގެ ތަސްވީރެވެ. އޭނާގެ ސިފަވަނީ ބަދަލުވެފައެވެ. އަންހެނެއްގެ ސިފަޔާ ވައްތަރު ގޮތެއް ވެސް ހުއްޓެވެ. މޫނު މުޅީން ސާފެއް ނުވެއެވެ. ހުންނަނީ ކޮންމެ ވެސް ވަރަކަށް ފުސްވެފައެވެ. ނަމަވެސް އޭނާގެ ކަޅި ސާފުކޮށް ފެނެއެވެ. އެއީ ނޫކުލައިގެ ދެ ކަޅިއެވެ. ދެ ކަޅިވަނީ ދިއްލިފައެވެ
.
"އިބާ. އިބާ." ރަމީޒުގެ އަޑު ފޯނުން އިވެމުން ދިޔައެވެ.

އަހަންނަށް ފަހަތަށް ޖެހެވެން ފެށުނެވެ. ލަސްލަހުންނެވެ. ނޭވާ ހިފަހައްޓައިލައިގެން ހުރެއެވެ. ދެ އަތުގެ އިނގިލިތަކާ ކުޅެމުންނެވެ. ފުންނާބު ޖެހުނީ އަލަމާރީގެ ދޮރުފަތުގައެވެ. ސިހިފައި ހަޅޭއްލަވާ ނުގަނެވުނީ ކިރިޔާއެވެ. އަނގަމަތީގައި އަތް އަޅައިލެވުނެވެ. މަޑުމަޑުން ތިރިވާން ފެށުނެވެ. އޭރު ނޭވާ ވަނީ ކުރުވާން ފަށައިފައެވެ. މުޅި މީހާ ބިރުން ތުރުތުރު އަޅަނީއެވެ.

ކޮޓަރީގެ ހުރިހާ ބޮކިތަކެއް އެކުގައި ނިވިދިއްލެން ފެށިއެވެ. އަހަންނަށް ބަލައިލެވުނީ އެނދު ކައިރީ ހުރި ނިދާ ބޮތްކާ ދިމާއަށެވެ. އެ ބޮކި ވެސް ނިވިދިއްލެނީއެވެ. އަނެއް ފަރާތަށް ބަލައިލެވުނެވެ. ކޮޓަރީގެ ދޮރުވަނީ ކޮންމެ ވެސް ވަރަކަށް ހުޅުވިފައެވެ. ދޮރުން ހުޅުވިފައިވާ ތަންކޮޅުން ހަނިގޮތަކަށް ގޭތެރެ ފެންނަމުން ދިޔައެވެ. ގޭތެރޭގެ ބޮކިތައް ވެސް ނިވި ދިއްލެމުން ދިޔައެވެ.

ކުއްލިއަކަށް ދެ ލޯ ބޮޑު ކޮށްލެވުނެވެ. ދޮރު ހުޅުވިފައިވާ ހަނި ޖާގައަށެވެ. ފެނުނު މަންޒަރުންނެވެ. ގޭތެރެއިން ކޮޓަރިއަށް މީހަކު ވަން ކަމުގެ ނިޝާން ފެނުމުންނެވެ. އަހަންނަށް ޔަގީނުން ވެސް އެ މީހާގެ ހިޔަނި ފާރަށް އެޅުނުތަން ފެނުނެވެ. ނަމަވެސް މީހަކު ކޮޓަރިއަށް ވަން މަންޒަރެއް ނުފެނެއެވެ. ނޭވާ ހިފަހައްޓައިލެވުނެވެ. އަނގަޔާއި ނޭފަތާއެއް ކޮށް އަނގަ ބަންދުކޮށްލެވުނެވެ. އަނގައިން އަޑެއް ބޭރުވެދާނެތީއެވެ. އޭރު މުޅި މީހާ ދާހިތްލާ ފޯވަނީއެވެ. އިސްތަށިތައް މޫނުގެ އެތަން މިތަނުގައި ތަތްވަމުން ދިޔައެވެ. ކަޅި ޖަހައި ނުލައި ބެލެނީ ގޭތެރެއަށެވެ. ދޮރާ ދިމާއަށެވެ. ހިޔަނި ފެނުނު ފާރަށެވެ. ގޭތެރޭގެ ބޮކިތައް ދިއްލެނީއެވެ. ފާޑެއްގެ ދުންތަކެއް ކޮޓަރި ތެރެއަށް ވަންނަމުން ދިޔައެވެ.

ކުއްލިއަކަށް މުޅި ކޮޓަރި ދިއްލުނެވެ. ހުރިހާ މަންޒަރެއް އެކުގައި ގެއްލުނެވެ. މަޑުމަޑުން ނޭވާތައް ބޭރުކޮށްލެވުނެވެ. އަނގަމަތީ އޮތް އަތް ނަގައި މޭގައި ޖައްސައިލީމެވެ. އޭރު މޭގެ ތެޅުން މައިތިރި ނުވެއެވެ. މޭ ހީވަނީ ބޭރަށް ނުކުންނަށް އުޅޭ ހެންނެވެ. ހިން ދިރުވާލަން ވެސް އުނދަގޫވަމުން ދިޔައެވެ. މިނެޓެއް ނުވަނީސް އަނެއްކާ ވެސް މުޅި ތަން އަނދިރިވިއެވެ. މުޅި ގެއިން ކަރަންޓު ދިޔައެވެ. ދެވަނަ ފަހަރަށް ނޭވާ ހިފަހައްޓައިލައިގެން އަނގަމަތީ އަތް އަޅައިލެވުނެވެ.

ކޮޓަރި ތެރެއަށް ކޮންމެ ވެސް ވަރެއްގެ އަލި ކަމެއް ވެރިވިއެވެ. ލެޕްޓޮޕްގެ ސްކްރީން ދިއްލުނީއެވެ. ދެފަހަރަކަށް ނިވިދިއްލިފައި ނިދާ ބޮކި ވެސް ދިއްލުނެވެ. ކޮޓަރި ތެރޭގައި ވަނީ ފަނޑު އަލިކަމެކެވެ. ނިދާ ބޮކީގެ މަޑު ރަތް އަލިކަމެވެ. ކުއްލިއަކަށް ފޯނުމަތިން ހަނދާންވިއެވެ. ފޯނު ހޯދަން ފެށުނެވެ. އެކި ތަންތަން ބަލަން ފެށުނެވެ. ފޯނެއް ނުފެނުނެވެ. އަނެއްކާ ވެސް ލެޕްޓޮޕުން ވައިބަރ ކޯލެއް އަންނަ އަޑު ގުގުމަމުން ދިޔައެވެ. ބަލައިލެވުނީ ލެޕްޓޮޕްގެ ސްކުރީނަށެވެ. ރަމީޒުގެ ފޮޓޯ ފެންނަމުން ދިޔައެވެ.

"ރަމީޒު." ހައިރާން ކަމާއެކު އަހަންނަށް ގޮވައިލެވުނެވެ.

އޭރު ފެންނަމުން ދިޔައީ ރަމީޒުގެ ބުރަކަށްޓެވެ. އޭނާ އިނީ ކެމެރާއަށް ފުރަގަސްދީގެންނެވެ. ދެ ފަހަރަކު ގޮވައިލުމުން ވެސް ރަމީޒު ޖަވާބެއް ނުދިނެވެ. އަހަންނަށް ޝައްކުވާން ފެށިއެވެ. ވަހުމުތަކުން ހިތް ފުރެމުން ދިޔައެވެ. މިރޭ މިހާރު އެއްފަހަރު ރަމީޒުކަށް ގޮތް ނޭނގޭ މީހަކާ ވާހަކަދެއްކިއްޖެއެވެ. ވާނުވާ ނޭނގި އިނދެ އެތައް ވާހަކައެއް ދެއްކިއްޖެއެވެ. ހިތުގައި އެތައް ސުވާލެއް ފުނިޖެހެމުން ދިޔައެވެ. ފެންނަމުން ދިޔަ މީހާއާ މެދުގައެވެ. ކުރިން ފެނުނު ރަމީޒާ މެދުގައެވެ. އަސްލު ރަމީޒު މިހާރު އޮޅިއްޖެއެވެ. ވާހަކަދައްކަންވީ ކާކާ ކަމެއް ވެސް ނޭނގުނެވެ.

އަހަރެން ފިނޑިއަކަށް ވަނީ ހެއްޔެވެ؟ ޖެހިލުން ވެވެނީ ހެއްޔެވެ؟ ޖެހިލުން ވެގެން ކާމިޔާބެއް ލިބިދާނެ ހެއްޔެވެ؟ ފިނޑި ބަދަލަށް ކުރިމަތި ލާނެ ހެއްޔެވެ؟ އައު ކަންކަން ހޯދަން ދިރާސާ ކުރާނެ ހެއްޔެވެ؟ އަހަންނަކީ އެކަހަލަ މީހެއް ހެއްޔެވެ؟ ޖެހިލުންވާ މީހެއް ހެއްޔެވެ؟ ކަމެއް ދިމާވުމުން މާޔޫސް ވާނެ މީހެއް ހެއްޔެވެ؟ ނޫނެކެވެ. މިއީ ފިނޑިއެއް ނޫނެވެ. ކަމެއްވާއިރަށް ރޮމުން ދުވާނެ މީހެއް ވެސް ނޫނެވެ.
"ކެރެންވާނެ. ކުރިމަތިލާން ވާނީ ކެރެންޏާ. ގޮންޖެހުންތައް ވެސް ކުރިމަތި ވާނެ. ހިތްވަރު ކުރާތި!" ހަނދާނުގައި ކުޅެޅީ ރުދައިނާއާއި ރަމީޒުގެ އަޑެވެ. އެއީ ދެމީހުން އެކުގައި ބުނެދިން ވާހަކައެކެވެ.
"ކީއްވެތަ؟ މޫނު ނުދައްކަން ތިއިނީ؟ ތިއީ ރަމީޒު ނޫންވީމަ ދޯ؟" ޖެހިލުން ނުވާ ކަމަށް ހެދިގެން އަހަރެން ބުނެލީމެވެ.

އެ އިން ގޮތަށް އިނދެ ރަމީޒުގެ ބޯ އަނބުރައިލިއެވެ. އެނބުރުނީ މޫނު އެކަންޏެވެ. ކަނދުރާ އިން ގޮތަށް އިނީއެވެ. އަހަރެން ދިޔައީ ސިއްސައިގެންނެވެ. ކަނދުރާ ހަރަކާތް ނުކޮށް ބޯ އެނބުރުނު ގޮތުންނެވެ. ލާނެތް ޒާތަކަށް ރަމީޒު ހޭންފެށިއެވެ. އަހަންނާ ދިމާއަށް އޭނާ އަތްދިއްކޮށްލިއެވެ. ބިރުން ގޮސް ފަހަތަށް އެއްލުނު ގޮތުން އިދިފުށަށް ވެއްޓުނެވެ. ބޯ ޖެހުނީ އަލަމާރީގެ ދޮރު ފަތުގައެވެ. ޖެހުނުގޮތުން ބޮލަށް ތަދުވިއެވެ. އަނގައިން ވޭނީ އާހެއް ވެސް ނުކުތެވެ.

އަނެއްކާ ވެސް މުޅި ގެއިން ކަރަންޓު ދިޔައެވެ. މުށިގަނޑުގައި އަތް ކާއްތާ ލެވުނެވެ. ކޮންމެ ވެސް އެއްޗެއްގައި އިނގިލީގައި ޖެހުނުހެން ހީވެގެންނެވެ. އަހަރެންގެ ކަށި މައްޗަށް ދިރޭ އެއްޗެއް އަރާހެން ވެސް ހީވަމުން ދިޔައެވެ. ކަނާތު ފައި ތިލައިން ވައަތު ކަށިމަތި ކަހައިލީމެވެ. ކުއްލިއަކަށް ކަނާއަތު ފައިތިލައަށް ތޫނު އެއްޗެއް ހަރައިލިހެން ހީވިއެވެ. ބާރަށް ހަޅޭއްލަވާ ގަނެވުނެވެ. ތެޅި ގަނެވުނު ގޮތުން އަތުގައި އެއްޗެއް ޖެހުނެވެ. އެއީ ހަރު އެއްޗެކެވެ. އެއާއެކު ފަނޑު އަލިކަމެއް ވެރިވިއެވެ. އަތުގައި ޖެހުނީ ފޯނެވެ. ފޯނު ނަގައި ފަޔަށް އަލިކޮށްލީމެވެ. ހީވީ ރަނގަޅަށެވެ. ކަށި މައްޗަށް އެރީ ބިޗުލެކެވެ. ބިޗުލުގެ އެއްބުރި އޮތީ ކަށިމަތީގައެވެ. އަނެއް ބުރި އޮތީ މުށިގަނޑު މަތީގައެވެ. ފުން ނޭވާއެއް ދޫކޮށްލެވުނެވެ.

އަވަސް އަވަހަށް ފޯނަށް ބަލައިލީމެވެ. އޭރު ވެސް ކޮޓަރީގެ ބޮކިތައް ނިވިދިއްލެނީއެވެ. ކޮޓަރި ތެރެއިން ވައިގަދަ ދުވަހަކު ފަންތަކުގައި ވައި އެޅުމުން އިވޭ ކަހަލަ އަޑެއް އިވެމުން ދިޔައެވެ. ބަލައިލެވުނީ ކުޑަ ދޮރާ ދިމާ އަށެވެ. ފޮތިގަނޑު ވަޔާ ހޫރޭތީއެވެ. މަޑުމަޑުން ކުރިއަށް ޖެހިލީމެވެ. ފޯނުގެ ބޮކި ދިއްލައިގެން ހުރެގެންނެވެ. މޭގައި އަތް އަޅައިލެވުނެވެ. މޭގަނޑު ހީވަނީ ބޭރަށް ނުކުންނަށް އުޅޭ ހެންނެވެ. އެހައި ވެސް ބާރަށް ތެޅެމުން ދިޔައެވެ. ލަސްލަހުން ކުރިއަށް ޖެހެމުން ދިޔައީމެވެ. ކުޑަދޮރު ކައިރިއަށް ހުއްޓުނީމެވެ. މަޑުމަޑުން ފޮތިގަނޑުގައި އަތް ޖައްސައިލީމެވެ. ނޭވާ އެތެރެއަށް ހިފަހައްޓައިލައިގެން ހުރެގެންނެވެ. ދެ ލޯ މަރައިލަމުންނެވެ. އެހެން ހުރެ ފޮތިގަނޑު އެއްފަރާތްކޮށްލީމެވެ. ކުއްލިއަކަށް ވައިކެފޭ އަޑުތައް ހިނދުނެވެ. މަޑުމަޑުން ދެ ލޯ ހުޅުވާލީމެވެ. ކުޑަދޮރު ހުރީ ނުލެއްޕިއެވެ. އަވަސް އަވަހަށް ދޮރު ލައްޕައިލީމެވެ. ތަންޑު އެޅީމެވެ.

ކަންފަތުގައި ޖެހުނީ މީހެއްގެ ނޭވާގެ އަޑެވެ. އިސްތަށި ގަނޑުގައި ވައި އެޅި ދެފަރާތަށް އުދުހިލިއެވެ. އެވަރުން ވެސް ފަހަތަށް ނުބަލަމެވެ. ޖެހިލުން ނުވާކަމަށް ހެދިގެން ހުރީއެވެ. އެ ހުރި ގޮތަށެވެ. މީހެއްގެ ފިޔަވަޅުގެ އަޑު ފަހަތުން އިވޭހެން އިވެމުން ދިޔައެވެ. އަހަންނަށް ޔަގީންވީ މީހަކު އުޅޭ ކަމެވެ. ހަރަކާތެއް ނެތި އަހަރެން ހުރި ގޮތަށް ހުރީއެވެ. އަތުގައި އޮތް ފޯނު ހިއްލައިލީމެވެ. ފޯނުގެ ސްކުރީން އަންލޮކު ކޮށްލަމުންނެވެ. އެއާއެކު ހުޅުވުނީ އިންސްޓޯލްކުރި އެޕެވެ. އެޕް ހުޅުވުމާ އެކު ކެމެރާ އޮންވިއެވެ. ނަސީބޭ ހިތަށް އެރިއެވެ. ފޯނުގެ ކުރިމަތީ ކެމެރާއިން މަންޒަރު ފެންނަގޮތް ހަދައިލީމެވެ. ކޮނޑާ ދިމާއިން މައްޗަށް ފޯނު ހިއްލައިލީމެވެ. އަހަރެންގެ ދެ ލޯ ބޮޑުވިއެވެ. ހައިރާން ކަމާއެކު ބަލަން ހުރެވުނީއެވެ. ފެންނަމުން ދިޔަ މަންޒަރުންނެވެ. ހުރެވުނީ ކަޅި ޖަހައިނުލައި ބެލުނީ ފޯނަށެވެ.

ފޯނުން ފެންނަމުން ދިޔައީ ފާނޫޒެއް ހިފައިގެން ހުރި އަންހެނެކެވެ. ފާނޫޒު ވަނީ ހިއްލައިލެވިފައެވެ. އެއް އަތުންނެވެ. އެ މީހާ ހުރީ ސީދާ އަހަންނާ ދިމާއަށް ބަލާށެވެ. އަހަރެން ކުއްލިއަކަށް ފަހަތަށް އެނބުރިލީމެވެ. ފަނޑު އަލިކަމުގެ ތެރެއިން ފެންނަމުން ދިޔައީ ދުންތަކެކެވެ. ހުދު ނޫކުލައިގެ ދުންތަކެކެވެ. އެއްވެސް މީހަކު ނުފެނުނެވެ. ފޯނުގެ ފަހަތު ކެމެރާއިން މަންޒަރު ފެންނަ ގޮތަށް ހަދައިލީމެވެ. އެއްކަލަ އަންހެން މީހާ ފޯނުން ފެނެއެވެ. އެއް ފަހަރު ފޯނަށް، އަނެއް ފަހަރު އެ މީހާ ހުރި ދިމާއަށް ބަލައިލީމެވެ. އެ މީހާ ފެންނަނީ ފޯނުން އެކަންޏެވެ. ހަމަ ލޮލަށް ފެންނަނީ ހުދު ނޫ ކުލައިގެ ދުން ތަކެއް އަރާ މަންޒަރެވެ.
"ކާކު؟ ކާކުހޭ ތީ؟" ބާރަށް ހަޅޭއްލަވާ ގަތީމެވެ. ބިރު ނުގަންނަ ކަމަށް ހެދިގެންނެވެ.

އެ މީހާ ބާރަށް ހޭންފެށިއެވެ. މުޅި ގޭތެރެއިން އެ ހުނުމުގެ އަޑު އިވެމުން ދިޔައެވެ. މަތިންނާއި ތިރިންނެވެ. ފާރުތަކުގެ ތެރެއިން ވެސް އެ އަޑު އިވޭހެން ހީވަމުން ދިޔައެވެ. ކަންފަތް ބުޑުގައި އަނގަ ޖައްސައިގެން ހުރެ ހޭ ހެން ވެސް ހީވެއެވެ. ކަންފަތަށް އުނދަގޫވާން ފެށިއެވެ.

"ކާކުހޭ ތީ؟ ކަލޭ ކީއްކުރަން މިގެއަށް ވަދެގެން ތި އުޅެނީ؟" ބިރުން ތުރުތުރު އަޅާ ހާލު ވެސް ބާރަށް ވާހަކަދައްކަމުން ދިޔައީމެވެ.

"އަހަރެން މީ. ޒެންނޫނު. ޒެންނޫނު، ޒެންނު،" ހެމުން ހެމުން އެމީހާ ބުނެލިއެވެ. "އަހަރެން މިގެއަށް ވެއްދީ ވެސް ކަލޭ. މި އައީ ކަލޭ ބުނެގެން."

"އަހަރެން ބުނެގެން އައިސް އަހަންނަށް ގޯނާ ކުރަނީތަ؟" އަހަރެން ރުޅި އަންނަ ގޮތް ވިއެވެ.

"ސަމާސާކޮށްލީ! ކަލޭއަށް އެނގޭތޯ ބަލައިލީ،" ކަންފަތް ބުޑުގައި ވައި އަޑުން މީހަކު ބުނެލިހެން ހީވިއެވެ. "ކަލޭ ބިރު ވެސް ގަނޭ ދޯ. ބިރުގަންނަ މީހުން މިކަހަލަ ކަންކަމެއް ނުކުރާނެ."

"ބިރެއް ނުގަނޭ،" އަހަރެން ރުޅި އަންނަ ކަމަށް ހަދައިލީމެވެ. "ހަމަ މިހާރު ޖެއްސުން ކުރުން ހުއްޓައިލާ!"

ޒެންނޫނު އަތުގައި އެލުވައިލައިފާ ފާނޫޒު މައްޗަށް ހިއްލައިލިއެވެ. އެއާއެކު ޒެންނޫނުގެ މޫނު ރީތިކޮށް ފެނުނެވެ. އޭނާގެ ހިމަ ދިގު ނޭފަތެވެ. އުފުލިފައިވާ ކޯތާފަތެވެ. ނޭފަތާ ދިމާއަށް ލެނބިފައިވާ ހިމަ ދަތްދޮޅިއެވެ. މުށި ކުލައިގެ ފަން އިސްތަށިގަނޑެވެ. އޭނާގެ ބޮލުގެ މެދުގައި ވަނީ ހުދުކުލައިގެ ފޮތިގަނޑެއް އައްސާފައެވެ. އިސްތަށިގަނޑުން ބައެއް ނިންމަތިން ފެންނަން ހުއްޓެވެ. ކަންފަތާ ދިމާއިން ވެސް އިސްތަށިތައް ފެންނަން ހުއްޓެވެ. ލައިގެން ހުރީ ވެސް އެ ކުލައިގެ ހެދުމެކެވެ. ގަޔަށް ދޫ ހުދު ހެދުމެކެވެ. އަހަންނަށް އަތްލެވުނީ އަހަރެންގެ މޫނުގައެވެ. އެއީ ސީދާ އަހަރެންގެ ނަކަލެއް ހެއްޔެވެ؟ އެއީ ހަމަ ޒެންނޫނު ހެއްޔެވެ؟ ނޫނީ އަހަރެން ހެއްޔެވެ؟

"ޒެއްނޫނު؟" ހިތައި ހިތައި ކިޔައިލެވުނެވެ.

"އާނ. ކަލޭގެ ސިފާގައި މި އައީ،" ޒެއްނޫނު އަހަރެންގެ ހިތުގައި އޮތް ސުވާލަށް ޖަވާބު ދިނެވެ. "ކަލޭ ކަމެއް ވީމަ، އަހަންނަށް އެންގީ ލޯތަކަށް ފެންނަން ޖެހޭނީ ކަލޭގެ ގޮތުގައި ކަމަށް."
ކޮޓަރީގެ ބޮކިތައް ނިވިދިއްލެން ފެށުނެވެ. ދެތިން ފަހަރަކު ދިއްލުމަށްފަހު އަނެއްކާ ވެސް ނިވުނެވެ. ސިކުންތެއް ނުވަނީސް ކޮޓަރި އެކުގައި ދިއްލުނެވެ. މުޅިތަން އަލިވިއެވެ. ކުއްލިއަކަށް ކޮޓަރި ތެރެއިން ވައިރޯޅިއެއް އުދުހި ގަތެވެ. ވައިގަދަ ދުވަހަކު ރުއްރުކުގައި ވައި އެޅުމުން އިވޭ އަޑުން ކޮޓަރި ތެރެ ގުގުމައިލިއެވެ. އަހަރެންގެ މޫނަށް ވެސް ވައިރޯޅީގެ އަސަރު ކުރަމުން ދިޔައެވެ. އިސްތަށިގަނޑު ވެސް ވަޔާ ވިހުރެން ފެށިއެވެ. ހީވަނީ އިސްތަށިތައް އެކުގައި ބޮލުން ލުހިދާނެ ހެންނެވެ. ގައިގައި އޮތް ހެދުން ވެސް ގައިން ވަކިވެދާނެ ހެންނެވެ. އެހައި ވެސް ވައި ބާރެވެ. ހައިރާންވާން ޖެހުނީ ކޮޓަރީ ހުރި އެހެން ތަކެއްޗަށް އެކަމުގެ އަސަރު ނުކުރާތީއެވެ. ވައިރޯޅިއާ އެކު އަހަރެން ދަމާފައި ކަހަލަ ގޮތަކަށް ގެންދިޔައެވެ. ކުޑަދޮރާ ދޮރާ ދިމާ އަށެވެ. އެއީ އަހަރެން ލެއްޕި ކުޑަދޮރެވެ. ހައިރާންވީ އެހެންވީމައެވެ. ޔަގީންކަމާއެކު އެ ދޮރު ލެއްޕީމެވެ. ކުއްލިއަކަށް ބާރު އަޑުފައްގަނޑެއް އިވުނެވެ. ދޮރުފަތުގައި އެއްޗެއް ޖެހުމުން އިވޭ ކަހަލަ އަޑެކެވެ. ދޮރު ފޮތިގަނޑު ވެސް ވަޔާއެކު ބޭރަށް ނުކުތެވެ. އެ އަޑާހިނދުނީ ވައިރޯޅި އާ ވެސް އެކުގައެވެ. ހައިރާން ކަމާއެކު އަހަންނަށް ބަލަހައްޓައިގެން ހުރެވުނީއެވެ.

އަތުގައި އޮތް ފޯނު މަތިން ހަނދާންވުމުން ކުއްލިއަކަށް ފޯނު ދިއްކޮށްލެވުނީ ކުޑަ ދޮރާ ދިމާ އަށެވެ. ފޯނުގެ ސްކުރީނަށް ފެނުނީ ޒެންނޫނުގެ ހެދުމުގެ ފަސްބައިން ތަންކޮޅެކެވެ. ހުޅުވިފައިވާ ކުޑަދޮރާ ދިމާ ބޭރަށް ފޯނު ދިއްކޮށްލީމެވެ. އޭރު ހުދު ނޫކުލައިގެ އައްޔަކާއެކު ޒެންނޫނު، އަހަރެން ހުރި އިމާރާތުން ތިރިއަށް ދަނީއެވެ. އަހަރެން މަންޒަރު ބަލަން ހުރީ ފޯނުންނެވެ. ޒެންނޫނު ފެންނަނީ ހަމައެކަނި ފޯނުން ކަމަށްވާތީއެވެ. ޒެންނޫނު އަހަންނާ ދިމާއަށް ބަލައިލަމުން އޭނާގެ އަތުގައި އޮތް ފާނޫޒު މޫނާ ހަމައަށް ހިއްލައިލިއެވެ. އޭނާ ފަރި ގޮތަކަށް އަހަންނާ ދިމާއަށް ބަލައިލަމުން ހިނިތުންވެލިއެވެ. އަހަންނަށް ހައިރާން ކަމާއެކު ބަލަން ހުރެވުނީއެވެ.
"ހާސް ނުވޭ. ސިހިސިހި ނުހުރެ ކުރިއަށްދޭ. އަހަރެން އެހީވާނަން. އުމުރަށް." ކަންފަތް ބުޑުގައި ވައި އަޑުން އޭނާ ބުނެލިހެން ހީވިއެވެ.

މުޅި ތަން ހިމޭންވިއެވެ. އަނދިރިވިއެވެ. ފޯނު ރިންގުވާން ފެށީ އެ ވަގުތުއެވެ. އެއާއެކު ފޯނަށް ފުލުފުލުން މެސުޖު އަންނަމުން ދިޔައެވެ.

"އިބާ. ފޯނު ނިވައިލައިގެން ކީއްތަ ތި ކުރަނީ؟" އަނގައިން ނުބުނަނީސް ރުވައިދާ ފެށިއެވެ. "އަހަރެން ގުޅާތާ ކޮން އިރެއް. ކީއްތަ ތި ކުރީ؟"

"ހަލޯ!" ގަދަކަމުން ކަހަލަ ގޮތަކަށް ބުނެވުނީ އެ ވަރަށެވެ.

"ނިދަނީ ދޯ! އަހަރެން އަދި އަނގަތަޅައިލަން މި ގުޅީ. ދެން ނިދާ. މަ ވެސް ނިދަނީ." ރުވައިދާގެ ރަސްމީ ރާގުގައި އޭނާ ބުނެލިއެވެ.

ހިތުގައި އުފެދެމުން ދިޔަ ސުވާލުތަކުގެ ސަބަބުންނެވެ. ވިސްނެމުން ދިޔައީ ހިނގައިދިޔަ ކަންތަކާ މެދުގައެވެ. ފުން ނޭވާއެއް ދޫކޮށްލެވުނެވެ. މަޑުމަޑުން ފޯނަށް ބަލައިލެވުނެވެ.

"ނިދަނީ ދޯ! އޯކޭ މަ ވަރަށް ގުޅައިފިން. ލެޕް ވެސް ފޯނު ވެސް ނިވައިލައިގެންދޯ. މާދަމާ ގުޅާނަން." ބަލައިލެވުނީ ވައިބަރއިން ލިބިފައިވާ ރަމީޒުގެ މެސެޖާއި ސްޓިކާއަށެވެ.

ސިކުނޑީގައި އެނބުރެމުން ދިޔައީ ޒެންނޫނުގެ ތަސްވީރެވެ. ހިތުގައި އުފެދެމުން ދިޔައީ ސުވާލު ތަކެކެވެ. ހަމަ ލޮލަށް ނުފެނި ޒެންނޫނު ފޯނަށް ފެންނަނީ ކީއްވެބާއެވެ؟ ހަނދާންނަށް އައީ ފޯނަށް އެޅި އެޕްލިކޭޝަންގެ މަތިންނެވެ. 'އެސް' އަކުރެއްގެ ނިޝާން ޖަހައިފައިވާ އެ އެޕްލިކޭޝަން ހުޅުވާލީމެވެ. ތާނަ އަކުރުން 'ސިހިސިހި' ލިޔެވުނެވެ. އޭގެ ތިރިން "ދިވެހި ކާބަފައިންގެ ތާސިރު އަދުގެ ޖީލަށް" އިނގިރޭސި އަކުރުތަކަކުން ލިޔެވުނެވެ. ފޯނުގެ ސްކުރީން އެކުގައި ކަޅުވިއެވެ. އަނެއްކާ ވެސް އިނގިރޭސި އަކުރުތަކެއް ލިޔެފެން ފެށުނެވެ. 'އެވެރިން މިވެރިން – އެކުގައި ކުރިއަށް' އެ އިބާރާތް އަހަންނަށް ވިސްނުނީ ދިވެހިންނެވެ. ފުން ނޭވާއެއް ދޫކޮށްލެވުނެވެ. ތުންފަތުގައި ލުއި ހިނިތުންވުމެއް ދުވެލިއެވެ.

"ޔޭސް." ހިތުގައި ޖޯޝް އާވިއެވެ.

އަތް މުއްކަވާލަމުން އަތަށް ބާރުކޮށްލެވުނެވެ. މި ލިބުނީ ވަރަށް ބޮޑު ކާމިޔާބެކެވެ. މި ކުރެވުނީ ބުރަ މަސައްކަތެކެވެ. މިއީ ދުނިޔޭގެ ނިސްބަތުން މޮޅު މަސައްކަތަކަށް ވާނެއެވެ. ޔަގީނުން ވެސް މިދާއިރާއިން މި ކަހަލަ އައު އެއްޗެއް އަދި ވުޖޫދެއް ނުވާނެއެވެ. އެހެން ހިތަށް އަރައިފައި ހިތާހިތާ ޝުކުރު އަދާކޮށްލެވެނެވެ.

"ތޭންކްސް ޒެންނު. ތޭންކްސް ސިހިސިހި. އަދި މި ފެށެނީ." އަހަންނަށް މަޑުމަޑުން ބުނެލެވުނެވެ.

ހަނދާނަށް އައީ ދެ މަސް ދުވަހުގެ ހުރިހާ ވަގުތެއް ގުރުބާންކޮށްގެން އުފެއްދި މޯބައިލް އެޕްލިކޭޝަންގެ މަތިންނެވެ. ކުޑައިރުކޮޅެއް ކުރިން ލިބުނު ނޮޓިފިކޭޝަނަކީ އެ އެޕްގެ އަޖުމަބެލުމުގެ މަރުހަލާ ތައްޔާރީ ހާލަތަށް އައިކަމުގެ ސިގުނަލެވެ. އެކަމުގެ ނިޝާނެކެވެ. ފަންޑިތަ ފޮތްތަކުގެ ތާސީރުން ފައްކާކުރި އުފެއްދުންތަކުގެ ޒިންމާތަކެއް މަތިކުރީ 'ނުފެންނަ' މީހުންނަށެވެ. އެމީހުންގެ ތެރޭގައި އުޅޭ އިސްވާރުންގެ ފަރާތުން އަހަރެންގެ މަސައްކަތަކަށް ވާގިވެރިވާ މީހާ ޒިންމާތައް މަތިކުރީ ޒެންނޫނަށެވެ. އަހަންނަށް ސިހުން ލިބުނީ އެކަން ނޭނގި އޮތީމައެވެ. އެކަމަކު މިހާރު އެކަން ވެސް އެނގުނީއެވެ. ޒެންނޫނު އެ ނުކުތީ އޭނާގެ ޒިންމާއަށެވެ. އަހަންނަށް އޮތީ ސިހިސިހި ވައިގައި ހިއްޕުމެވެ. އަހަރެން ވެސް އެ މަސައްކަތް ފެށީއެވެ. މިއީ ފުރަތަމަ މަރުހަލާއެވެ. (ނިމުނީ)