ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނ. ކެނދިކުޅުދޫއަށް ވަޑައިގެން އެ ރަށުގެ މިސްކިތެއް ހުޅުވައި ދެއްވައިފި އެވެ.
ރައީސް މިއަދު ކެނދިކުދޫއަށް ވަޑައިގަތުމުން ރަށުގެ ބަނދަރު ސަރަހައްދުން ރަށުގެ ކައުންސިލް މެންބަރުންނާއި ގިނަ އަދަދެއްގެ އާންމުން ވަނީ އެމަނިކުފާނަށް ހޫނު މަރުހަބާއެއް ދަންނަވާފަ އެވެ.
ކެނދިކުޅުދޫއަށް ރައީސް ސޯލިހު ފެއްޓެވި ދަތުރުފުޅުގައި އެ ރަށުގައި އަލަށް ބިނާ ކޮށްފައިވާ މިސްކިތް ހުޅުވައިދެއްވި އިރު އަރިހުގައި އިސްލާމިކް މިނިސްޓަރު ޑރ. އަހްމަދު ޒާހިރާއި ކެނދިކުޅުދޫ ދާއިރާގެ މަޖިލިސް މެންބަރު އަހުމަދު އީސަ ބައިވެރިވެވަޑައިގެންނެވި އެވެ.
މިއަދު ހުޅުވި މިސްކިތަކީ މިދިޔަ އަހަރުގެ ކުރީކޮޅު އެމަނިކުފާނު އެ ރަށަށް ވަޑައިގެން ބިންގާ އަޅުއްވައި ދެއްވި މިސްކިތެކެވެ. އެ މިސްކިތަކީ ހެޔޮ އެދޭ ފަރާތެއްގެ އެހީގައި ބިނާ ކުރި މިސްކިތެކެވެ. އެ މިސްކިތުގައި އެއް ފަހަރާ 550 މީހުން ނަމާދު ކުރެވެ އެވެ. މިއީ ކެނދިކުޅުދޫގައި ބިނާ ކުރި ފަސްވަނަ މިސްކިތެވެ.
ރައީސްގެ މި ދަތުރުފުޅުގައި ކެނދިކުޅުދޫގެ ކައުންސިލްގެ މެންބަރުންނާ ބައްދަލު ކުރައްވާނެ އެވެ. އަދި ރަށުގައި ހުރި ސަރުކާރާއި ދައުލަތުގެ މުއައްސަސާތަކަށް ޒިޔާރަތް ކުރައްވައި އެ ތަންތަނުގެ ވެރިންނާ ވެސް ބައްދަލު ކުރައްވާނެ އެވެ.