ވިޔަފާރި

ދެވަނަ އެޗްއާރު ކޮންވެންޝަނަށް ފުރުސަތު ހުޅުވާލައިފި

މޯލްޑިވްސް އެސޯސިއޭޝަން އޮފް އެޗްއާރު ޕްރޮފެޝަނަލްސް (މާޕް) އިން އިންތިޒާމުކުރާ ނެޝަނަލް އެޗްއާރު ކޮންވެންޝަން އެންޑް އެކްސްޕޯ އަށް ރެޖިސްްޓާ ވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

މިއީ މި އެކްސްޕޯ ބާއްވާ ދެވަނަ ފަހަރެވެ. މިފަހަރުގެ އެކްސްޕޯ ބޭއްވުމަށް ހަމަޖެހިފައިވަނީ އޭޕްރީލް 14 އަދި 15 މި ދެ ދުވަހުއެވެ.

މިއަހަރުގެ ކޮންވެންޝަންގައި މުވައްޒަފުންގެ ހުނަރާއި ގާބިލްކަން އިތުރުކުރުމާއި، ވަޒީފާގެ މާހައުލަށް ޓެކްނޮލޮޖީ އިތުރުކުރުމާއި، ވަޒީފާގެ މާހައުލު މުވައްޒަފުންނަށް އެންމެ އެކަށީގެންވާ މާހައުލަކަށް ހެދޭނެ ގޮތްތަކާއި، ލީޑާޝިޕް އަދި އިންސާނީ ވަސީލަތް ބިނާކުރާނެ ގޮތްތަކާއި ބެހޭގޮތުން މަޝްވަރާ ކުރެވިގެންދާނެއެވެ.

މި ކޮންވެންޝަންގައި ކީނޯޓް ސްޕީޗްތައް ދެއްވާނީ ދުނިޔޭގެ ފެންވަރުގެ މަޝްހޫރު 14 ފަރާތަކުންނެވެ. ކީނޯޓް ސްޕީކާސް ތެރޭގައި ގްލޯބަލް ކީނޯޓް ސްޕީކާ އަދި އެގްޒެކެޓިވް ކޯޗް އޮން ލީޑަރޝިޕް އެންޑްރޫ ބްރެންޓް، ޓްރާންސްފޯމެޝަންލް ކީނޯޓް ސްޕީކާ ކަރެން ލިއޮންގ، ލީޑަރޝިޕް ސްޕީކް އޯތާ އެންޑް ހައި ޕާފޯމަންސް ސްޓްރެޓެޖިސްޓް ކެނެތް ކުއާން، މެނޭޖިން ޕާޓްނާ އެޓް ކްރޫ ގްލޫ އެންޑް ދަ ޑެއިޒީ ގްރޭ ޕާޓްނަޝިޕް ސާރާ ބެލިންގާ ހިމެނެއެވެ. މީގެ އިތުރުން ރާއްޖޭގެ 20 ފަރާތަކުން ތީމް އާއި ގުޅޭ ތަފާތު ސެޝަންތައް ނަންގަވައިދެއްވާނެއެވެ.

މި ކޮންވެންޝަން އާއި ބެހެގޮތުން ވާހަކަ ދައްކަވަމުން މާޕްގެ ރައީސް އަދި ލަކްސް ރިސޯޓްގެ ރީޖަނަލް ޑައިރެކްޓަރު ޓްރެއިނިންއެންޑް ޑިވެލޮޕްމަންޓް ހުސައިން އަފީފް ވިދާޅުވީ 2019 ގައި ބޭއްވުނު ކާމިޔާބު އެޗްއާރު ކޮންވެންޝަން ފަދަ އަދި އެއަށް ވުރެވެސް ފުރިހަމަ ކޮންވެންޝަން އެއް މިފަހަރު ބޭއްވިގެން ދާނެކަމަށެވެ. ދުނިޔޭގެ ފެންވަރުގެ ގިނަ ސްޕީކާސްތަކެއް ބައިވެރިވާ މި ކޮންވެންޝަންގެ އަގަކީ މިފަދަ އިވެންޓަކަށް ވަރަށް އެކަށޭނަ އަގެއްކަމަށްވެސް އޭނާ ވިދާޅުވިއެވެ. އަދި ކޮންވެންޝަން ހިނގަމުންދާއިރު އެޗްއާރު ދާއިރާއާއި ގުޅޭ ތަކެއްޗާއި ހިދުމަތްތައް ދައްކާލެވިގެންދާ އެކްސްޕޯއެއްވެސް ކުރިޔަށްދާނެ އެވެ.

މާޕް އަކީ ހިއުމަން ރިސޯސްގެ ދާއިރާއަށް މީހުން ހޭލުންތެރިކޮށް މީހުން ބިނާކުރަން މަސައްކަތް ކުރުމަށް ރާއްޖޭގައި އުފެދުނު ފުރަތަމަ ޖަމިއްޔާއެކެވެ. ޖަމިއްޔާގެ މައިގަނޑު މަގްސަދަކީ އެޗްއާރު ދާއިރާގައި މަސައްކަތް ކުރައްވާ ފަރާތްތަކަށް ތަފާތު ގޮތްގޮތުން އެހީތެރިވެ އެފަރާތްތަކަށް ބޭނުންވާ ފަހުގެ ރިސޯސްތައް ހޯދުމަށް އެހީތެރިވެދިނުމާއި ދާއިރާއާއިގުޅޭ ބޭރުގެ ފަރާތްތަކާ ގުޅުން ބަދަހި ކުރެވި މައުލޫމާތި ބަދަލުކުރެވޭނެ މަގުތައް ފަހިކޮށްދިނުމެވެ. އެގޮތުން ޖަމިއްޔާ އުފެދުނުތާ އެއް އަހަރު ވެފައިވާ އިރު، ދާއިރާއާއި ގުޅުންހުރި ތަފާތު ގިނަ ކާމިޔާބު ޕްރޮގްރާމްތަކެއް ވަނީ ހިންގާފައެވެ.

އެގޮތުން ޖަމިއްޔާއިން މިދިޔަ އަހަރު ބޭއްވި ހާއްސަ ހަރަކާތްތަކުގެ ތެރޭގައި ދުނިޔޭގައި އެންމެ ފާހަގަކޮށްލެވޭ އެއް ކަސްޓަމާ އެކްސްޕީރިއަންސް ކޮންސަލްޓަންޓް، ރޮން ކޮފްމަން ލައިވް އިން މޯލްޑިވްސް، ދުނިޔޭގެ މަޝްހޫރު މޯޓިވޭޝަންލް ސްޕީކާ ރޮބިން ބޭންކްގެ ސެޝަންގެ އިތުރުން މާޗް މަހު ދަރުބާރުގޭގައި ބޭއްވި އެޗްއާރު ކޮންވެންޝަން އެންޑް އެކްސްޕޯ ހިމެނެއެވެ.

މީގެ އިތުރުން ރާއްޖޭގައި ފުރަތަމަ ބޭއްވުނު ލާނިން އެންޑް ޑިވެލޮޕްމަންޓް ކޮންފަރެންސްވެސް މިދިޔަ އަހަރު ބޭއްވިގެންދިޔައެވެ.

2020 ވަނަ އަހަރު ވެގެންދާނީ މާޕްގެ ފަރާތުން ގިނަ އިވެންޓް ތަކެއް ބޭއްވިގެންދާނެ އަހަރަކަށެވެ. އެގޮތުން ނެޝަނަލް އެޗްއާރު ކޮންވެންޝަން އެންޑް އެކްސްޕޯގެ އިތުރުން ޖުލައިގައި ބޭއްވުމަށް ހަމަޖެހިފައިވާ ލާނިން އެންޑް ޑިވެލޮޕްމަންޓް ކޮންފަރެންސާއި ދުނިޔޭގެ މަޝްހޫރު ސްޕީކާސް ކަމުގައިވާ މާޝަލް ގޯލްޑްސްމިތް، ރޮބިން ބޭންކްސް އަދި ރޮންކޮފްމަން ހިމެނެއެވެ. އަދި ކޮންމެ މަހަކުހެން ބާއްވަމުންދާ ނޮލެޖްޝެއާ ސެޝަންތައް ރާއްޖޭގެ އެކި ހިސާބުތަކުގައި ބޭއްވިގެންދާނެއެވެ.

ހަމައެއާއިއެކު ވިލާކޮލެޖް އަދި މަޓީ އާއި އެކު ކުރިޔަށްގެންދާ ހަރަކާތްތައްވެސް މިއަހަރު ކުރިޔަށްގެންދިއުމަށް ހަމަޖެހިފައިވެއެވެ.

ނޭޝަނަލް އެޗްއާރު ކޮންވެންޝަން އެންޑް އެކްސްޕޯ 2020ގައި ރަޖިސްޓްރީވާން ބޭނުންވާ ފަރާތްތަކުން އޮންލައިންކޮށް ރެޖިސްޓްރީވުމުގެ ފުރުސަތު މާޕްގެ ވެބްސައިޓް އަދި ފޭސްބުކް ޕޭޖްއިން ލިބިގެންދާނެއެވެ.