ކުލަބު ގުރީން ސްޓްރީޓްގެ މައްޗަށް 2-0 ގެ ނަތީޖާ އަކުން ކާމިޔާބު ހޯދައި، ޓީސީ ސްޕޯޓްސް ކުލަބުން ތާވަލުގެ ތިން ވަނަ އަށް ޖެހިލައިފި އެވެ.
މެޗަށް ޓީސީ ނުކުތީ ބަދަލު ތަކާއެކު އެވެ. ކުރިން ފޯކައިދުއަށް ކުޅުނު ޕާކިސްތާންގެ ގައުމީ ޓީމުގެ ގޯލްކީޕަރު ސާގިބް ހަނީފް އާއި ހަމަ އެ ޓީމަށް ކުޅުނު މިސްރުގެ ޑިފެންޑަރު މަހްމޫދު ސައްޔިދު އާއި އަލީ ޝާމިސް (ތޮއްޕެ) ވެސް ވަނީ ޓީސީއަށް ބަދަލު ވެފަ އެވެ. އެ ތިން ކުޅުންތެރިންވެސް މެޗުގައި ކުޅުނުއިރު ޓީސީ މޮޅު ކޮށްދިނުމުގައި އެ ކުޅުންތެރިން އަދާ ކުރި ދައުރު ޓީސީގެ ކޯޗް ޝާޒްލީ މުހައްމަދު (ޝާޒް) ފާހަގަ ކުރި އެވެ.
މެޗުގައި، ގޯލްކީޕަރު ސާގިބް ވަނީ މޮޅު ކުޅުމެއް ދައްކާފަ އެވެ. ގުރީން އިން ފޮނުވާލި ނުރައްކާތެރި ބޯޅަތަކެއް އޭނާ ދިފާއު ކުރި އެވެ. މެޗަށް ގުރީން ސްޓްރީޓްވެސް ނުކުތީ ބަދަލަކާއެކު އެވެ. އެއީ 19 އަހަރުން ދަށުގެ ގައުމީ ޓީމުން ފާހަގަ ކުރެވުނު ކީޕަރު ހަސަން އަލީފް އިބްރާހިމް އެ ޓީމަށް ސޮއި ކުރުވުމަށް ފަހު އޭނާ ގޯލަށް ލައިގެންނެވެ. އޭނާ މީގެ ކުރިން ހުރީ އީގަލްސްގެ ކުޅުންތެރިޔެއްގެ ގޮތުގަ އެވެ. ގުރީން އަށް ބަދަލުވީ މި ސީޒަންގެ ނިޔަލަށް ލޯނެއްގެ ދަށުންނެވެ.
މެޗުގައި އޭނާ ވަނީ ރަނގަޅު ސޭވްތަކެއްވެސް ކޮށްފަ އެވެ. ޓީސީން ޖެހި ފުރަތަމަ ލަނޑަކީ އެ ޓީމަށް ލިބުނު ޕެނަލްޓީ އަކުން އިސްމާއީލް އީސާ ކާމިޔާބު ކުރި ލަނޑެކެވެ. މެޗުގެ 53 ވަނަ މިނެޓްގައި ލިބުނު އެ ޕެނަލްޓީ އަކީ ގުރީންގެ ޕެނަލްޓީ އޭރިއާގެ ތެރެއިން ޓީސީގެ އިޝާން އިބްރާހިމް (ސައްޓު) ގުރީންގެ ކުޅުންތެރިން ކުރި ފައުލަކާ ގުޅިގެން ދިން ޕެނަލްޓީ އެކެވެ.
މެޗުގެ ފުރަތަމަ ހާފުގައި ގުރީން އަށްވެސް ވަނީ ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބިފަ އެވެ. އެގޮތުން އަހްމަދު ރަޝީދު (އަންމަޑޭ) އާއި އަބްދުﷲ ޔާމީން (ޔާން) އަށް ލިބުނު ފުރުސަތު ފާހަގަ ކޮށްލަން ޖެހެ އެވެ. މެޗުގެ ފަހު ވަގުތު ގުރީންއިން ކުޅުނީ އެއް ކުޅުންތެރިޔަކު މަދުކޮށެވެ. އެއީ ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި ކުޅެން އެރި އިބްރާހިމް ރިޒްހާން (ރިޒްކޯ) އަށް ރަތް ކާޑު ދެއްކުމުންނެވެ.
ރިޒްކޯ ކުޅެން އެރީ، މެޗުގެ 84 ވަނަ މިނެޓްގައި، އަންމަޑޭގެ ބަދަލަށެވެ. ކުޅެން އެރިތާ 10 މިނެޓް ނުވަނީސް އޭނާ އަށް ރީނދޫ ކާޑު ދެއްކީ ކުރި ފައުލާ ގުޅިގެންނެވެ. ރީނދޫ ކާޑު ދެއްކުމުން ރެފްރީއަށް ނިސްބަތްކޮށް ބުނި އެއްޗެއްގެ ސަބަބުން އޭނާ ރަތް ކާޑު ދެއްކި އެވެ.
ޓީސީގެ ދެ ވަނަ ލަނޑު މެޗުގެ އެންމެ ފަހު މިނެޓްގައި ކާމިޔާބު ކުރީ ސައްޓު އެވެ. އޭރިއާގެ ތެރޭގައި ހުރެފައި އޭނާ ބޯޅަ ފޮނުވާލީ ކީޕަރު އަލީފް ހުރި ފަޅި އަށެވެ. އެހެންނަމަވެސް އޭނާ އަށް ބޯޅަ ސަލާމަތެއް ނުކުރެވުނެވެ. ގުރީންގެ ކޯޗް އަލީ ސުޒޭން ބުނީ، މެޗުން ބަލިވީ ލިބުނު ފުރުސަތުތައް ބޭނުން ނުކުރެވުމުން ކަމަށެވެ.
ލީގްގެ ދެ ވަނަ ބުރުގައި ބާކީ އޮތީ އެންމެ މެޗެކެވެ. އެ މެޗުގައި އާދިއްތަ ދުވަހު ޓީސީ ނުކުންނާނީ އީގަލްސް އާ ދެކޮޅަށެވެ. ލީގްގެ ތިން ވަނަ ބުރު ކުރިއަށް ގެންދާނެ ގޮތެއް ނިންމުމަށް މާދަމާ ކުލަބުތަކާއެކު މަޝްވަރާ ކުރުމަށް އެފްއޭއެމުން ވަނީ ހަމަޖައްސާފަ އެވެ.