ހަބަރު

ގައުމު ކުރިޔަށް ދާނީ ޒުވާނުން އޯގާތެރިވެގެން: ފައިސަލް

Jan 9, 2020
1

ރާއްޖެ ތަރައްގީކޮށް ކުރިޔަށް ދެވޭނީ ޒުވާނުން އެކަކު އަނެއްކަކަށް އަޅައިލާ އޯގާތެރިވެގެން ކަމަށް ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެ އެވެ.

ޔޫތު މިނިސްޓްރީން ރޭ ބޭއްވި "ރަން އަހަރު" ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ފައިސަލް ވިދާޅުވީ މުޖްތަމައުގައި ހިނގާ ކަންކަމަށް ވިސްނާ އެކަކު އަނެކަކަށް އަޅާލާ އޯގާތެރިވާ ބަޔަކަށް ޒުވާނުން ވާން ޖެހޭ ކަމަށާއި ސިއްހަތަށް ގެއްލުންހުރި ކަންކަމާ ދުރުހެލިވުމަށް އެދިވަޑައިގަންނަވާ ކަމަށެވެ. އަދި ތަހުޒީބު ބައެއްގެ ގޮތުގައި ދެމި ތިބެވޭނީ އެހެން މީހުންގެ ހައްގުތައް ވެސް ރައްކާތެރި ކުރެވިގެން ކަމަށް ނައިބު ރައީސް ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ ގައުމު ކުރިއަރައިގެން ތަރައްގީވެގެން ތަހުޒީބު ބައެއްގެ ގޮތުގައި ދެމި ތިބެވޭނީ އަނެކާގެ ހައްގު ވެސް އަޅުގަނޑުމެން ދަނެގެން،" ފައިސަލް ވިދާޅުވި އެވެ.

ފައިސަލް ވިދާޅުވީ މި ސަރުކާރު ފެށުނީ ވެސް "ހަށިހެޔޮ ދުޅަހެޔޮ އީދު"ގެ ނަމުގައި ކުރިޔަށް ގެންދިޔަ ޕްރޮގްރާމަކުން ކަމަށާއި ކުޅިވަރު ކުރިއެރުވުމަށް ވަރަށް އިސްކަން ދެއްވާ ކަމަށެވެ. އަދި މިދިޔަ އަހަރު ކުޅިވަރުގެ ދާއިރާއިން ރާއްޖެއަށް ލިބުނު ކާމިޔާބީތަކުގެ މައްޗައް އަލިއަޅުވާލައްވަމުން އެމަނިކުފާނު ވިދާޅުވީ 2023 ވަނަ އަހަރު ރާއްޖޭގައި އިންޑިއަން އޯޝަން އައިލެންޑް ގޭމްސް ބާއްވާ ގޮތަށް ހަމަޖެހުމަކީ އުފާކުރަންޖެހޭ ވަރު ކާމިޔާބީއެއް ކަމަށެވެ.

"މި ސަރުކާރުން އެންމެ ފުރަތަމަ ފެށި އެއް މަސައްކަތަކީ ޒުވާނުން ބާރުވެރިކުރުމާއި ތަރައްގީގެ ކަންކަމުގައި ޒުވާނުން ބައިވެރިކުރުމުގެ މަސައްކަތް،" އެމަނިކުފާނު ވިދާޅުވި އެވެ.

ނައިބު ރައީސްގެ ވާހަކަފުޅުގައި މިދިޔަ އަހަރު ޒުވާނުންނަށް އަމާޒުކޮށްގެން ކުޅިވަރުގެ އެކިއެކި މުބާރާތްތަކާއި ހޭލުންތެރިކުމުގެ އެކި ޕްރޮގްރާމްތަކާއި ލީޑަރޝިޕް އެކި ޕްރޮގްރާމްތަކެއް ސަރުކާރުން ކުރިޔަށްގެންދިޔަ ކަން ފާހަގަ ކުރެއްވި އެވެ.