ހަބަރު

ޒުވާނުންގެ އުއްމީދުތައް ހަގީގަތަކަށް ހަދައިދޭން އިސްކަން ދޭނަން: އިބޫ

ގުޅިފައިވާ ޕާޓީތަކުގެ ސަރުކާރެއް ވެގެން ދާނީ ޒުވާނުންގެ އުއްމީދުތައް ހަގީގަތަކަށް ހަދައިދޭނެ ސަރުކާރަކަށް ކަމަށް އެ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު، އިބޫ ރޭ ވިދާޅުވެއްޖެ އެވެ.

އިބޫ އަދި ރަނިންމޭޓް ފައިސަލް ނަސީމް ރޭ ވަނީ ޒުވާނުންނަށް ހާއްސަ ޖަގަހައެއް ހުޅުވައިދެއްވާފަ އެވެ. އަދި އިބޫ ވަނީ ޒުވާނުންނަށް ސަރުކާރެއްގައި ކޮށް ދެއްވާނެ ބައެއް ކަންކަން ހާމަކުރައްވާފަ އެވެ.

ޒުވާނުންނާ މުހާތަބު ކުރައްވާ ވާހަކަ ދައްކަވަމުން އިބޫ ވިދާޅުވީ، ޒުވާނުންނަށް ހާއްސަ ސްކޮލަޝިޕްތައްދީ އެ ޒުވާނަކު ބޭނުންވާ ގައުމަކުން ކިޔެވޭނެ ގޮތް ހައްދަވައިދެއްވާނެ ކަމަށެވެ. އަދި މާލެ ކައިރީގައި ޕިކްނިކް ދާން ރަށެއް ހަމަޖައްސަވާނެ ކަމަށް ވެސް ވިދާޅުވި އެވެ.

އިބު ވިދާޅުވީ، ޒުވާނުންގެ އާބާދީގެ ބޮޑު ޕަސެންޓަކީ ވަޒީފާ ނެތް ޒުވާނުން ކަމަށާއި އެހެންވެ ޒުވާނުންނަށް ވަޒީފާތައް ހޯދައިދެއްވުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ.

ޕާޓީތަކުގެ ސަރުކާރެއް ވާނީ ޒުވާނުންނާ ގާތް ސަރުކާރެއްކަން ފާހަގަކުރައްވަމުން އިބޫ ވަނީ މި ސަރުކާރުން ޒުވާނުންނަށް އަމަލު ކުރަނީ ރަނގަޅަށް ނޫންކަން ފާހަގަކުރައްވާފަ އެވެ. އެގޮތުން ޒުވާނުން ކުޅުންތެރިންނާއި ވަކީލުން ޖަލަށް ލައި ޒުވާނުން ކައުންސިލަރުން ސަސްޕެންޑްކުރާކަން ފާހަގަކުރެއްވި އެވެ.

އިބޫ ވިދާޅުވީ، ޒުވާނުންނަށް ވޯޓު ދިނުމުގެ ހައްގު ހޯދައިދިން ފަރާތްތައް ވެސް ތިބީ އިދިކޮޅުގަ ކަމަށެވެ. އަށާރަ އަހަރުން މަތީގެ މީހުންނަށް ވޯޓު ދެވޭ ގޮތަށް ހުށަހެޅި ބިލަށް އިބޫ އަދި ފައިސަލް ވެސް ވޯޓު ދެއްވި އެވެ.

ފައިސަލް ނަސީމް ވިދާޅުވީ، އިބޫގެ ސަރުކާރެއްގައި ޒުވާނުންނަކީ ގައުމުގެ ހަލުވި ދުވެލީގައި 24 ގަޑިއިރު މަސައްކަތް ކުރެވޭ ބަޔަކަށް ހައްދަވާނެ ކަމަށެވެ. ޒުވާނުންނަކީ ވަޒީފާއެއް ނެތި އުޅެން ޖެހިފައިވާ ބަޔަކަށް ނުވާނެ ކަމަށެވެ. އެހެންކަމުން މިފަހަރަކީ ޒުވާނުންގެ ފަހަރަކަށް ހަދައި އިބޫއަށް ވޯޓު ދެއްވުމަށް ގޮވާލެއްވި އެވެ.