ހަބަރު

ފުވައްމުލަކުގެ ފުލުހުންނަށް ތައުރީފު!

ގުޅިފައިވާ އިދިކޮޅު ޕާޓީތަކުގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު، އިބޫ އާއި ރަނިންމޭޓް ފައިސަލް ނަސީމް ފުވައްމުލައް ސިޓީއަށް ވަޑައިގެންނެވުމުން އެ ބޭފުޅުންގެ ސަލާމަތީ ކަންކަން ބެލެހެއްޓުމުގައި އެ ސިޓީގެ ފުލުހުން ކުރި މަސައްކަތަށް ތައުރީފްކޮށްފި އެވެ.

ފުވައްމުލައް ސިޓީއަށް ވަޑައިގެން އިބޫ އަދި ފައިސަލް ވަނީ ގޭގެއަށް ދޮރުން ދޮރަށް ވަރަށް ގިނަ ގެތަކަށް ވަޑައިގެންފަ އެވެ. ގޭގެ އިތުރަށް ކުރިކެޓް ކުޅުއްވުމަށާއި ދަނޑިމަގު ކުޅި ބައްލަވާލެއްވުމަށާއި ފުވައްމުލަކުގެ ގިރާ ސަރަހައްދަށް އެ ދެ ބޭފުޅުން ވަޑައިގެންނެވި އެވެ. އެ ހުރިހާ ތާކަށް ދެ ބޭފުޅުން ވަޑައިގެންނެވިއިރު ވެސް ފުލުހުން ގެންދިޔައީ ދެ ބޭފުޅުންގެ ސަލާމަތީ ކަންކަން ބަލަހައްޓަމުންނެވެ.

އިބޫގެ ސަލާމަތަށް ފުވައްމުލަކު ފުލުހުން ތިބި މަންޒަރު ފެންނަ ފޮޓޯއަކާއެކު އެ ދަތުރުގައި ބައިވެރިވެވަޑައިގަންނަވާ ހިތަދޫ ދެކުނު ދާއިރާގެ މަޖިލިސް މެންބަރު އަލީ ނިޒާރު ވިދާޅުވީ، ފުވައްމުލައް ފުލުހުންގެ ފަރާތުން ފެނިގެން ދިޔައީ ޕްރޮފެޝަނަލް ފުލުހުންގެ މަސައްކަތްތައް ކަމަށެވެ. އެގޮތުގައި ގައުމަށް ހިދުމަތް ކުރުމަށް އޭނާ ފުލުހުންނަށް ގޮވާލެއްވި އެވެ.

ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހުމަދު މަހުލޫފް ވެސް ވަނީ އެ ފުލުހުންނަށް ތައުރީފް ކުރައްވާފަ އެވެ. އޭނާ ވިދާޅުވީ، ފުވައްމުލައް ފުލުހުން ދެއްކި ރީތި ނަމޫނާއަށް ޝުކުރު އަދާ ކުރައްވާ ކަމަށެވެ. ފުލުހުންނާއި ސިފައިންނަކީ ގާނޫނު އަސާސީ އާއި ގާނޫނުތައް ދިފާކުރާ ތަފާތު ކުރުމެއް ނެތި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރި ކަމަށް މަސައްކަތް ކުރާ ބަޔަކަށް ވާންޖެހޭ ކަމަށެވެ.

ފުވައްމުލަކުގެ ދަތުރު ނިންމާލައްވައި ވަޑައިގަންނަވަމުން އިބޫ އާއި ފައިސަލް ވަނީ އެ ދެ ބޭފުޅުންގެ ސަލާމަތީ ކަންކަން ބެލެހެއްޓި ފުލުހުންނާ ސަލާމް ކުރައްވައި އެ ފުލުހުންނަށް ޝުކުރު އަދާކުރައްވާފަ އެވެ. އޭގެ ފޮޓޯތައް އެމްޑީޕީއިން ވަނީ އާންމު ވެސް ކޮށްފަ އެވެ.

އެ ސިޓީގެ ފުލުހުން އިބޫގެ ސަލާމަތީ ކަންކަން ބަލަހައްޓާފައިމިވަނީ ހުޅުމާލެއަށް އިބޫ ވަޑައިގެންނެވުމުން އޭނާއަށް ހަމަލާ ދޭން ބަޔަކު މަސައްކަތް ކޮށްފައިވަނިކޮށެވެ. އަދި ކެންޑިޑޭޓުންނަށް ހަމަހަމަ ފުރުސަތާއި އެއްގޮތަކަށް އަމަލުކުރުމަށް މުއައްސަސާތަކަށް ބަންޑާރަ ނައިބު އަންގަވާފައިވަނިކޮށެވެ.