ހަބަރު

ޓޫރިޒަމްގެ އިސް މަގާމުތަކަށް ދިވެހިން އިތުރު ކުރަންޖެހޭ: ފައިސަލް

Jul 5, 2020
2

ފަތުރުވެރިކަމުގެ ދާއިރާއިރާގައި މެދުފަންތި އާއި މަތީ ފަންތީގެ ބޮޑު ޕަސެންޓަކީ ދިވެހިން ފުރާ މަގާމުތަކަށް ހެދުމުގެ މުހިންމުކަން ނައިބު ރައީސް ފައިސަލް ނަސީމް ފާހަގަ ކުރައްވައިފި އެވެ.

ނައިބު ރައީސް މިހެން ވިދާޅުވީ "އެޗްއާރް ޕާސްޕެކްޓިވް ޝެއާ" ޕްރޮގްރާމްގެ ހާއްސަ ސެގްމެންޓެއްގައި ބައިވެރިވެ ވަޑައިގެން، ފަތުރުވެރިކަމުގެ ދާއިރާއާއި ބެހޭގޮތުން އެ މަނިކުފާނު ގެންގުޅުއްވާ ބައެއް ވިސްނުންފުޅުތައް ހިއްސާ ކުރައްވަމުންނެވެ.

މިއަދު މެންދުރުފަހު ލައިވްކޮށް ކުރިއަށް ގެންދިޔަ މި ޕްރޮގްރާމުގައި ހާއްސަ މެހެމާނެއްގެ ގޮތުން ބައިވެރިވެ ވަޑައިގެން އެ މަނިކުފާނު ވަނީ ފަތުރުވެރިކަމުގެ ދާއިރާގައި އެމަނިކުފާނު ދިގު މުއްދަތެއްގައި މަސައްކަތްކުރެއްވި އިރުގެ ބައެއް ތަޖުރިބާތަކާއެކު މިހާރުގެ ޒުވާނުންނަށާއި ހާއްސަކޮށް ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ ދިވެހިންނަށް ހާއްސަ މެސެޖުތަކެއް ދެއްވާފަ އެވެ.

އެގޮތުން، ބައެއް އެހެން ގައުމުތަކުން މިސާލު ނަންގަވައި ރާއްޖޭގައިވެސް އިންސާނީ ވަސީލަތް ތަރައްގީކުރުމުގެ ދާއިރާގައި އިންވެސްޓް ކުރުމުގެ މުހިއްމުކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ. އަދި މިހާރު ދިމާވެފައިވާ ހާލަތުން އަރައިގަނެ، އިގުތިސޯދު ބިނާކުރުމުގައިވެސް ކެތްތެރިކަމާއެކު ހުރިހާ އެންމެން ގުޅިގެން މަސައްކަތްކޮށް، ރަނގަޅު ޖީލެއް އުފެއްދުމަށް މަސައްކަތްކުރަން ޖެހޭކަން އެމަނިކުފާނު ވިދާޅުވި އެވެ.

ރާއްޖޭގައި އިންސާނީ ވަސީލަތް ތަރައްގީކުރުމަށް ސަރުކާރުން ކުރިއަށް ގެންދާ މުހިއްމު ބައެއް މަސައްކަތްތައް ފާހަގަކުރައްވަމުން ނައިބު ރައީސް ވަނީ، ފަތުރުވެރިކަމުގެ ދާއިރާއިރާގައި މެދުފަންތިއާއި މަތީ ފަންތީގެ ބޮޑު އިންސަތައަކީ ދިވެހިން ފުރާ މަގާމުތަކަށް ހެދުމުގެ މުހިންމު ކަމުގެ މައްޗަށް އަލިއަޅުއްވާލައްވާފަ އެވެ.

އަދި، އެކަން އެގޮތަށް ކުރުމުގައި ތަމްރީނާއި ތަޖުރިބާގެ ފުރުސަތުތައް ފުޅާކޮށް، މަދުރަސީ ތައުލީމުގެ ހަރުފަތްތައް ނިންމާ ދަރިވަރުންނަށް ކެރިއާ ގައިޑަންސް ދިނުން ފަދަ ކަންކަމަށް އިސްކަންދޭން ޖެހޭކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

އަދު ޒުވާނުންނަށް އަމާޒުކޮށް ފައިސަލް ވިދާޅުވީ ކޮންމެ މަސައްކަތެއް ކުރިކަމުގައި ވީ ނަމަވެސް، ބަލަންވީ އެކަމަކަށް ރަނގަޅަށް ސަމާލުކަންދީގެން ވަގުތުގެ ބޭނުން ހެޔޮ ގޮތުގައި ހިފައިގެން މަސައްކަތްކުރުމަށް ކަމަށެވެ.

އަދި، އަވަހަށް ނިދައި އަވަހަށް ހޭލުން ފަދަ އާދަތައް އަށަގެންނެވުމަށާއި، ވަކި މަސައްކަތެއް ނޫނީ ނުކުރަން ހުރުމުގެ ބަދަލުގައި ކޮންމެ މަސައްކަތެއް ކުރަންޖެހުނު ނަމަވެސް ހީވާގިކަމާއި މުރާލިކަމާއެކު އެ މަސައްކަތެއް ކުރުމުގެ މުހިންމުކަން ނައިބު ރައީސް ގެ ވާހަކަފުޅުގައި ފާހަގަކުރެއްވި އެވެ.