ރާއްޖޭގައި ކުރާ ކޮންމެ އިގުތިސާދީ މަސައްކަތެއްގައި ވެސް ދިވެހިންނަށް އިސްކަން ދޭންޖެހޭކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް ވިދާޅުވެއްޖެ އެވެ.
ރައީސުލްޖުމްހޫރިއްޔާގެ ނައިބު މިހެން ވިދާޅުވީ ބައިނަލްއަގުވާމީ ފަތުރުވެރިކަމުގެ ދުވަހާއި ގުޅިގެން ފަރުކޮޅުފުށީގައި ކުރިޔަށްދާ ޖޮބް ފެއާއަށް ޒިޔާރަތްކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.
ނާއިބް ރައީސް ވިދާޅުވީ ދިވެހި ޒުވާނުންނަށް ވަކިން ޚާއްސަކޮށް ދިވެހި އަންހެންނަށް ވަޒީފާގެ ބާޒާރުގައި ފުރުސަތުތައް ލިބެންޖެހޭ ކަމަށެވެ.
ފަތުރުވެރިކަމުގެ ދުވަހާއި ގުޅިގެން ކުރިޔަށްދާ މި ޖޮބް ފެއާއަށް އިޝާރާތް ކުރައްވައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވީ މިއީ ފެށުމެއް ކަމަށާއި ކުރިމަގުގައި ފަތުރުވެރިކަމުގެ ދާއިރާގައި ދިވެހިން ވަޒީފާ އަދާކުރާ ނިސްބަތް އިތުރު ވެގެންދާތަން ފެނިގެންދާނެ ކަމަށެވެ.
އަދި ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ފަރާތްތަކާ، ސަރުކާރުގެ އިދާރާތައް ގުޅިގެން ރާއްޖޭގެ ރައްޔިތުންނަށް ޚާއްސަކޮށް ޒުވާނުންނަށް މި ދާއިރާގެ ފުރުސަތުތައް ފަހިކޮށްދެއްވުމަށް މިހާރުވެސް ގިނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާކަމަށެވެ.
ފަރުކޮޅު ފުށީގައި ކުރިޔަށްދާ މި ޖޮބްފެއާއަކީ އެ ފެއާގެ ތެރެއިން ފަތުރުވެރިކަމުގެ ދާއިރާގެ ވަޒީފާގެ ފުރުސަތުތައް ހަމަޖައްސައިދޭ ގޮތަށް އިންތިޒާމުކޮށްގެން ކުރިޔަށްގެންދާ ފެއާއެކެވެ. އެގޮތުން މި ފެއާގެ ތެރެއިން 500 ވުރެ ގިނަ ވަޒީފާގެ ފުރުސަތު ފަހިވެގެންދާނެކަމަށް ސަރުކާރުން ބުނެއެވެ.
ޖޮބް ފެއާގެ ގަޑިތައް
- 27 ސެޕްޓެމްބަރު ރޭގަނޑު: 9:00 އިން 10:30 އަށް
- 28 ސެޕްޓެމްބަރު ހަވީރު 4:00 އިން 6:00 އަށް، އަދި ރޭގަނޑު 8:00 އިން 10:30 އަށް
- 29 ސެޕްޓެމްބަރު ހަވީރު 4:00 އިން 6:00 އަށް، އަދި ރޭގަނޑު 8:00 އިން 10:30 އަށް
އަދި އިތުރުން ކިޔަވަން ބޭނުންވާ ޒުވާނުންނަށް ހާއްސަ ސްކޮލާޝިޕް ފުރުސަތު ތަކެއް ވެސް ހުޅުވާލާފައިވެ އެވެ. ބައެއް ރިސޯޓު ތަކުން ހުޅުވާލާފައިވާ އިންޓާންޝިޕް ފުރުސަތު ތައް ވެސް ފެއާގައި ހިމެނެ އެވެ.
ފަރުކޮޅު ފުށީގައި ކުރި އަށް ދާ ޖޮބް ފެއާގައި 67 ރިސޯޓަކުން ބައިވެރިވެފައިވެ އެވެ. މި ފެއާ ކުރި އަށްދާއިރު ތަފާތު ހަރަކާތް ތަކެއް ވެސް އެތަނުގައި ކުރިއަށް ދާނެ އެވެ.
ފެއާގައި ރާއްޖޭގެ ބޭންޑް ތަކުން ލައިވް މިއުޒިކް ކުޅެމުންދާނެ އެވެ. އަދި ފެއާގެ ތެރޭގައި ކޮންމެ ރެއަކު ވެސް ޓޫރިޒަމް ދާއިރާގައި ކާމިޔާބު ހޯދާފައިވާ އެކި ފަރާތްތަކުގެ ތަޖުރިބާ އާއި އެ މީހުން ކުރިއަށް ދާން ކުރި ދަތުރުގެ ވާހަކަ ހިއްސާ ކުރުން އޮންނާނެ އެވެ.