ފައިސަލް ނަސީމް

އަމާޒަކީ ފަތުރުވެރިކަމުގެ ދާއިރާގައި އެންމެން ބައިވެރިކުރުން: ނައިބް ރައީސް

Jun 15, 2022

މިސަރުކާރުގެ އަމާޒަކީ އެންމެންނަަށްވެސް ފަސޭހައިން އާދެވޭނެ އަދި އެންމެންގެ ބައިވެރިވުން އޮތް ފަތުރުވެރިކަމުގެ މަންޒިލަކަށް ރާއްޖެ ހެދުން ކަމުގައި ނައިބް ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ މިއަދު ހެނދުނު ކްރޮސްރޯޑްގައި ފެށި "ޔޫއެންޑަބުލިޔުޓީއޯ ގްލޯބަލް ސަމިޓް އޮން ކޮމިއުނިޓީ ބޭސްޑް ޓުއަރިޒަމް" ހުޅުއްވައިދެއްވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ޓޫރިޒަމް މިނިސްޓްރީއާއި ޔުނައިޓެޑް ނޭޝަންސް ވޯލްޑް ޓޫރިޒަމް އޯގަނައިޒޭޝަން (ޔޫއެންޑަބުލިޔުޓީއޯ) ގުޅިގެން ބާއްވާ މި ސަމިޓްގައި މަޝްވަރާކުރާނީ މުޖުތަމައުގެ އެންމެންގެ ބައިވެރިވުން ހިމެނޭ ގޮތަށް ފަތުރުވެރިކަން ކުރިއަށް ގެންދިޔުމާއި ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތައް ހާސިލްކުރުމަށް ހުރި ފުރުސަތުތަކާއި ގޮންޖެހުންތަކާއި ގުޅޭގޮތުންނެވެ.

މިރަސްމިއްޔާތުގައި ނައިބް ރައީސް ވިދާޅުވީ ދިވެހިރާއްޖޭގެ ފަތުރުވެރިކަމަށް 50 އަހަރު ފުރުން ފާހަގަކުރަމުން ދާއިރު، މުޖުތަމައުގެ އެންމެން ޝާމިލްކޮށްގެން ތަރައްގީ ގެނައުމާއި ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު ރަނގަޅުކުރުމަށް ކުރިމަތިވެފައިވާ މައްސަލަތައް ހައްލުކުރަން ޖެހިފައިވާ ކަމަށެވެ. އަދި ރާއްޖޭގެ ފަތުރުވެރިކަމުގެ ތާރީހަށް ބައްލަވާލައްވާ، ފަތުރުވެރިކަމުގެ ސިނާއަތުން ރާއްޖޭގެ އިގްތިސޯދަށް އިންގިލާބީ ބަދަލުތަކެއް ގެނައުމަށްޓަކައި ކުރިން މަސައްކަތްކުރެއްވި ފަރާތްތަކަށް ކުރިމަތިވި ތަފާތު ހުރަސްތައް ވެސް ނައިބް ރައީސް ފާހަގަކުރެއްވެވި އެވެ.

އެމަނިކުފާނު ވިދާޅުވީ ރާއްޖޭގެ ފަތުރުވެރިކަމުގެ ބާނީންނާއި، އެބޭފުޅުންގެ ފިޔަވަޅުމަތީގައި މަސައްކަތްކުރައްވައި މިއަދު ދިވެހިރާއްޖެ އަކީ ދުނިޔޭގެ އިތުބާރު ހުރި ބްރޭންޑަކަށް ހެދުމަށް މަސައްކަތް ކުރެއްވި ބޭފުޅުންނާއި މެދު ފަޚުރުވެރިވެވަޑައިގަންނަވާ ކަމަށެވެ. އަދި ދިވެހިރާއްޖެއަށް "ވޯލްޑް ލީޑިން ޑެސްޓިނޭޝަން އެވޯޑް" ވިދިވިދިގެން ދެ އަހަރު ލިބިފައިވުމަކީ ފަހުރެއް ކަމުގައި ވިދާޅުވި އެވެ.

ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތު ކުރިއެރުވުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ތަފްސީލް ހިއްސާކުރައްވަމުން ނައިބް ރައީސް ވިދާޅުވީ މިސަރުކާރުން ރާއްޖޭގެ އުމުރާނީ ތަރައްގީ ވަކިން ހާއްސަކޮށް ފަތުރުވެރިކަމުގެ ސިނާއަތް ތަރައްގީކުރުމުގެ މަސައްކަތް ހަލުވިކޮށްފައިވާ ކަމަށެވެ.

އެގޮތުން މިދިޔަ ތިން އަހަރާއި ބައިގެ ތެރޭގައި 426 ޓޫރިޒަމް ފެސިލިޓީ ހުޅުވައި، ބެޑް ކެޕޭސިޓީ ގާތްގަނޑަކަށް 14،000 އެނދު އިތުރުކޮށްފައިވާ ކަމުގައި ނައިބް ރައީސް ވިދާޅުވި އެވެ. އަދި 2023 ވަނަ އަހަރު ނިމުމުގެ ކުރިން ފަތުރުވެރިިކަމުގެ ހިދުމަތްދޭ އިތުރު 22 ތަނެއް ހުޅުވޭނެ ކަމަށް ލަފާކުރެއްވޭ ކަމަށާއި، މިހާރުވެސް 107 ރިޒޯޓެއްގެ މަސައްކަތް އެކި މަރުހަލާތަކުގައި ކުރިއަށްދާކަން ފާހަގަކުރެއްވެވި އެވެ. އަދި އެތަންތަން ތަރައްގީކޮށް ނިމޭއިރު 5،000 އެނދު އިތުރުވެގެންދާނެ ކަމުގައިވެސް ވިދާޅުވި އެވެ.

ނައިބް ރައީސްގެ ވާހަކަފުޅުގައި ވަނީ ކޮވިޑް-19ގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށާއި، އިގްތިސޯދަށް ލިބެމުން ދިޔަ ގެއްލުންތަކާ ގުޅޭގޮތުން ވެސް ވާހަކަދައްކަވާފަ އެވެ.

އެމަނިކުފާނު ވިދާޅުވީ ރާއްޖޭގެ އިގްތިސޯދު އިއާދަކޮށް ގެއްލުންތަކުން އަރައިގަތުމަށް މަގުދައްކަވައި، ރައީސުލްޖުމުހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ގެންދަވަނީ ފާހަގަކޮށްލެވޭ މަސައްކަތްޕުޅުތަކެއް ކުރައްވަމުން ކަމަށެވެ. އަދި އިގްތިސޯދު އިއާދަކޮށް ހަރުދަނާ ކުރުމަކީ ގޮންޖެހުންތައް ބޮޑު ކަމެއް ކަމަށާއި، އެންމެން ޝާމިލްވާ ތަރައްގީއަށްޓަކައި އެންމެ މަތީ ދަރަޖައަށް ފަތުރުވެރިކަމުގެ ސިނާއަތުގެ ގާބިލްކަން އިތުރުކުރަން ޖެހޭ ކަމުގައިވެސް އެމަނިކުފާނު ވިދާޅުވި އެވެ.

ނައިބް ރައީސް އިތުރަށް ވިދާޅުވީ ތިމާވެށި ހިމާޔަތްކުރުމަށް ކުރާ މަސައްކަތްތަކަށް އެންމެންގެ އެއްބާރުލުން ދިނުމާއި، އައު އީޖާދުތައް ބޭނުންކުރުމާއި އޭގެ ފައިދާ މުޅި މުޖުތަމައަށް އިންސާފުވެރިކަމާއި ހަމަހަމަކަމާއި އެކު ހިއްސާކުރުމުގައި އީޖާދީ ވިސްނުންތަކެއް ގެންގުޅެން ޖެހޭ ކަމަށެވެ. ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ކުރިއަރަމުން އަންނަ ދުވެލި މަޑުޖެހިފައިވާއިރު، އެކަމަަށް އުފެއްދުންތެރި ހައްލުތަކެއް ބޭނުންވާ ކަމުގައިވެސް ވިދާޅުވި އެވެ. އަދި ތިމާވެއްޓާއި ރަހުމަތްތެރި ގޮތެއްގައި ފަތުރުވެރިކަމުގެ ސިނާއަތް އަލުން ބިނާކުރުމާ ގުޅޭގޮތުން އެމަނިކުފާނު ވިދާޅުވީ އަޅުގަނޑުމެންގެ ސަގާފީ އަދި ގުދުރަތީ ތަރިކަ ރައްކާތެރިކުރާ ވަސީލަތެއްގެ ގޮތުގައި ފަތުރުވެރިކަން އަލުން ބިނާކޮށް ރަނގަޅު ވަޒީފާތަކާއި އާމުދަނީ ލިބޭ ގޮތް ހެދުން މުހިއްމު ކަމަށެވެ.