ހަބަރު

އެމްޑީޕީގެ ސިހުރަަކީ ހިތްވަރާ އަޒުމް، އެ ސިހުރު ބާތިލެއް ނުކުރެވޭނެ: ޝާހިދު

Aug 27, 2015

އެމްޑީޕީގެ "ސިހުރަ"ކީ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރަށް ބާތިލް ކުރެވޭނެ ސިހުރެއް ނޫން ކަމަށާއި އެޕާޓީގެ ސިހުރަކީ ޕާޓީގެ މެމްބަރުންގެ ހިތްވަރާއި އަޒުމް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އަބްދުﷲ ޝާހިދު މިރޭ ވިދާޅުވެއްޖެއެވެ.

އާޓިފިޝަލް ބީޗުގައި މިރޭ އެމްޑީޕީން ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން އެމްޑީޕީގެ ހާރިޒީ ގުޅުންތަކާ ބެހޭ ކޮމެޓީގެ ވެރިޔާ، ޝާހިދު ވިދާޅުވީ ރާއްޖޭގައި އެންމެ ފުރަތަމަ، ގެދޮރު ނެތް މީހުންނާއި އެކަނިވެރި މައިންނާއި ދަތުރުފަތުގެ ނިޒާމެއް ގާއިމް ކުރުމަށް ގޮވާލައި ވެރިއަކު ނުކުތީ ޒަމާންތަކަކަށް ފަހުގައި ކަމަށެވެ.

އަދި ރައްޔިތުންގެ ފައިސާ ނަހަމަ ގޮތުގައި ބޭނުން ކުރަމުން ދަނިކޮށް ޓެކްސްގެ ނިޒާމެއް ގާއިމް ކޮށް ފާގަތި ދިރިއުޅުމެއް ބިނާ ކުރަން މަސައްކަތް ކުރަން ފެށީވެސް ޒަމާންތަކަކަށް ފަހު ކަމަށާއި އެޕާޓީގެ މެމްބަރުނަން ޖެހިފައިވާ "ސިހުރަކީ" އެކީ ކަމަށެވެ.

"މާތް ވެގެންވާ އިސްލާމް ދީން މަތީ ފައިތިލަ ސާބިތުކޮށްގެން އަޅުގަނޑުމެން މިތިބީ. ތިޔަ ކުރާ އަނިޔާ އަކުން، ތިޔަ ކަނޑާ ރުކަކުން އަޅުގަނޑުމެންގެ ސާބިތު ކަމަކަށް ބަދަލެއް ނާންނާނެ. އަޅުގަނޑުމެންގެ އަގީދާ އެހާ ވަރުގަދަ،" ޝާހިދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އެމްޑީޕީ މަސައްކަތް ކުރަމުން ދަނީ ރައީސް ނަޝީދު މިނިވަން ކުރަން ކަމަށާއި އެމަސައްކަތުގައި އެޕާޓީ އޮންނާނީ ސާބިތު ކަންމަތީ ގައި ކަމަށެވެ. އަދި އެ މަސައްކަތް ކުރިއަށް ގެންދިއުމަށް ހުރަސް އެޅުމުގެ ގޮތުން، ސަރުކާރުގެ ފަރާތުން ތަފާތު ވާހަކަ ދައްކަވަމުން ގެންދިޔަ ނަމަވެސް އެއިން ހުރަހަކަށް ބެލުމެއް ނެތި އެމަސައްކަތުގައި ދެމި ތިބުމަށް އޭނާ ވަނީ ގޮވާލާފައެވެ.

މިރޭގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އެމްޑީޕީގެ ނައިބު ރައީސް މުހައްމަދު ޝިފާޒް ވިދާޅުވީ ވަރަށް އަވަހަށް އެޕާޓީން ބޮޑު މުޒާހަރާއަކަށް ތައްޔާރު ވާނެ ކަމަށާއި އަދި މާދަމާ ރޭ ރައީސް ނަޝީދުގެ އަނބިކަނބަލުން ފުލުހަށ ހާޒިރުވެ ވަޑައިގަންނަވާއިރު އެކަމަނާގެ ފަހަތްޕުޅުގައި މުޅި އެމްޑީޕީ ނުކުތުމަށް އެދި ވަޑައިގަންނަވާ ކަމަށެވެ.

މިރޭގެ ޖަލްސާ އަކީ ރައީސް ނަޝީދު ޖަލަށް ބަދަލު ކުރި ފަހުން އެޕާޓީން ބޭއްވި ފުރަތަމަ ޖަލްސާ އެވެ. މި ޖަލްސާ ބާއްވާފައި މިވަނީ ސަރުކާރާ އެކު އެޕާޓީން ކުރަމުން އަންނަ މަޝްވަރާތައް އިތުރަށް ކުރިއަށް ނުގެންދިއުމަށް އެޕާޓީގެ ގައުމީ މަޖިލީހުން ނިންމާފައިވަނިކޮށެވެ.