އެހެން އެއްވެސް ފިލްމީ ތަރިއަކަށް ފިނޑިކަމުން ކުރަން ނުކެރުނު ކަމެއް ދީޕިކާ ޕަދުކޯން ވަނީ ކޮށްފަ އެވެ. އެއީ އިންޑިޔާގެ ޔުނިވަސިޓީއެއްގެ ޓީޗަރުންނާއި ކުދިންނަށް ބަޔަކު އަނިޔާ ކުރުމާ ދެކޮޅަށް އަންގާރަ ދުވަހު ދިއްލީގައި ބޭއްވި މުޒާހަރާގައި ބައިވެރިވުމެވެ. ދީޕިކާގެ ހިތްވަރަށް އެއްބަޔަކު އޭނާއަށް ތައުރީފު ކުރި އިރު އަނެއްބަޔަކު ވަނީ އަންނަ ހުކުރު ދުވަހު ރިލީޒް ކުރަން ހަމަޖެހިފައިވާ އޭނާގެ "ޗަޕާކް" ބޮއިކޮޓް ކުރަން ގޮވާފަ އެވެ.
ހޭޝްޓެގް އައިސަޕޯޓްދީޕިކާ ގެ ދަށުން ކޮމެންޓްކުރާ މީހުން ބުނަނީ ފިލްމު ރިލީޒް ކުރަން މިހާ ކައިރިވެފައި ވަނިކޮށް ދީޕިކާ މިފަދަ ގޮތަކަށް މުޒާހަރާކުރާ މީހުންނާ ބައިވެރިވީ އޭނާގެ ހިތްވަރު ގަދަކަމާއި ކެރޭ ކަމުންނެވެ. އަދި މިއީ އޭނާގެ ފިލްމަށް ލިބިދާނެ ގެއްލުމަކަށް ފަރުވާލެއް ނެތި ދީޕިކާ ކުރި ކަމެއް ކަމަށެވެ. އަނެއްކޮޅުން ހޭޝްޓެގް ބޮއިކޮޓްޗަޕާކްގެ ދަށުން ޓުވީޓްކުރާ މީހުން ގޮވަނީ ދީޕިކާގެ ފިލްމު ބޮއިކޮ ޓްކުރުމަށެވެ. މި މީހުންނަކީ މުޒާހަރާކުރާ މީހުންނާ ދެކޮޅު މީހުންނެވެ.
މި މައްސަލަގަނޑު ހިލުނީ މީގެ ތިން ދުވަސް ކުރިން ދިއްލީގައި ހުންނަ ޖޭއެންޔޫ ޔުނިވަސިޓީގެ ކެމްޕަސް އަށް މާސްކް އަޅައިގެން ތިބި ބަޔަކު ވަދެ އެތާގައި ކިޔަވާ ކުދިންނަށާއި ޓީޗަރުންނަށް ހަމަލަދީ އަނިޔާ ކުރުމުންނެވެ. މިކަމާ ރުޅިގަދަވެގެން ގިނަ ބަޔަކު މުޒާހަރާ ކުރަމުންދާއިރު ބޮލީވުޑް ތަރިންގެ ތެރެއިން ސްވާރާ ބާސްކަރް، ސަޔާނީ ގުޕްތާ، އަނުރާގް ކަޝޭޕް އަދި ރިޗާ ޗައްޑާ ފަދަ މަދު މީހަކަށް ނޫނީ މި އަމަލު ކުށްވެރިކޮށް އެއްޗެކޭ ބުނެލާކަށް ނުކެރުނެވެ.
ބޮލީވުޑްގެ އެންމެ ފުންނާބުއުސް އެންމެން ކަހަލަ ގޮތަކަށް ތިބީ ހައްޕު ކިޔައިގެންނެވެ. އެންމެ މަތީ ފަންތީގެ އެކްޓަރުންގެ ތެރެއިން މިކަމާ ދެކޮޅު ހަދާ ދިއްލީގެ ޖޭއެންޔޫ ކެމްޕަސް އަށް ގޮސް އަމަލީ ގޮތުން މުޒާހަރާގައި ބައިވެރިވާން ކެރުނީ ހަމައެކަނި ދީޕިކާ އަށެވެ.
އަންގާރަ ދުވަހު ހަވީރުން ފެށިގެން ދީޕިކާ މުޒާހަރާގައި ހުރި ފޮޓޯތަކާއި ވީޑީއޯތަކުން ސޯޝަލް މީޑިއާ ވަނީ ވަރަށް ހޫނުވެފަ އެވެ. ޓުވިޓާގައި ކޮމެންޓްކުރާ މީހުން ދެބައިވެ އެއްބަޔަކު ދަނީ "ޗަޕާކް" ބަލަން ބުކްކޮށްފައި ހުރި ޓިކެޓްތައް ކެންސަލް ކުރަން ގޮވަމުންނެވެ. އަނެއްބަޔަކު ދީޕިކާ ވަރުގެ ކެރޭ ހިތްވަރުގަދަ އެކްޓަރެއް ނެތް ކަމަށް ބުނެ އޭނާއަށް ތައުރީފުކުރަމުން އެބަދެ އެވެ.
ފާހަގަކޮށްލަން ޖެހޭ ކަމަކީ ދީޕިކާ އާ ދެކޮޅަށް ވާހަކަ ދައްކާ މީހުންނަށް ވުރެ އޭނާއަށް ސަޕޯޓްކުރާ މީހުން މާ ގިނަ ކަމެވެ.
މުޒާހަރާގައި ބައިވެރިވެ ދީޕިކާ ވާހަކަ ދައްކާނެ ކަމަށް ގިނަ ބަޔަކު ގަބޫލުކުރި ނަމަވެސް އޭނާ އެތަނުގައި މުޒާހަރާގެ ބައިވެރިންގެ ތެރެއިން އިސްކޮށް ތިބި މީހުންނާއެކު މަޑުކޮށްލައިގެން ހުރީ އެވެ. ލޮލުން ކަރުނަ އައިސްފަ އެވެ. ޔުނިވަސިޓީގެ ކިޔަވާ ކުދިންނާ އޭނާ އެއްބައިވާކަން އަމަލުން ދައްކަމުންނެވެ.