ޓޯނީ ކްރޫޒް ނެގި ކޯނަރު ސީދާ ގޯލަށް ވައްދާލައި، ވެލެންސިއާގެ މައްޗަށް 3-1 ގެ ނަތީޖާއަކުން މޮޅުވެ ސްޕެނިޝް ސުޕަ ކަޕްގެ ފައިނަލަށް ރެއާލް މެޑްރިޑް ދަތުރު ކޮށްފި އެވެ.
ސައުދީ އަރަބިއްޔާގެ ޖިއްދާގައި ކުޅޭ މި ސީޒަންގެ ސުޕަ ކަޕަށް ގެނައި ބަދަލާއެކު ހަތަރު ޓީމު ކުޅެން ހަމަޖެއްސި އެވެ. މީގެ ކުރިން ސްޕެނިޝް ސުޕަ ކަޕް ހާއްސަ ކޮށްފައި އޮންނަނީ ސްޕެނިޝް ލީގް ކާމިޔާބު ކުރާ ޓީމަށާއި ސްޕެނިޝް ކަޕްގެ ޗެމްޕިއަން ޓީމު ސީޒަން ހުޅުވުމުގެ ގޮތުން ކުޅޭ ދެ ލެގް ހިމެނޭ މެޗެއްގެ ގޮތުގަ އެވެ.
ސައުދީއިން ހުށަހެޅި އަގު ބޮޑު ސްޕޮންސާ ޑީލްއާއެކު ސުޕަ ކަޕް ފޯމެޓް ބަދަލުކޮށް ލީގްގެ ދެވަނަ އަދި ތިން ވަނަ ޓީމުވެސް މުބާރާތަށް ގެންނަ ގޮތަށް ހެދީ އެވެ. އެތުލެޓިކޯ މެޑްރިޑާއި ރެއާލް މެޑްރިޑަށް އެ ފުރުސަތު ލިބުނީ އެގޮތަށެވެ.
ސްޕެނިޝް ކަޕްގެ ޗެމްޕިއަން ވެލެންސިއާ އާ ދެކޮޅަށް މިދިޔަ ސީޒަންގެ ލީގްގެ ތިން ވަނަ ހޯދި ރެއާލްއިން ކުޅުނު މެޗުގައި ފުރަތަމަ ލީޑް ނެގީ ރެއާލުންނެވެ. އެ ޓީމުގެ ފުރަތަމަ ލަނޑު މެޗުގެ 15 ވަނަ މިނެޓްގައި ކްރޫޒް ކާމިޔާބު ކުރީ ކޯނަރު ގޯލްގެ ތެރެއަށް ވައްދާލައިގެންނެވެ.
ރެއާލް އަށް ކޯނަރު ލިބުމުން، ވެލެންސިއާގެ ކީޕަރު ޖައުމް ޑެމިނިޗް ގޯލް ލައިނަށް ވުރެ ކުރިއަށް ނުކުމެ ހުރީ އެ ޓީމުގެ ޑިފެންސް ތަރުތީބު ކޮށްލުމަށެވެ. ކްރޫޒް ކޯނަރު އަވަހަށް ނަގައި އޭނާ އެ ބޯޅަ އޮޅާލީ ގޯލްގެ ތެރެއަށެވެ. ޑެމިނިޗްއަށް އެ ބޯޅައިގައި އަތް ލެވުނުއިރު ވެސް ބޯޅަ ވަނީ ގޯލް ލައިން ހުރަސްކޮށް އެތެރެއަށް ވަދެފަ އެވެ.
އަނިޔާގެ ސަބަބުން ރެއާލްގެ އެންމެ މުހިންމު ދެ ފޯވަޑުން ކަމަށްވާ ކަރީމް ބެންޒެމާ އަދި ގެރެތު ބޭލް އަށް ސުޕަ ކަޕްގައި ބައިވެރި ނުވެވުމުން ރެއާލްގެ ކޯޗް ޒިދާން ޓީމު އަތުރާލީ އެންމެ ފޯވަޑެއް ކުރިއަށްލައި އޭނާގެ ފަހަތުން ފަސް މިޑްފީލްޑަރުން ލައިގެންނެވެ. އެ ސިސްޓަމް ވަރަށް ކާމިޔާބު ކަމާއެކު ރޭ ގެ މެޗުގައި މަސައްކަތް ކުރި އެވެ.
ރެއާލްގެ ދެ ވަނަ ލަނޑު 39 ވަނަ މިނެޓްގައި ކާމިޔާބު ކުރީ އިސްކޯ އާލާކޯން އެވެ. ރެއާލުން ފުރަތަމަ ފޮނުވާލި ހަމަލާ ކީޕަރު ޑެމިނިޗް ދިފާއު ކުރުމުން ރީބައުންސަށް ނުކުތް ބޯޅަ އިސްކޯ ވަނީ ގޯލްގެ ތެރެއަށް ވައްދާލާފަ އެވެ. އޭގެ ފަހުން ނަތީޖާގެ ފަރަގު ފުޅާ ކުރުމަށް ވެސް އޭނާ އަށް ފުރުސަތު ލިބިގެން ދިޔަ އެވެ.
ރެއާލްގެ ތިން ވަނަ ލަނޑު 65 ވަނަ މިނެޓްގައި ލުކަ މޮޑްރިޗް ކާމިޔާބު ކުރީ ފޯވަޑަކަށް ކުޅުނު ލުކަ ޔޯވިޗް ދިން ބޯޅައަކުންނެވެ. މޮޑްރިޗްގެ އެ ލަނޑަކީ އޭނާގެ ކެރިއަރުގައި ކާމިޔާބު ކުރި 100 ވަނަ ލަނޑެވެ. ވެލެންސިއާގެ ލަނޑު ލިބުނު ޕެނަލްޓީއަކުން ކާމިޔާބު ކުރީ ޑެނީ ޕަރޭހޯ އެވެ.
ސުޕަ ކަޕްގެ ފައިނަލުގައި ރެއާލް ވާދަ ކުރާނީ، މިރޭ ބާސެލޯނާ އާއި އެތުލެޓިކޯ މެޑްރިޑް ކުޅޭ މެޗުން މޮޅުވާ ޓީމެކާ އެވެ. ފައިނަލު އޮންނާނީ މި އަންނަ އާދީއްތަ ދުވަހު އެވެ.