ސިފައިންގެ ވެހިކަލެއްގެ މަތީގައި ބިދޭސީއަކު އިށީނދެ އިންދާ ނަގާފައިވާ ފޮޓޯއަކީ 2016 ވަނަ އަހަރުގެ ފޮޓޯއެއް ކަމަށް އެމްއެންޑީއެފުން ބުނެފި އެވެ.
ބިދޭސީއަކު ސިފައިންގެ ވެހިކަލް މަތީގައި އިނދެ ނަގާފައިވާ ފޮޓޯއެއް ސޯޝަލް މީޑިއާގައި ދަނީ ދައުރުވަމުންނެވެ. އެ ފޮޓޯއާއި ގުޅިގެން ވަރަށް ގިނަ ބަޔަކު ދަނީ ސޯޝަލް މީޑިއާގައި ތަފާތު ވާހަކަތައް ދައްކަމުންނެވެ.
އެމްއެންޑީއެފްގެ އިސް ތަރުޖަމާން މޭޖާ އިބްރާހިމް އާޒިމް ވިދާޅުވީ އެ ފޮޓޯއަކީ 2016 ވަނަ އަހަރު ލ. ފޮނަދޫ ނަގާފައިވާ ފޮޓޯއެއް ކަމަށެވެ. އާޒިމް ވިދާޅުވީ އެމްއެންޑީއެފްގެ ފޯސް ޕްރޮޓެކްޝަންގެ އާ ނިޒާމުގެ ދަށުން މިހާރު މިފަދަ ކަންކަން ވިޔަ ނުދިނުމަށް ހަރުދަނާ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށް އާޒިމް ވިދާޅުވި އެވެ.
ސިފައިންގެ ވެހިކަލެއްގެ މަތީގައި ބިދޭސީއަކު އިށީނދެ އިންދާ ނަގާފައިވާ ފޮޓޯއެއް ވައިރަލްވެފައިވާއިރު ދާދި ފަހުން ބިދޭސީއަކު ވަނީ ވެހިކަލެއްގައި ސިފައިންގެ ތެރެއަށް ވެސް ވަދެފަ އެވެ. ރާއްޖޭގައި އުޅޭ ބަންގްލަދޭޝް މީހަކު މިދިޔަ ނޮވެންބަރު 18 ވަނަ ދުވަހުގެ ދުވާލު ވޭނެއްގައި ދުއްވާފައި ދިޔަ ގޮތަށް ގޮސް ރާއްޖޭގެ އެންމެ ހައި ސެކިއުރިޓީ ފޫ އަޅުވާލައި ސިފައިން ގޭގެ އެތެރެއަށް ވަނުމަކީ ގިނަ ބަޔަކު ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކުރި ކަމެކެވެ.