ލޯކަލް ކައުންސިލްތަކުގެ އިންތިހާބު

ހަތް ކައުންސިލަރުން އިންތިހާބު ކުރަނީ 14 ރަށުގައި

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ހަތް ކައުންސިލަރުން އިންތިހާބު ކުރަނީ 14 ރަށުގައި ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ.

އެ ކޮމިޝަނުން ވަނީ މިދިޔަ ޑިސެންބަރު މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ރަށްރަށުގެ އާބާދީ ހިމެނޭ އަދަދުތަކާއި، އަދި އެ ރަށްރަށައް އިންތިހާބު ކުރަންޖެހޭ ކައުންސިލަރުންގެ އަދަދު ހާމަކޮށްފައެވެ. ގާނޫނުގައި ބުނާގޮތުން 3000 ވުރެ އާބާދީ މަދު ކޮންމެ ރަށަކަށް އިންތިހާބު ކުރަންޖެހެނީ ފަސް ކައުންސިލަރުންނެވެ. އަދި 3000 ވުރެ އާބާދީ ބޮޑު ކޮންމެ ރަށެއްގެ ރަށު ކައުންސިލަށް ހަތް މެންބަރުން އިންތިހާބު ކުރުމަށް ވަނީ ހަމަޖެހިފައެވެ.

2019 ވަނަ އަހަރުގެ ޑިސެންބަރު މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް 3000 ވުރެ ބޮޑު އާބާދީއެއް އޮތީ 14 ރަށެއްގައެވެ. އެހެން ކަމުން އެ ހަތް ރަށުގެ ކައުންސިލަށް އިންތިހާބު ކުރާނީ ހަތް ކައުންސިލަރުންނެވެ.

މި 14 ރަށުގެ ރަށު ކައުންސިލަށް 98 ކައުންސިލަރުން އިންތިހާބު ކުރުމަށް ވަނީ ހަމަޖެހިފައެވެ.

ހަތް ކައުންސިލަރުން އިންތިހާބުކުރާ ރަށްރަށް

  • ހއ. ހޯރަފުށި - އާބާދީ 3479
  • ހއ. އިހަވަންދޫ - އާބާދީ 3425
  • ހއ. ދިއްދޫ - އާބާދީ 4440
  • ރ. ދުވާފަރު - އާބާދީ 4808
  • ބ. އޭދަފުށި - އާބާދީ 3367
  • ބ. ތުޅާދޫ - އާބާދީ 3001
  • ޅ. ނައިފަރު - އާބާދީ 5529
  • ޅ. ހިންނަވަރު - އާބާދީ 4929
  • އދ. މާމިގިލި - އާބާދީ 3088
  • ދ. ކުޑަހުވަދޫ - އާބާދީ 3271
  • ލ. ގަން - އާބާދީ 4979
  • ގއ. ވިލިނގިލި - އާބާދީ 3780
  • ގދ. ތިނަދޫ - އާބާދީ 7797
  • ގދ. ގައްދޫ - އާބާދީ 3079

މީގެ އިތުުރުން 164 ރަށެއްގައި ރަށު ކައުންސިލަށް އިންތިހާބު ކުރާނީ ފަސް މެންބަރުންނެވެ. އެއީ 3000 ވުރެ އެ ރަށްރަށުގައި އާބާދީ މަދުވުމުންނެވެ.

އެހެން ނަމަވެސް ހުރިހާ ރަށަކަށްވެސް އަންހެނުންގެ ކޮމެޓީއަށް އިންތިހާބު ކުރާނީ ފަސް މެންބަރުންނެވެ.

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި މާލޭ ސިޓީއަށް އިންތިހާބު ކުރާނީ 18 ކައުންސިލަރުންނެވެ. މާލޭގެ މިހާރުގެ އާބާދީއަކީ 75302 މީހުންނެވެ.

އައްޑޫ ސިޓީއަށް އިންތިހާބު ކުރާނީ 12 ކައުންސިލަރުންނެވެ. އައްޑޫގެ މިހާރުގެ އާބާދީއަކީ 34217 އެވެ. ފުވައްމުލައް ސިޓީއަށް އިންތިހާބު ކުރާނީ ހަ ކައުންސިލަރުންނެވެ. އެ ސިޓީގެ އާބާދީއަކީ 13064 މީހުންނެވެ.

އެންމެ ފަހުން ސިޓީއަކަށް ބަދަލުކުރި ކުޅުދުއްފުށި ސިޓީން ހަ ކައުންސިލަރުން އިިންތިހާބު ކުރާނެއެވެ. ކުޅުދުއްފުށި ސިޓީއެއްގެ ގޮތުގައި ހަމަޖައްސާފައިވަނީ މި އަހަރުގެ ފުރަތަމަ ދުވަހުއެވެ.

ލޯކަލް ކައުންސިލް އިންތިހާބު އޮންނާނީ އަންނަ އޭޕްރީލް މަހުގެ ހަތަރުވަނަ ދުވަހުއެވެ.