ސުޕެނިޝް ސުޕަ ކަޕްގެ ފޯމެޓް ބަދަލުކޮށް ހަތަރު ޓީމަށް ފުރުސަތު ދިނުމަކީ ފައިސާ ލިބޭތީ ގެނެސްފައިވާ ބަދަލެއް ކަމަށާއި އެހެންނަމަވެސް އެގޮތް ރަނގަޅު ނޫން ކަމަށް ބާސާގެ ކޯޗް އެރުނަސްޓޭ ވަލްވަރުޑޭ ބުނެފި އެވެ.
މީގެ ކުރިން ސްޕެނިޝް ސުޕަ ކަޕް ހާއްސަ ކޮށްފައި އޮންނަނީ ސްޕެނިޝް ލީގް ކާމިޔާބު ކުރާ ޓީމަށާއި ސްޕެނިޝް ކަޕްގެ ޗެމްޕިއަން ޓީމު ސީޒަން ހުޅުވުމުގެ ގޮތުން ކުޅޭ ދެ ލެގް ހިމެނޭ މެޗެއްގެ ގޮތުގަ އެވެ. ސައުދީ އަރަބިއްޔާއިން ހުށަހެޅި 120 މިލިއަން ޔޫރޯގެ ސްޕޮންސާޝިޕް ޑީލާއެކު ތިން އަހަރު ވަންދެން ސްޕެނިޝް ސުޕަ ކަޕް ސައުދީގައި ކުޅޭ ގޮތަށް ސްޕެއިންގެ ފެޑްރޭޝަނުން ހަމަޖެއްސި އެވެ.
ސައުދީ އަރަބިއްޔާގައި ކުޅޭ ސުޕަ ކަޕްގައި ރެއާލް މެޑްރިޑާއި ބާސެލޯނާ ވާދަ ކުރާތީ އެ ދެ ޓީމުގެ ތެރެއިން ކޮންމެ ޓީމަކަށް ހަ މިލިއަން ޔޫރޯ ދެ އެވެ. ދެން ސެވިއްޔާ އާއި އެތުލެޓިކޯ މެޑްރިޑަށް، ކޮންމެ ޓީމަކަށް ތިން މިލިއަން ޔޫރޯ އެވެ. އަދި މުބާރާތް ކާމިޔާބު ކުރާ ޓީމަކަށް އެއް މިލިއަން ޔޫރޯ އެވެ.
ވަލްވެރުޑޭ ބުނީ، ބާސެލޯނާއިންވެސް ސްޕެނިޝް ކަޕް ސައުދީއަށް ކުޅެން ދިޔައީ އެ ޓީމަށްވެސް ފައިސާ ލިބޭނެތީ ކަމަށެވެ. އެހެންނަމަވެސް އޭނާ ވަކި ފޯމެޓެއް އިހްތިޔާރު ކުރާނަމަ އޭނާ އިހްތިޔާރު ކުރާނީ ކުރިން އޮންނަ ފޯމެޓް ކަމަށެވެ.