މެންޗެސްޓާ ޔުނައިޓެޑް

ވެންޑެބީކް ގެންނަން ޔުނައިޓެޑުން ބޭނުން

ޓީމުގެ މިޑްފީލްޑަށް ދިމާވެފައިވާ މައްސަލަ ހައްލު ކުރަން އަޔެކްސްގެ ޒުވާން މިޑްފީލްޑާ ޑޮނީ ވެންޑެބީކް ގެނައުމަށް ޔުނައިޓަޑްގެ ކޯޗް އޮލޭ ގަނާ ސޮލްޝަޔާ ޔުނައިޓަޑްގެ ބޯޑަށް ހުށަހަޅައިފި އެވެ.

ޔުނައިޓަޑްގެ މިޑްފީލްޑަށް އިތުރު މައްސަލަތަކެއް ކުރިމަތިވެފައި ވަނީ ޕައުލް ޕޮގްބާ އާއި ސްކޮޓް މެކްޓޮމިނީއަށް އަނިޔާވެފައި ވުމެވެ. އިނގިރޭސި ވިލާތުގެ ޓެލެގްރާފް ނޫހުން ބުނެފައި ވަނީ ވެންޑެބީކް ގެންނަން 50 މިލިއަން ޕައުންޑްގެ ޕެކޭޖެއް ޔުނައިޓަޑުން ތައްޔާރު ކޮށްފައިވާ ކަމަށެވެ.

މިދިޔަ ސީޒަންގެ ޔުއެފާ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލަށް އަޔެކްސް ދަތުރު ކުރުމުގައި ވެންޑެބީކް ވަނީ މޮޅު ކުޅުމެއް ދައްކާފަ އެވެ. މި ސީޒަން ފެށުމުގެ ކުރިން ރެއާލް މެޑްރިޑުން ވެސް ވަނީ އޭނާ ގެންދިއުމަށް މަސައްކަތް ކޮށްފަ އެވެ. އެއީ ރެއާލުން ގެންނަން މަސައްކަތް ކުރި ޔުނައިޓަޑްގެ ޕައުލް ޕޮގްބާ ނުލިބުމުންނެވެ.

ސޮލްޝަޔާ ކުރިން ބުނެފައި ވަނީ މި އަހަރު ވާނީ ޔުނައިޓަޑްގެ ޓީމު ކުރިމަގަށް ބިނާ ކުރާނެ އަހަރަށް ކަމަށެވެ. އެހެންވެ ޔުނައިޓަޑްގެ ޓްރާންސްފާވެސް މިހާރު ހާއްސަކޮށްފައި ވަނީ ޒުވާން ކުޅުންތެރިންނަށެވެ