(7 ޖެނުއަރީ 2020 އާ ގުޅޭ)
ސޯޝަލް މީޑިއާގައި ހަލުވިކަމާއެކު ފެތުރެމުން ދިޔަ އަންހެންކުއްޖާގެ އެއްޗެހި ލިއަމްއަށް ވެސް ފެނުނީއެވެ. އޭނާ ފަރުވާތެރިކަމާއެކު މުހުސިނާއަށް ބަލާލިއެވެ. ހިތުގައި އޮތް އެއްޗެއް ފާޅުކުރަން ޖެހިލުންވިއެވެ. ވީރާއަކީ ޢާއިލާގައި ހުރި ހަމައެކަނި އަންހެންކުއްޖާއެވެ. ހުރިހާ ކުދީންގެ ތެރެއިން ހަގު ކުއްޖާއެވެ. އެންމެންގެ ސަމާލުކަމާއި ލޯބި ލިބިފައިވާ ކުއްޖާއެވެ.
ދެ ޚިޔާލެއްގައި ލިއަމް ހުއްޓާ މުހުސިނާ ގޮވާލިއެވެ. ވީރާ ހޯދަނީ ކޮންކަމަކުތޯ އޭނާ އެއްސެވެ. ވާހަކައެއް ދައްކާލަން ކަމުގައި ލިއަމް ބުނެލިއެވެ. މުހުސިނާއަށް އެނގުމުން އޭނާއަށް ވާނޭ ގޮތަކާމެދު ލިއަމް ޖެހިލުންވީއެވެ. ފުރަތަމަ ވީރާއާ ވާހަކަދައްކާ ކަންތައްވީ ގޮތެއް އޮޅުންފިލުވަން ލިއަމް ގަސްދުކުރިއެވެ. އިތުރު އެއްޗެކޭ ނުބުނެވިގެން އުޅެނިކޮށް ވައިސޫރިއެއްހެން އެޕާޓްމެންޓަށް ވަދެގެން އައި ޒައިދަން ހުއްޓުނީ ލިއަމްއާއި މުހުސިނާ ފެނިފައެވެ. އޭނާ ކަރުގައި އޮންނަންޖެހޭ ޓައީ އޮތީ ވައަތްތިލައިގެ ތެރޭގައެވެ. ގަމީހުގެ އަތް މުލައްދަނޑި ފެންނަ ވަރަށް މައްޗަށް ވަނީ އޮޅާލާފައެވެ. އެ މޫނުގައި ހިސާބެއްގެ ރަތްކަމެއްވީއިރު ދަތްކުނޑިވިކާލައިގެން ހުރިކަން ކަތުރުކަށިގަނޑުގެ ހަރަކާތުން ފާޅުވެއެވެ. ދެ ލޮލުން ފާޅުވަނީ ކަމަކާ ރުޅިގަދަވެފައި ހުރިކަމެވެ. ޒައިދަންއަކީ ޢާއިލާގައި ބައްޕައާ އެންމެ އެއްގޮތް ކުއްޖާއެވެ. ތަބީޢާތާއި މިޒާޖުގެ ގޮތުންނާއި ސިފަ ވެސް އެންމެ ވައްތަރީ ޒައިދަންގެ އެވެ. ލިއަމްގެ ހިތުގައި ސުވާލު އުފެދުނެވެ.
"ޒައިދަން..." މުހުސިނާ ގޮވާލީ ހައިރާންކަމާއެކުއެވެ. އެ އަޑު އެހުމެއްނެތި ޒައިދަން އައިސް ވީރާގެ ކޮޓަރީ ދޮރުގައި ތަޅައިގަތެވެ. އެހިނދު ލިއަމްގެ ހީ ޔަގީނަށް ބަދަލުވެއްޖެއެވެ.
"ކީއްކުރަންތަ ވީރާ ތިހޯދަނީ... ލިއަމް ވެސް އަހައިފި ވީރާ ކޮބާތޯ" މުހުސިނާ ބުންޏެވެ. އެއާއެކު ޒައިދަންގެ ނަޒަރު ލިއަމްއާ އަމާޒުވެލިއެވެ.
"އޭނާގެ ވިޔާނުދާކަން ހައްދުފަހަނައެޅީ... މިގޭ ހަތަރުފާރުން ބޭރަށް ނުކުމެވުނީމަ އޭނާއަށް ހީވާ ކަހަލަ ބޭނުންހާ ގޮތަކަށް އުޅެންވީއޭ" ޒައިދަންގެ އަޑު ބާރެވެ. މުހުސިނާއަށް ހާސްކަން ލިބުނެވެ. އޭނާގެ ކައިރީ ތިބި ދެ ފިރިހެންދަރީންނަށް ވަކިވަކިން ބަލާލިއެވެ.
"ދޮންބޭ!... ވީ ޝުޑް ޓޯކް ޓު ހާ..." ލިއަމް ޚިޔާލުފާޅުކުރިއެވެ.
"ކޮންވާހަކައެއް ދައްކާކަށް... އޭނާއަށް ނޭނގިއެއް އެވަރުކަމެއް ނުވާނެ" ޒައިދަން ނުރުހުމާއެކު ބުންޏެވެ. ލިއަމް ވެސް ޖެހިލުންވީ ޒައިދަން އެހާ ރުޅިގަދަވެފައި ހުއްޓާ މީގެ ކުރީން ދުވަހަކުވެސް ނުދެކޭތީއެވެ.
"ޒައިދަން... ލިއަމް..." ބަދިގޭގައި ސައިބޯން އިން ޝަމާޢިލް ނިކުތެވެ.
ޒައިދަން އަނެއްކާ ވެސް ވީރާގެ ކޮޓަރީގައި ތަޅައިގަތެވެ. އެހިނދު މުހުސިނާ ވާހަކަދެއްކިއެވެ. ވީރާ ގެއަށް އައިކަމެއް ނޭނގެއޭ ބުންޏެވެ. ނަމަވެސް އެ އަޑެއް ޒައިދަން ނޭހިއެވެ. މުހުސިނާ ގާތު ހުރިހާ ކޮޓަރިތަކެއްގެ ތަޅުދަނޑިފަތިވާނީ ކޮންތާކުތޯ އެއްސެވެ. މުހުސިނާއަށް ހުރެވުނީ ހަދާނޭ ގޮތެއް ނޭނގިފައެވެ. އަދިވެސް ވެގެން އުޅޭ ގޮތެއް އޭނާއަށް އެނގެނީކީ ނޫނެވެ.
އެނދުމަތީ އިން ވީރާއަށް އެ ކޮޓަރީގެ ބޭރުން ޒައިދަން ހަޅޭލަވާއަޑާއި ލިއަމްއާއި މުހުސިނާގެ އަޑު އިވެއެވެ. އޭނާ އިނީ ހާސްވެ ކަންބޮޑުވެފައެވެ. ދެ ލޮލުން ފައިބާ ކަރުނައިގެ ރޮނގު ދެއަތުން އިރުއިރުކޮޅުން ވީރާ ފުހެއެވެ. އެހާ އަވަހަށް އެންމެނަށް އެނގިދާނޭކަމަށް ވީރާ ހިޔެއްނުކުރެއެވެ. ކޮންމެ މީހަކު ވެސް ހީކުރަނީ ތިމާވަރުގެ ފަލްސަފާވެރިއަކު ނުހުންނާނެކަމުގައެވެ. ހުރިހާކަމެއް ދަންނަ އެނގޭ މީހަކު ކަމުގައެވެ. ވީރާ ވެސް ހުރިހާކަމެއް ކުރީ ވަރަށް ރޭވުންތެރިކަމާއެކުއެވެ. ސައިފް ހާސިލުކުރުމަކީ އޭނާގެ ލަނޑުދަނޑިއެވެ. އެބޮޑާވެ ގަތުމަކީ ޝައިތާނާގެ ޢަމަލަކަށްނޫނީ ނުވެއެވެ. ތަރައްޤީގެ ދުވެލީގައި މައި މީޑިއާއާއި ސޯޝަލް މީޑިއާ މިވަނީ ތިމާގެ "ބީއެފްއެފް"އަށާއި ތިމާއަށް ހުރި އެންމެ ނުރައްކާތެރި ހަތުރަށް ވެފައެވެ. މީޑިއާގައި މީހެއްގެ ޢާންމު ދިރިއުޅުން ހޯދާލުމަކީ މިހާރު އުނދަގޫކަމެއްނޫނެވެ. ހަމައެއާއެކު އިންސާނުންގެ އިމާންކަން ދުވަހެއްދުވަހަކަށް ބަލިކަށިވަމުންދާއިރު ނެތިނުބައި މޮށުމުގެ ނުބައި އާދައަކީ މުޖުތަމަޢުގައި އަޅާފައިއޮތް ކަތުރުފަންޏެކެވެ. މޫނުމަތީގައި ބުނަން ކެރޭވަރު އެކަކުވެސް ނެތެވެ. އެފަދަ ކޮންމެ ނުކެރޭ ފިނޑި ޢަމަލެއްގެ މެދުވެރިޔަކަށް ވަނީ ސޯޝަލްމީޑިއާއެވެ. ސައިފް ވެސް އޭގެ ބޭނުން ހިފީ ވީހާ ވެސް އަވަހަކަށް އޭނާގެ މަޤްޞަދު ހާސިލުކުރުމަށެވެ. އަލިފާންކަންޏަކުން ބޮޑު ހުޅުގަނޑެއް އުފެދި އެ ފެތުރޭލެއް އަވަސްވާނޭކަން ޔަގީންވާ ގޮތަކީ އެއީއެވެ. އެ އަލިފާންގަނޑު ހުލި ނިވޭއިރު ލިބުނު ގެއްލުން ފޫނުބުއްދޭނޭކަން އެނގި ހުރެ އެ ނުބައި ނިޔަތުގައި އޭނާ ކުރި ކަމެވެ.
ދޮރުގައި ތަޅައިގަތް އަޑު އަނެއްކާ ވެސް އިވިގެން ދިޔައެވެ. ވީރާ ސިހިފައި ދޮރާ ދިމާއަށް ބަލާލިއެވެ. ޒައިދަން ތަޅުދަނޑިފަތި ގެނައުމަށް ތަކުރާރުކޮށްލި އަހާފައި ވީރާ އެނދުން ތެދުވިއެވެ. ހަލާތާ ކުރިމަތިނުލާން ދުވެ ފިލަން ވަންނާނޭ ތަނެއް މިއަދަކު ވީރާއަކަށް ނެތެވެ. ކޮޓަރީގެ ދޮރުގެ އަނެއްފަރާތުގައި އެ ތިބީ ދެން ވެސް އޭނާއަށް އެހީތެރިވާން ތިބި ހަމައެކަނި މީހުންނެވެ. އޭނާގެ އަބުރާއި ޢިއްޒަތް އަނބުރާ ހޯދާ ނުދެވުނަސް އޭނާއަށް ހިމާޔަތާއި ރައްކާތެރިކަން ދޭނޭ ބަޔަކީ އެއީއެވެ. އެހެންނަމަވެސް އެމީހުންނާ ކުރިމަތިލުން ލަދުވެތިކަމަކަށް އޭނާ ވިއެވެ. އޭނާގެ ޢާއިލާ ނޫނަސް ކިތައް ޢާއިލާއަށް އެ ހުތުރު މަންޒަރުތައް ފެންނާނެހޭ ވީރާގެ ޟަމީރު ބުނެލިއެވެ. ދެ ލޮލަށް ކަރުތައް ބޮނޑިވެގަތެވެ. ލަދުވެތިކަމުގެ މައްޗަށް ރުޅި އިސްކުރެވުނެވެ. ފަހަރެއްގައި އޭރުން އޭނާއަށް އެކުރެވޭ އިޙްސާސް ބަދަލުވެދާނޭ ހީކުރެވުނެވެ. ހަރުކޮށް ހިނގާފައި އައިސް ކޮޓަރީގެ ދޮރު ހުޅުވާލަން އޭނާ ތަޅުގައި ހިފިއެވެ. ނަމަވެސް ޒާތެއްގެ ފިނިގަނޑެއް އޭނާގެ މައިބަދައިގެ ކޮޅުން ފެށިގެން މުޅި ހަށިގަނޑަށް ފެތުރުނެވެ. ހަރަކާތްތައް މަޑުޖެހުނެވެ. ތަޅުގައި ހިފައި ތިރިއަށް ޖައްސާލެވުމާއެކު ދޮރުފަތް ހުޅުވުނު އަޑު އިވިލިއެވެ.
ދޮރުފަތް ހުޅުވިލިތަން ފެނި އެންމެންގެ ސަމާލުކަން އެ ދިމާއަށް ދެވުނެވެ. ޒައިދަންއަށް ދޮރުގައި އަޅައި ކޮށްޕާލެވުނީ ނިކަން ބާރަށެވެ. އެވަގުތު ވީރާގެ ނިތްކުރީގައި ނިކަން ބާރަށް ދޮރުގެ ދާރަޖެހި އެ އަޑު އެންމެނަށް ވެސް އިވުނެވެ. މުހުސިނާއަށް އޭނާގެ ދޮށީ ފިރިހެން ދަރިފުޅުގެ ނަމުން ގޮވާލެވުނެވެ. ލިއަމްއަށް ކުއްލިއަކަށް ޒައިދަންގެ ވައަތު މުލައްދަނޑީގައި ހިފަހައްޓާލެވުނެވެ. އެންމެން އެއްފަހަރާ ކަހަލަ ގޮތަކަށް ޒައިދަން ކުރިއަށް ހުރެ ވީރާގެ ކޮޓަރިއަށް ވަނެވެ. ކުށްވެރިއަކު ފަދައިން ވީރާ ހުރީ ކޮޓަރީގެ މެދެއްހާ ހިސާބު ހުއްޓިލައިގެން އިސްޖެހިފައެވެ. އޭނާގެ ގައިގާ ޖަހަން އަތްމަޅާލާފައި ވެސް ޒައިދަންއަކަށް ކޮއްކޮގެ ގައިގާ ޖަހާކަށް ނުކެރުނެވެ. އެ ރުޅިގަނޑު އޭނާ ބަލާލީ އެއްފަރާތުގައި ހުރި ރީތިވާމޭޒުމައްޗަށެވެ. އޭގެ މަތީގައި ހުރި ހުރިހާ ސާމާނެއް ތަޅުން މައްޗަށް ވެރިފައި ހުއްޓެވެ. ޝަމާއިލް ތަންކޮޅެއް ބާރަށް ޒައިދަންއަށް ގޮވާލިއެވެ. ވީރާގެ އެއްޗެހި ހަލާކުނުކޮށް ވީގޮތެއް އެމީހުން ގާތު ވެސް ބުނުމަށް ބުންޏެވެ. އެހިނދު ވަގުތުން ވީރާގެ އިސް އުފުލި ޒައިދަންއަށް ބަލާލިއެވެ. ކަރުނަ ފައިބަމުންދިޔަ ދެ ލޮލުން އޭނާ ނިކަން އަވަހަށް ބޯހޫރާލިއެވެ.
"ދޮންބޭ..." ލިއަމްގެ ބެލުމުގައިވީ ހަމްދަރުދީއެވެ.
"ވީރާ... ކިޔާދީބަލަ... ކީއްވެ ނުކުރެވިފަ ތިހުރީ..." ލިއަމް ބުނޭ އެއްޗެއް އަޑުއެހުމެއްނެތި ޒައިދަން ހަޅޭލަވައިގަތީ ވީރާއާ ދިމާއަށެވެ.
"ލަދުން މަރުވާވަރުވެއްޖެ، މަގުމައްޗަށް ނުކުމެއުޅޭނީ ކިހިނެއް؟... ތީ އަހަރެންގެ ކޮއްކޮކަން އެނގޭ ކިތަންމެ މީހުން އެބައުޅޭކަން އެނގޭތަ؟... އެތަކެތި ބަލާފައި މީހުން ހިމޭނުން ތިބޭނެކަމަށްތަ ވީރާ ހީކުރީ... އެވައްތަރަށް އުޅޭހިތްވަންޏާ އަވަހަށް މީހަކާ އިންނަމައެއްނު" ޒައިދަންގެ ރުޅި ކޮންޓްރޯލެއް ނުކުރެވުނެވެ. އޭނާގެ ވާހަކައިންނާއި ވީރާގެ ކަރުނަ ފެނި މުހުސިނާއާއި ޝަމާއިލު އައީ ރޯފިލަމުންނެވެ. ހިތުގައި އުފެދުނު ބިރުވެރި ޚިޔާލުތަކުން މުހުސިނާ އިންތިހާއަށް ކަންބޮޑުވެ ހާސްވިއެވެ. އޭނާ އައިސް ވީރާގެ ގާތުގައި ހުއްޓިލިއެވެ. ދަރިފުޅުގެ ކަނާތުގައި ހިފައި ތަޅުވައިގަތެވެ. ކީއްކޮށްގެންތޯ ވީރާ އުޅެނީ ސުވާލުކުރަން ފެށިއެވެ. ގޭތެރޭގެ އަޑު ގަދަވެގެން ކޮޓަރީގައި އުޅުނު ރަފާ ވެސް ދަރިފުޅު ގޮވައިގެން އައިސް ވީރާގެ ކޮޓަރި ދުރުމަތީ މަޑުކޮށްލިއެވެ. ހުޅުވާފައި ހުރި ދޮރުން ކޮޓަރިތެރޭގެ ހާލަތު އޭނާއަށް ފެނުނެވެ.
ލިއަމް އެދުނީ ރަފާ ގާތުން ޒައިދަން ގޮވައިގެން ކޮޓަރިއަށް ދިއުމަށެވެ. ނަމަވެސް ޒައިދަން ދެކޮޅު ހެދިއެވެ. މުޅި ދުނިޔެއަށް އެނގޭއިރު މަންމައާއި ބައްޕައަށް ވެސް އެނގެން ޖެހޭނެކަމުގައި ޒައިދަން ބުންޏެވެ. އެއަޑު އަހާފައި ވީރާގެ ރުއިން ބާރުވިއެވެ. ކޮއްކޮގެ ހަރަކާތްތަކަށް ޒައިދަން ސަމާލުކަމެއް ނުދިނެވެ. އޭނާ މުހުސިނާއާ ކުރިމަތިލިއެވެ. ވީރާ ފަޟީޙަތްވެފައިވާވަރު ޒައިދަން ހާމަކުރިއެވެ. އޭނާގެ ފޮޓޯތަކާއި ވީޑިއޯއެއް ޢާންމުވެ އެތައް ބަޔަކު އެ ބަލައި ފާޑުފާޑުގެ ވާހަކަތައް ދައްކަމުންދާކަން ޒައިދަން ކިޔާދިނެވެ. މުހުސިނާ ދަރިފުޅަށް ބަލާލުމާއެކު ދުރަށް ކޮށްޕާލީ ނަޖިހެއް ގަޔާ ދުރަށް ފޮޅާލިހެންނެވެ. ދެން އޭނާއަށް ބޮލުގައި ދެއަތުން ހިފަހައްޓާލައި ބޯހޫރަންފެށިއެވެ. ފިރިހެންދަރިފުޅުގެ ފުށުން ފާޅުވާ ރުޅިވެރިކަން މުހުސިނާއަށް އެނގި އިޙްސާސް ކުރެވުނީ ދެނެވެ. މުޅި ދުނިޔެ އެނބުރިގަތް ކަހަލައެވެ. ބަސްހުއްޓިފައި ހުރި ފިރިމީހާއަށް މުހުސިނާއަށް ގޮވާލެވުނީ އަސަރާއެކުއެވެ. ނޭވާނުލެވިގެން އުޅޭ މީހަކު ފަދައިން މުހުސިނާއަށް އަނގަހުޅުވާލެވުނު ގޮތަށް ފުންނޭވާތަކެއް ލާން މަސައްކަތްކުރެވުނެވެ. އޭނާއަށް އައިސް ޝަމާޢިލްގެ ގައިގާ ހިފަހައްޓައިގަނެވުނެވެ. ދެން ހަދާނީ ކިހިނެއްތޯ މުހުސިނާގެ ދެ ލޮލުން ފިރިމީހާއާ ސުވާލުކުރާ ކަހަލައެވެ. ޝަމާޢިލަށް ބަލާލެވުނީ ލިއަމްއަށެވެ. އޭނާގެ ޚިޔާލެއް ފާޅުކުރާށޭ ބުނާ ކަހަލައެވެ. ލިއަމް ކުރިއަށް ޖެހި ވީރާގެ އަތުގައި ހިފައިގެން ގެނެސް އެނދުގައި ބޭންދިއެވެ. އޭރު ހަމަރަނގަޅަށް ވެސް ވީރާއަށް ރޮވެނީއެވެ. އެވަގުތު ޒައިދަން ބުނީ ކޮއްކޮއެއްކަމަކު އެ ހުރީ ރަޖަމްކުރަންވެފައި ކަމުގައެވެ. ނިކަން ބާރަށް ނޫނެކޭ ބުނެލި ވީރާއަށް ގިސްލެވި މޫނުގައި ދެއަތް އެޅުނެވެ. ލިއަމްގެ މޫނުން ހިތްދަތިކަން ފާޅުވިއެވެ. އޭނާގެ މަންމައާއި ބައްޕަގެ އިތުރުން ބޭބެއާ ނަޒަރު ސީދާކުރުން ޚުދު ލިއަމްއަށް ވެސް އުނދަގޫވެފައި އިން ކަހަލައެވެ.
"ވީރާ..." ލިއަމް ގޮވާލިއެވެ. އަދި ކޮއްކޮގެ ކޮނޑުގައި އޭނާ އަތްޖައްސާލަން އުޅުނެވެ. ވީރާ ނުރުހުމުގެ ނަޒަރެއް ބަދަލުކޮށްލުމާއެކު ލިއަމްއާ ދުރަށް ޖެހުނެވެ.
"އަހަންނަށް އެނގިގެންވީކަމެއްނޫނޭ އެއީ... އަހަރެންވިއްޔާ މީހަކުދެކެ ލޯބިވެގެންނުވަނީތަ؟ މީހަކާ ރައްޓެހިވެގެން ވެސް ނުވޭތަ؟" ރޮމުންރޮމުން ވީރާ ބުންޏެވެ. އެ އަޑު އިވި ޒައިދަން ދަތްކުނޑިވިކާލިއެވެ. ނަމަވެސް އޭނާއަށް އެއްޗެކޭ ނުބުނެވެނީސް މުހުސިނާ ހަޅޭލަވައިގަތެވެ. ގޮތްގޮތަށް އުޅެވޭއިރު ނޭނގެން ވީރާ ހުރީ ބުއްދިފިލާވަރުގެ އެއްޗެއް ބޮއެގެންތޯ މުހުސިނާ އެއްސެވެ. އަމިއްލަ އިއްފަތްތެރިކަން ނީލަން ކިޔާ އަންހެނަކު އޭނާގެ ދަރިއަކަށް ނުވާނޭ މުހުސިނާ ބުންޏެވެ.
"މީ އޭނާ ދިން ލަނޑެއް..." ވީރާ ބުންޏެވެ. އެމީހަކީ ކާކުތޯ ލިއަމް ވަގުތުން ސުވާލުކުރިއެވެ.
"ސައިފް..." ކަރުނުގެ ތެރެއިން ވެސް ވީރާގެ ލޮލުން ފާޅުވަނީ ނުރުހުމެވެ. ލިއަމްއަށް މަޑުމަޑުން އެ ނަން ކިޔާލެވުނެވެ. އޭނާއަށް ސައިފްއަކީ އިވިފައި ހުރި ނަމަކެވެ. ހުންނަ ގޮތް ކިޔައިދޭން ލިއަމް އެދުނެވެ.
"ތުއްތޭގެ ތި ލޯބިވާ ޒެއްލު ޗީޓުކުރިކަން އެނގޭތަ... އެ ސައިފު... އެ ދެމެދީހުން ރައްޓެހިވެގެން އުޅެނިކޮށް އަހަންނަށް އެކަން އެނގުނީމަ ދިން ލަނޑެއްމީ" ވީރާގެ ލޮލުގައިވާ ނަފުރަތުގެ އަސްލު ހާމަކޮށްލިއެވެ. ލިއަމްއަށް ލިބުނީ ކުއްލި ހައިރާންކަމެވެ. އޭނާގެ ނަޒަރު އެ ކޮޓަރީގައި ދެންތިބި މީހުންނަށް ހިންގާލެވުނެވެ. އެމީހުން ވެސް ތިބީ ސިހުމެއްގެ ތެރޭގައެވެ.
* * * * *
މަޅުމޮޅިކަން އެކުލެވިފައިވާ މޫނުން ހިނިތުންވުމެއް ފާޅުވެލީ އޭނާ އިޝްވާއާ ސަލާމްކޮށްލި ވަގުތެވެ. އެހެންނަމަވެސް އެ ހިނިތުންވުމުގައި ތާޒާކަމާއި އުފާވެރިކަން ގެނެސްދޭ އަސަރެއް ނެތްކަން އިޝްވާ ދެނެގަތެވެ. ހަށިގަނޑުގެ ހިމަކަމުން އިސްކޮޅުން ދިގުކަމަށް އޭނާ ދައްކައެވެ. ހަށިގަނޑުގެ ބައްޓަން ނޭނގޭހާ ދޫ އަބާޔާގައި ގަދަ ކުލައެއްގެ ޝޯލް އަޅާފައި ހުރި ގޮތުން ދެ ކޮނޑުމައްޗާއި މޭމަތި ފޮރުވިފައި ވިއެވެ. ބަޔާންކުރަން ނޭނގޭ ފަދަ ފިނިކަމެއް އެ އަންހެންކުއްޖާއަށް ބަލާލުމުން އިޝްވާއަށް އިޙްސާސް ކުރެވުނެވެ. ބައެއް މީހުންނަކީ އެމީހުންގެ ވަށައިގެން އެފަދަ ހިތްހަމަޖެހުމުގެ ރޫހެއްލެވިފައިވާ ބައެއްކަމުގައި އިޝްވާ ޤަބޫލުކުރެއެވެ. އިޝްވާ އެއްފަރާތަށް ޖެހިލުމުން އެ އަންހެންކުއްޖާއާއި އޭނާއާއެކު ހުރި އަންހެން މީހާ ވަނެވެ.
"ސައިރާ... ހޭޒަލްގެ މަންމަ" އެތެރެއަށް ވަންނަމުން އިޝްވާއަށް ބަލާލައި ސާއިރާ ތާރަފްވެލިއެވެ.
"މިއަދު މަންމައާއެއްކޮށްތަ އައީ؟" އިޝްވާ އަހާލީ ސާއިރާއާއި ހޭޒަލްއަށް ނިކަން ފުޅާ ހިނިތުންވުމެއް ދެމުންނެވެ. ހޭޒަލް މަޑުމަޑުން ބޯޖަހާލީއެވެ. އިށީނުމަށް އިޝްވާ އެދުނެވެ. އެތަނުގައި ހުރި ހުދު ސޯފާގައި ފުރަތަމަ އިށީނީ ސާއިރާއެވެ. ހޭޒަލް ހީވީ އޭނާ ކަންތައްކުރި ގޮތް ބަލައިފައި ހަރަކާތެއް ގެނައި ހެންނެވެ. އޭނާ ސާއިރާގެ ގާތުގައި އިށީނެވެ. އެ ދެމައިން އެތަނަށް ވަނީއްސުރެ އެމީހުންގެ ކިތަންމެ ކުޑަކުޑަ ހަރަކާތަކަށް ވިޔަސް އިޝްވާގެ ފުރިހަމަ ސަމާލުކަން ދެވިފައި ވެއެވެ. އެކަން އެ ދެމައިންނަށް ފާހަގަނުވަނީ އިޝްވާގެ ތަޖުރިބާއާއި ކުޅަދާނަކަމުންނެވެ.
"މިއަދު ކުޑަކޮށް ބޮލުގަ ރިއްސާތި ޒެއްލު އުޅެނީ" ސާއިރާ ވާހަކަދައްކަން ފެށިއެވެ. މަންމަގެ އަތުގައި ހޭޒަލް މަޑުމަޑުން ހިފަހައްޓާލިއެވެ. ސާއިރާ މާގިނަ ވާހަކަދައްކަން ހޭޒަލް ބޭނުންނުވާ ކަހަލައެވެ.
އިޝްވާ އެކަން ފާހަގަވި ކަމަކަށް ނުހަދާ މުޅިން އެހެން ވާހަކައެއް ދައްކަން ފެށިއެވެ. ހޭޒަލް އޭނާގެ ގާތަށް ސެޝަންތައް ނަގަން އަންނަތާ އަދިވީ ހަފްތާއެކެވެ. އޭނާގެ ޚިޔާލުތައް ޚިއްޞާކުރަން ހޭޒަލް ޖެހިލުންވެއެވެ. ސިކުނޑިއާއި ހިތް ބަންދުވެފައިވީ މީހުންނަށް އިތުބާރުނުކުރެވޭތީއެވެ. އެންޒައިޓީއަކީ ހޭޒަލްގެ މުސްތަޤުބަލުގެ ރާސްތާ ބަންދުކުރަން މަސައްކަތްކުރާ ފަރާތެވެ. ޑިޕްރެޝަންގެ ދޮރޯށިން އޭނާއަށް ބޭރަށް ފިޔަވަޅު އަޅާކަށް ނުކެރުނެވެ. އަދިވެސް ހުއްޓި އެހުރީ އެ ދޮރޯށީގޭ އެތެރެ ފަރާތުގައެވެ. އިޝްވާގެ އަތުގައި ހިފައިގެން އޭނާ ނުކުންނަން ބޭނުންވާކަން އެނގެއެވެ. އެހެންނަމަވެސް އެންމެ ބޮޑު ރޯލެއް ކުޅެނީ އިތުބާރެވެ. އިޝްވާއަކީ ޑަކްޓަރެއްކަމާއި އޭނާ ފަރުވާ ހޯދަން އައިސްއިން ކަމުގެ މާހިރެއްކަން އެނގޭއިރު ވެސް ހޭޒަލްއަށް އިޝްވާގެ އަތްމައްޗަށް ބަރޯސާވާން ބިރުގަންނަނީއެވެ.
ސާއިރާ ދިއުމުން ހޭޒަލްއާއި އިޝްވާގެ ވަގުތު ފެށުނެވެ. ބައެއްފަހަރު އިޝްވާއާ ކުރިމަތިލައިގެން ހުންނަން އުނދަގޫވެގެން ހޭޒަލް ތެދުވެ ކޮޅަށް ހުރެއެވެ. ސޯފާގެ ބިއްދޮށަށް ވަދެ ފުރަގަސްދީގެންނެވެ. އެތަނުގައި ހުންނަ ކުޑަދޮރުގެ ބްލައިންޑްސް އޭނާ ހުޅުވާލައި ބޭރު ބަލަން އެތައް އިރަކު ހުރެދާނެއެވެ. އެ އޮފީހުން ހޭޒަލްގެ އެންމެ ބޮޑު ސަމާލުކަމެއް ދެވޭ އެއްޗަކީ ފޮތްހަރުގަނޑު ކައިރީ ބިއްދަށް ފާރުގެ މެދުގައި ހުންނަ ބޮޑު ކުރެހުމެވެ. ފަންސޫރުން ކުރަހާފައިވާ އެ ކުރެހުމުގައި ވަނީ ދެއަތްތިލައެވެ. ދެކޮޅުން ދިއްކޮށްފަވާ ދެއަތެވެ. އެއްއަތް އަނެއްއަތުގައި ހިފާލުމަށް އަތްތިލަ ދަމާލާފައި ވެއެވެ. އެހެންނަމަވެސް ހޭޒަލް ސުވާލު އުފެދެނީ އެތަނުން އަނެއްއަތުގައި ހިފަން ބޭނުންވާ އަތްތިލައަކީ ކޮބާއިކަމެވެ. އެ ދެއަތްތިލައިގެ ބޭނުން އެއްގޮތް ބާއެވެ. ނޫނީ އެއީ އެއްފަރާތުން ލެވޭ ބާރެއްބާއެވެ. ހޭޒަލްގެ ސަމާލުކަން އަނބުރާ ހޯދުމަށް އޭނާއަށް އިޝްވާ ގޮވާލިއެވެ. އޭނާ އިން ގޮނޑިން ތެދުވަމުން އެއްފަރާތުގައި ހުރި ބިއްލޫރި ވަށް މޭޒުގެ މަތީ އޮތް ރިކޯޑަރ ރަނގަޅުކޮށްލިއެވެ. އޭނާ އައިސް ހޭޒަލްގެ ގާތުގައި ހުއްޓިލިއެވެ. ކުޑަދޮރާ ބެހޭ ގޮތުން ހޭޒަލް ވާހަކަދައްކަން ފެށިއެވެ. އެ ކުޑަދޮރުން ފެންނަ ދުނިޔޭގެ ކަންކަމާ މެދު އޭނާ ވާހަކަދެއްކިއެވެ. ކޮންމެ އެއްޗެއްގައި ވެސް ކޮންމެވެސް ކަހަލަ ވާހަކައެއް އެކުލެވިފައިވާނެއެވެ. އިޝްވާ މަސައްކަތްކުރީ ހޭޒަލް ލައްވާ ވާހަކަދައްކުވާށެވެ. އެއީ ކޮންމެ ވާހަކައަކަށް ވިޔަސް އޭނާއަށް އެންމެ ރަނގަޅެވެ.
ކުޑަދޮރުގެ ބިއްލޫރިގަނޑު އެއްމިނެޓުގައި ރަނގަޅަށް ހުރެފައި އަނެއް މިނެޓުގައި ތަޅައިގެން ހިނގައިދާނެތީ ބިރެއް ނުގަނޭތޯ ހޭޒަލް އެއްސެވެ. އެ ބިއްލޫރިގަނޑު ތަޅައިގެންދާނެ އޮތީ އެންމެ ގޮތެވެ. ގަސްދުގައި ހަރު އެއްޗަކުން ތަޅައިލައި އޭގެ ބިއްލޫރިގަނޑު ފުނޑުކޮށްލުމެވެ. އެ ބިއްލޫރިގަނޑަކީ އާދައިގެ ބިއްލޫރިގަނޑެއްނޫނެވެ. އެ އޮފީހުގެ ކޮންމެ އެއްޗެއް އެތަނުގައި ބެހެއްޓުމުގެ ކުރީން އޭނާ އެތައް ފަހަރަކު ވިސްނިއެވެ. ނަމަވެސް އެހެނެއްނުވާނޭ ބުނުމަކީ އިޝްވާއަށް ހެދޭ ގޯހަށްނޫނީ ނުވާނެއެވެ. އެހެންވެ އޭނާ ހޭޒަލްގެ ވާހަކައާ ބައިވެރިވިއެވެ. ކިތަންމެ ތައްޔާރުވެގެން ހުރި ކަމުގައި ވިޔަސް ދާދި ކުޑަ ހިނދުކޮޅެއްގެ ތެރޭ ކިތަންމެ ކަމެއް ބަދަލުވެދާނޭކަން އިޝްވާ ބުންޏެވެ. ހަޔާތަކީ އެކަހަލަ އެއްޗެއްކަން އިޝްވާ ބުންޏެވެ. އެހެންވިޔަސް އިޚްތިޔާރަކީ ލިބިގެންވާ އެއްޗެއްކަން އިޝްވާ ހަނދާންކޮށްދިނެވެ. އިންސާނުންނަށް އެ ނިޢުމަތް ލިބިގެންވެއެވެ. އެއްދޮރު ބަންދުވާއިރަށް އެހެން ދޮރެއް ﷲ ދައްކަވާނޭކަމުގެ އިތުބާރު ހިތުގައި ބާއްވަން އިޝްވާ ބުންޏެވެ. ބިއްލޫރިގަނޑު ހަރުކުރަން އުޅުން އިރު އިޝްވާ ވެސް ކަމެއް ހިތަށް އެރިކަން ބުންޏެވެ. އެއީ ހަރުކުރަން އުޅުމުގައި އެ ތަޅައިގެން ހިނގައްޖެނަމަ ދެން ހަދާނީ ކިހިނެއްކަމެވެ. ދެން ވިސްނުނީ އަލުން އާ ބިއްލޫރިގަނޑެއް ލެއްވިދާނެކަމެވެ. ތަފާތަކީ އިހު ލައްވަން އުޅުނު ބިއްލޫރިގަނޑަށް އެ ނުވާނޭކަމެވެ. ފާއިތުވާ ވަގުތު ހެންނެވެ. ވަގުތު ހިނގަނީ އަބަދުވެސް ކުރިއަށްކަން އިޝްވާ ބުނެދިނެވެ. އިބްރަތަކީ ކަންކަން ކުރެވިގެން ހާސިލުވާ އެއްޗެކެވެ. ދެވަނަ ފަހަރަށް އެކަމާ ކުރިމަތިލާނޭ ގޮތް އެ އިބްރަތް ބުނެދޭނެއެވެ. ސިކުނޑިއަކީ ރިކޯޑިން ޑިވައިސްއަކަށް ވާއިރު އެ ކަންކަން ހަނދާންކޮށްދޭނޭކަމެވެ.
ހޭޒަލް މަޑުމަޑުން އައިސް ފާރުގައި ހުރި ކުރެހުމުގެ ކުރިމަތީ ހުއްޓުނެވެ. އިޝްވާ އަނެއްކާ ވެސް އައިސް ހޭޒަލްގެ ގާތުގައި ހުއްޓުނެވެ. އެ ކުރެހުމަކީ ހޭޒަލްއަށް ފުން އަސަރުތަކެއް ކުރުވާ ކުރެހުމެއްކަން އެ މޫނުން އިޝްވާ ދެނެގަތެވެ.
"ކުރެހުން ފެނުނީމަ އުނދަގޫވަނީތަ؟" އިޝްވާ އަހާލީ ސުކޫތުކޮޅަކަށް ފަހުއެވެ. އޭނާ ބަލާލިއިރު ހޭޒަލް ކޯތާފަތުން ކަރުނަ ފުހެލަނީއެވެ.
(ނުނިމޭ)