ކުރިއަށް އޮތް ސީޒަނަށް ޓީމު ވަރުގަދަކުރުމުގެ ގޮތުން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން އިން ބިދޭސީ ކުޅުންތެރިންތަކެއް ގެންނަން މަަސައްކަތްކުރަމުންދާ ކަމަށް އެ ކްލަބުން ބުނެފި އެވެ.
މިދިޔަ އަހަރުގެ އެފްއޭ ކަޕްގެ ޗެމްޕިއަން މާޒިޔާގެ ސިއީއޯ ހުސެއިން ޝާފިއު (ކޮއްކީ) ވިދާޅުވީ ޓީމު ވަރުގަދަކުރުމުގެ ގޮތުން ބިދޭސީ ކުޅުންތެރިންތަކެއް ގެންނަން މަސައްކަތްކުރަމުންދާ ކަމަށެެވެ. މީގެ ތެރެއިން އެއް ކުޅުންތެރިއަކީ ފާއިތުވި ދެ އަހަރު ވެސް އެ ޓީމަށް ކުޅުނު ބަލްގޭރިއާގެ ޑިފެންޑަރު ޒިވްކޯ ޓޮޑަރޯފް އެވެ.
"ބިދޭސީ ކުޅުންތެރިންތަކެއް ގެންނަން މަސައްކަތްކުރަމުން މި ދަނީ. އިރާދަކުރެއްވިއްޔާ ވަރަށް އަވަހަށް ކުޅުންތެރިން ހަމަޖެހޭނެ،" ކޮއްކީ ވިދާޅުވި އެވެ.
އެފްއޭއެމް އިން ވަނީ ކުރިއަށް އޮތް ސީޒަން އިން ފެށިގެން އޭޝިއާ ސަރަހައްދަށް ނިސްބަތްވާ އެއް ކުޅުންތެރިއަކާއެކު، ހަތަރު ބިދޭސީ ކުޅުންތެރިން ސްކޮޑްގައި ޖެހޭ ގޮތަށް ގަވައިދު ބަދަލުކޮށްފަ އެވެ.
މާޒިޔާ އަށް މިދިޔަ ސީޒަންގައި ކުޅުނު ބިދޭސީ ކުޅުންތެރިންނަކީ ޒިވްކޯ އާއި ސިއެރަ ލިއޯންގެ ފޯވަޑް އަބޫ ޑެސްމޮން މަންސާރޭ އަދި މެސެޑޯނިއާގެ ފޯވަޑް ރިސްޓޭ ނައުމޯފް އެވެ. އަބޫ އާއި ރިސްޓޭގެ ކޮންޓުރެކްޓް އާނުކުރަން މާޒިޔާ އިން ވަނީ ނިންމައިފަ އެވެ.
ކުރިއަށް އޮތް ސީޒަނަށް ޓީމު ވަރުގަކުރުމުގެ ގޮތުން މާޒިޔާ އިން ވަނީ ގައުމީ ޓީމުގެ ގޯލްކީޕަރު އިމްރާން މުހައްމަދާއި އީގަލްސްގެ އަހުމަދު އިމާޒް (އާއްކޮ) އާއި މަހިބަދޫގެ ހުސެއިން ނިޔާޒް މުހައްމަދު (ބޮކުރީ) އެ ޓީމަށް ގެނެސްފަ އެވެ. މީގެ އިތުރުން މާޒިޔާގެ މުހިންމު ގިނަ ކުޅުންތެރިން ވަނީ ކޮންޓުރެކްޓް އާކޮށްފަ އެވެ.