ހަބަރު

ބޮޑު ގުރޫޕަކުން ޒުވާނަކަށް އަނިޔާކޮށްފި

މާލެ ސިޓީގެ މަގެއްގެ މަތީގައި ބޮޑު ގުރޫޕަކުން ޒުވާނަކަށް ވަރަށް ބޮޑަށް އަނިޔާކުރާ މަންޒަރު ފެންނަ ވީޑިއޯއެއް އާންމުވެއްޖެ އެވެ.

މިހާރު ވަރަށް ބޮޑަށް ވައިރަލްވެފައިވާ އެ ވީޑިއޯއިން ފުރަތަމަ ފެންނަނީ ރީދޫ ކުލައިގެ ޓީޝާޓެއް ލައިގެން މަގުމަތީގައި އިށީންދެ އިން ޒުވާނަކަށް އެހެން ދެ ޒުވާނަކު ހަމަލާދޭ މަންޒަރެވެ. އެ ވަގުތު އެ ސަރަހައްދުގައި އިތުރު ދެ ޒުވާނަކުވެސް ހުއްޓާ ވީޑިއޯއިން ފެނެއެވެ. ނަމަވެސް ފައިން ހަމަލާ ދެމުންދިޔައީ ދެ ޒުވާނުންނެވެ. އޭގެ އިރުކޮޅެއްގެ ފަހުން ދެ މީހަކު ސައިކަލެއްގައި އައިސް ޖައްސަނީ އެ ޒުވާނާގެ ގައިގައެވެ.

އަދި ހަމަ އެވަގުތު އިތުރު ބަޔަކު ދުވެފައި އައިސް އެ ޒުވާނާގެ ގައިގައި އަތުންނާއި ފައިން ތަޅާ ވަަރަށް ބޮޑަށް އަނިޔާ ކުރާތަން ފެނެއެވެ. އޭގެ ފަހުންވެސް އިތުރު ދެ ސައިކަލެއްގައި ބަޔަކު އައިސް ހަމަލާދެނިކޮށް ފެނެއެވެ. އެ މީހުން އެ ސަރަހައްދު ދޫކޮށްދަނީ ފުލުހެއް އައުމުންނެވެ. ނަމަވެސް 48 ސިކުންތުގެ އެ ވީޑިއޯއިން ފެންނަ ގޮތުގައި ފުލުސް މީހާ އައި ފަހުންވެސް އޭގެ ތެރެއިން ބައެއް މީހުން ވަނީ އެ ޒުވާނާއަށް ހަމަލާދީފައެވެ.

ފުލުހުން ބުނީ ރޭ މެންދަމުގެ ވަގުތެއްގައި މާލޭގައި މާރާމާރީއެއް ހިނގާފައިވާ ކަމަށެވެ. އެއީ ބޭންކް އޮފް ސިލޯން ކުރިމަތީގައި ކަމަށާ އެ މާރާމާރީގެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ.

މިހާރު އާންމުވެފައިވަނީ ރޭގެ މާރާމާރީ ކަމެއް ފުލުހުން ނުބުންޏެވެ.

ވީޑިއޯއިން ފެންނަ ގޮތުގައި ފުލުސް މީހާ އައުމުން އަނިޔާވެފައިވާ ޒުވާނާ އެހެން މީހެއްގެ އެހީތެރިކަމުގައި ތެދުވެގެންދާތަން ފެނެއެވެ. މިއީ ކޮން ކަމަކާ ގުޅިގެން ހިނގި މާރާމާރީއެއް ކަމެއް އަދި ސާފެއް ނުވެއެވެ.