ހަބަރު

ޑައިވިންއަށް ދިޔަ ދެ މީހަކު ގެއްލިގެން ހޯދަން ފަށައިފި

ޑައިވިންއަށް ދިޔަ ދެ މީހަކު ގެއްލިގެން ހޯދަން ފަށައިފި އެވެ.

އެމްއެންޑީއެފްގެ އިސް ތަރުޖަމާން މޭޖާ އިބްރާހިމް އާޒިމް ވިދާޅުވީ ހެލެނގެލި އައިލެންޑް ރިސޯޓްގެ އުތުރުން ފަޅު ހިއްކައިގެން ހަދަމުންދާ ރިސޯޓެއް ކަމަށްވާ ކ. މާފަޅު ގައި މަސައްކަތް ކުރާ ދެ މީހަކު ޑައިވިން އަށް ދިޔަ ފަހުން ހަބަރެއް ނުވެގެން އެމްއެންޑީއެފަށް ރިޕޯޓް ކޮށްފައިވާ ކަމަށެވެ.

ގެއްލިފައިވަނީ ބިދޭސީ ދެ ފިރިހެނުން ކަމަށްވެސް އާޒިމް ވިދާޅުވިއެވެ. އެނގިފައިވާ ގޮތުގައި އެއީ އިނގިރޭސިވިލާތުގެ ދެ މީހުންނެވެ.

އާޒިމް ވިދާޅުވީ އެ ރިޕޯޓް ލިބުމާއެކު ކޯސްޓްގާޑްގެ ސްކޮޑްރަންއިން ހަރަކާތްތެރިވަމުންދާ ކަމަށެވެ. މި ހާދިސާގެ މައުލޫމާތު ލިބިފައިވަނީ މިއަދު މެންދުރުފަހު 14:35 ގައެވެ.

ޑައިވިންއަށް ދިޔަ ދެ މީހަކު ގެއްލިގެން ހޯދަމުންދާއިރު، އިތުރު ދެ ދިވެއްސަކުވެސް ގެއްލިގެން ދަނީ ހޯދަމުންނެވެ. އެކަކު ގެއްލިފައިވަނީ ކަނޑުމަތީގެ އެކްސިޑެންޓެއްގައެވެ. ނަސްރުﷲ ނަމަކަށްކިޔާ އެ މީހާ ގެއްލިފައިވަނީ ޑިންގީއަކާއި ލޯންޗެއް ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައެވެ.

މީގެ އިތުރުން ދެ ބިދޭސީންނާއެކު ދަތުރުކުރި ދޯންޏެއްގައި ހުރި ދިވެހި ކައްޕިއަކުވެސް ގެއްލިގެން ސިފައިން ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.