މާރިޔާ އަހުމަދު ދީދީ

ވާލާ، ކާޅު ބަޑި ޖަހައިގެން މެރުމާމެދު މިނިސްޓަރުގެ ހިޔާލު

ވާލާ، ކާޅުގެ އުނދަގޫ ބޮޑުވެ ބަޑިޖަހައިގެން އެ ތަކެތި މަރަން މީހުން އެދެމުންދާ ކަމަށާ ނަމަވެސް ވަކި ޓާގެޓެއްނެތި ބަޑި ޖެހުމަކީ ހަރަދު ބޮޑު އަދި މީހުން ދިރިއުޅޭ ރަށެއްގައި ކުރުން ރަނގަޅު ކަމެއް ނޫން ކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެ އެވެ.

މީގެ ކުރިން ވާލާ، ކާޅުގެ އުނދަގޫ ބޮޑުވުމުން ސިފައިން ނިކުމެ ބަޑިޖަހާ އެ ތަކެތި މަދުކުރުމަށް މަސައްކަތް ކުރެއެވެ. މިފަހުންވެސް ބައެއް ރަށްރަށުން ގެންދަނީ ވާލާ، ކާޅުގެ އުނދަގޫ ބޮޑުވާތީ އެކަމުގެ ޝަކުވާ ކުރަމުންނެވެ.

މިނިސްޓަރު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ވާލާ، ކާޅުގެ އުނދަގޫ ބޮޑުވެ ބަޑިޖަހައިގެން އެ ތަކެތި މަރަން މީހުން އެދެމުންދާ ކަމަށެވެ. ވާލާ، ކާޅު މެރުމުގެ ހުއްދަ ދޭނީ އީޕޭއޭއިން ކަމަށާ އެ އެޖެންސީން ހުއްދަ ދެނީ ވާލާ، ކާޅު ފައްސަން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"ވަކި ޓާގެޓެއްނެތި ބަޑި ޖެހުމަކީ ހަރަދުބޮޑު ކަމެއް އަދި މީހުން ދިރިއުޅޭ ރަށްރަށުގައި ކުރުން ރަނގަޅު ކަމެއް ނޫން." މިނިސްޓަރު ވިދާޅުވިއެވެ.

ވާލާ، ކާޅު ގިނަވުމުން ރަށްރަށުގެ ރައްޔިތުންނަށް އާންމު އުނދަގޫތަކާއި ދިމާވަމުންދާއިރު، ދަނޑުވެރި ކަމުގެ ބާވަތްތަކަށްވެސް އެ ސޮރުމެން ދަނީ ބޮޑެތި ގެއްލުންތައް ދެމުންނެވެ.