ހަތިޔާރު ތޫނުކޮށްގެން ސަރުކާރު ވައްޓާލަން ނިކުތުމަށް ދިއްދޫ ދާއިރާގެ ކުރީގެ މެންބަރު އަބްދުލްލަތީފް މުހައްމަދު ގޮވާލައްވާފައިވާ ކަމަށް ބުނެ ގިނަ ބަޔަކު އެކަމަށް ފާޑުކިޔާފައިވާތީ ލަތީފް ދެއްކެވި ވާހަކަތައް އޭނާ ސާފުކޮށްދީފި އެވެ.
ރައީސް ޔާމީން މިނިވަންކުރުމަށް ގޮވާލާ އިދިކޮޅުން ރޭ ޕީޕީއެމްގެ އޮފީހުގައި ބޭއްވި ޖަލްސާއެއްގައި ވާހަކަދައްކަވަމުން ކުރީގެ މެންބަރު އަބްދުލްލަތީފް ވިދާޅުވީ ހަތިޔާރު ބޭނުން ކޮށްގެން ސަރުކާރު ވައްޓާލަން ނިކުތުމަށް ގޮވާލީ މަޖާޒީ ގޮތުން ކަމަށެވެ. އެއީ ކެމިކަލް ހަތިޔާރާއި، ބަޑި އާއި ލޮންސި އަދި ކަތިވަޅި ހިފައިން ނިކުންނަ ވާހަކަ ނޫން ކަމަށް ލަތީފް ވިދާޅުވިއެވެ.
ލަތީފް ވިދާޅުވީ ކަންކަމާއި ކުރިމަތިލުމަށް ހިތްވަރު ދިނުމަށް ދިވެހިން މަޖާޒީ ގޮތުން ބޭނުން ކުރާ ބަސްތައް ހުންނަ ކަމަށެވެ. ޕީޕީއެމްގެ ހުރިހާ މެންބަރުން މި ސަރުކާރާއި ދެކޮޅު މަސައްކަތުގައި ކަމަރުތައް ބަނދެލައިގެން ނިކުންނަން ޖެހޭ ކަމަށާ މޮޅުވުމަށްޓަކައި ހަތިޔާރުވެސް ބޭނުން ކުރަންޖެހޭ ކަމަށް ލަތީފް ވިދާޅުވިއެވެ. ނަމަވެސް އެއީ މީހަކަށް އަނިޔާދޭން ހަތިޔާރު ބޭނުން ކުރުން ނޫން ކަމަށް ވިދާޅުވިއެވެ.
"އަޅުގަނޑުމެންގެ ޕީޕީއެމްގެ ހުރިހާ ބޭފުޅުން، ހުރިހާ ކަނބަލުން، ހުރިހާ ރައްޔިތުން އެކައްޗަކަށްވެ ކަމަރު ބަނދެލަންވީ، ނިކުންނަންވީ ކަމަރު ބަނދެލައިގެން. މާދަމާ ބުނާނެ ކަމަރުތަކެއް ވާހަކަ ދައްކައިފިޔޭ، ކޮން ކަމަރެއް ހެއްޔޭ، މިއީ ދިވެހި ބަހުގައި މަޖާޒީ ގޮތެއްގައި ބޭނުންކުރާ ބަސްބަސް. ކަމަރު ބަނދެލައިގެން އެކައްޗެއްގެ ގޮތުގައި ނިކުންނަންވީ. މޮޅުވުމަށްޓަކައި ހަތިޔާރުވެސް ބޭނުން ކުރަންވީ، އެ ވާހަކަ އަޅުގަނޑު ބުނީ، އެއީ އަޅުގަނޑު ދެންނެވީ ގާނޫނީ އިމުގެ ތެރެއިން ސަރުކާރު ވައްޓާލާ ވާހަކަ. އަޅުގަނޑު ހަތިޔާރޭ ދެންނެވީ ދިވެހިން މަޖާޒީ ގޮތުގައި ބޭނުންކުރާ ބަހެއްގެ ގޮތުގައި. އެއްގޮތަކަށްވެސް އަޅުގަނޑު މިދައްކަނީ ކެމިކަލް ހަތިޔާރެއްގެ ވާހަކައެއް ނޫން، ބަޑިއާއި ލޮންސިއާއި ކަތިވަޅި ވާހަކައެއް ނޫން މި ދައްކަނީ. ބަހުގެ ހަމައިގައި ބޭނުންކުރާ އެއްޗެކޭ." ކުރީގެ މެންބަރު ލަތީފް ވިދާޅުވިއެވެ.
ލަތީފް ވިދާޅުވީ މައްސަލަތައް ބަލަން ގޮވިނަމަވެސް ބިރުން ފަހަތަށް ނުޖެހޭނެ ކަމަށެވެ. އަދި އަތުގައި ބިޑިއަޅުވާ، އަނދަގޮޑި ޖަހާފާނެ ކަމުގެ ބިރަށް ގައުމީ މަސައްކަތާއި ދުރަށް ވަޑައިނުގަންނަވާނެ ކަމަށެވެ.
ރޭގެ ޖަލްސާގައިވެސް ލަތީފް ވަނީ ސަރުކާރާއި، ރައީސް ސޯލިހަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ.