ބޮލީވުޑް

ކަރީނާގެ ދަރިފުޅު ބަލާ މީހާގެ މުސާރަ އެނގޭތަ؟

Jan 10, 2020
1

ކަރީނާ ކަޕޫރާއި ސައިފް އަލީ ހާންގެ ދަރިފުޅު ތައިމޫރް އަލީ ހާނަކީ ފިލްމީ ތަރިންގެ ދަރިންގެ ތެރެއިން އެންމެ މަޝްހޫރު ކުއްޖާ އެވެ. ކުއްޖާ މިހާ މަޝްހޫރުވުމުން އެ ކުއްޖާ ގެންގުޅޭ ނެނީ ވެސް ވަރަށް މަޝްހޫރުވާނެތާ އެވެ. ތައިމޫރުގެ ފޮޓޯ ނަގަން އޭނާގެ ފަހަތުން ދުވާ ޕަޕަރާޒީންނަށް ކޮންމެ ފަހަރަކުވެސް ތައިމޫރާއެކު ތައިމޫރުގެ ނެނީގެ ފޮޓޯ ނެގެ އެވެ. އެހެންވެ މިހާ މަޝްހޫރު ކުއްޖެއްގެ ނެނީ އަށް ވާތީ މީނާގެ މުސާރަ ކިހާވަރެއް ވާނެ ބާއޭ ވަރަށް ގިނަ މީހުންގެ ހިތުގައި ސުވާލު އުފެދޭނެ ތާއެވެ.

ތައިމޫރު ނުވަތަ ލޯބިން ކިޔާ ނަމުން ނަމަ ޓިމް ޓިމްގެ ފޭން ކްލަބްތައް މިހާރު ވަރަށް ގިނަ އެވެ. އަދި އޭނާގެ ނެނީގެ ފޭން ކްލަބްތައް ވެސް ސޯޝަލް މީޑިއާގައި އެބަހުއްޓެވެ. މި ފޭން ކްލަބްތަކުން ބުނާ ގޮތުގައި ތައިމޫރުގެ ނެނީގެ މުސާރައަކީ 1.5 ލައްކަ އިންޑިއާ ރުޕީސް އެވެ. އެއީ ގާތްގަނޑަކަށް 2،000 ޔޫއެސް ޑޮލަރެވެ.

މިއީ ތެދެއްތޯ އިންޑިއާގެ ނޫހަކުން ކަރީނާ އާ ސުވާލުކުރުމުން އޭނާ މިއީ ތެދެއް ކަމެއް ވެސް ދޮގެއް ކަމެއް ވެސް ޔަގީންކޮށެއް ނުދިނެވެ. އޭނާ ބުނީ ފައިސާގެ ވާހަކަ އޭނާ މީޑިއާގައި ނުދައްކާނެ ކަމަށެވެ. ޔަގީންވާ ކަމަކީ ކަރީނާގެ ތައިމޫރު ގޮވައިގެން 24 ގަޑިއިރު ވެސް މި ނެނީ އުޅޭ ކަމެވެ.

ފިލްމީ ރޮނގުން ކަރީނާ އަށް މިއީ ވަރަށް ރަނގަޅު ދުވަސްވަރެކެވެ. އޭނާގެ އެންމެ ފަހުގެ ފިލްމު "ގުޑް ނިއުޒް" ބޮކްސް އޮފީހުގައި ބޮޑު ކާމިޔާބެއް ހޯދަމުން އެބަދެ އެވެ. މިހާތަނަށް 160 ކްރޯޑަށް ވުރެ ގިނައިން އެ ފިލްމު ހޯދާފައިވާއިރު 200 ކްރޯޑު މާކް ފަހަނައަޅާނެ ކަމަށް ވަނީ ލަފާ ކޮށްފަ އެވެ. ދެން ކުރިޔަށް އޮތީ ކަރަން ޖޯހަރްގެ "ތަހުތު" އެވެ. މި ފިލްމުގައި ކަރީނާގެ އިތުރުން ބައިވެރިވަނީ ރަންވީރު ސިންގް، ޖާންވީ ކަޕޫރު، ބޫމީ ޕެޑްނޭކަރް، ވިކީ ކޯޝަލް އަދި އަނިލް ކަޕޫރެވެ. އަދި އާމިރު ހާނާއެކު ކުޅޭ "ލާލް ސިންގް ޗައްޑާ"ގެ މަސައްކަތް ވެސް ކަރީނާ ދަނީ ކުރަމުންނެވެ. އަދި "ވީރޭ ދީ ވެޑިން"ގެ ދެ ވަނަ ބަޔެއް ވެސް ކުރިޔަށް އޭނާ ކުޅެން އެބައޮތް ކަމަށް އިންޑިއާގެ ނޫސްތަކުން ބުނެ އެވެ. މިހާ ބިޒީ އެކްޓަރަކަށް ރަނގަޅު ނެނީ އެއް ބޭނުންވާނެތާ އެވެ.