ސިކުނޑިއަށް ކެންސަރު ޖެހިފައިވާ 27 އަހަރުގެ އަންހެނަކު ތިމާވެއްޓަށް ހެޔޮ ބަދަލުތަކެއް ގެނައުމުގެ ބޭނުމުގައި 30،000 ގަސް އިންދައިފި އެވެ. އޭނާ ގަބޫލުކުރާ ގޮތުގައި މީހުންނަށް ފުރާނައަށް ނުރައްކާ ބަލިތައް ޖެހެނީ ތިމާވެށި ނުސާފުވުމުގެ ސަބަބުންނެވެ.
އިންޑިއާގެ ގުޖްރާތުގެ ސޫރަތު ސިޓީގައި ދިރިއުޅޭ ޝްރޫޗީ ވިޑާލިޔާގެ ސިކުނޑީގައި ކެންސަރު ޓިއުމަރެއް އިންކަން އެނގުނީ މީގެ މަސްތަކެއް ކުރިންނެވެ. އޭގެ ފަހުން އޭނާ ދަނީ ތިމާވެށި ރައްކާތެރިކުރުމަށް ވަރުގަދަ ކެމްޕޭނެއް ކުރަމުންނެވެ.
ޝްރޫޗީ ބެލި ބެލުމުން އޭނާއަށް ޔަގީންވެފައިވަނީ އޭނާއަށް ކެންސަރު ޖެހުމުގެ ސިއްރަކީ ވެސް ތިމާވެށި ތަޣައްޔަރުވެފައި ވުމެވެ. އެހެންވެ ވީހާވެސް ގިނަ އަދަދެއްގެ ގަސް އިންދައިގެން ވީހާވެސް ގިނަ ބައެއްގެ ފުރާނަ ސަލާމަތް ކުރެވޭތޯ މަސައްކަތް ކުރުމަކީ މިހާރު މި ޒުވާނާގެ ހަމައެކަނި މަގްސަދެވެ.
"އަހަރެން ދެން މާ ގިނަ ދުވަހު ދުނިޔޭގައި ހުންނާނެ ކަމަކަށް ނުފެނޭ. ނަމަވެސް ގިނަ ގަސް އިންދައިގެން އެ ގަސްތަކުން މީހުންނަށް ލިބޭ ސާފު ވައިން އެމީހުން ލާ ނޭވާއިން އަހަރެން ދިރިހުންނާނަން،" ޝްރޫޗީ ބުންޏެވެ.
ފާއިތުވީ ދުވަސްތަކުގައި 30،000 އަށް ވުރެ ގިނަ ގަސް ޝްރޫޗީ އިންދައިފި އެވެ. އަދި އެހެން މީހުންނަށް ވެސް ގަސް އިންދުމަށް އޭނާ ހިތްވަރުދީ އެހެން މީހުން ލައްވާ އެ މަސައްކަތް ކުރުވަން ބާރުއަޅަ އެވެ. ފުރާނައަށް ގެއްލުންވާފަދަ ބޮޑު ބައްޔަކާ ހަނގުރާމަކުރަމުން ވެސް ޝްރޫޗީ އޭނާގެ ހިތުގައިވާ އަޒުމަކަށް ބަދަލެއް އަޔަކަ ނުދެ އެވެ.
"އަހަރެންނަކަށް ދެން މާ ގިނަ ދުވަހަކު އަހަރެންގެ ހުވަފެންތައް ހަގީގަތަކަށް ހަދަން ދުނިޔޭގައި ހުރެވޭނެ ކަމެއް ނޭނގެ. ނަމަވެސް އަހަރެންނަށް މި ދިމާވި ގޮތް އެހެން މީހުންނަށް ދިމާވާކަށް އަހަރެން ނޭދެން. އެހެންވީމާ ވީހާވެސް ގިނައިން ގަސް އިންދަން ޖެހޭނެ. އޭރުން ވައި ސާފުވެ ކެންސަރު ޖެހޭލެއް މަދުވާނީ،" ޝްރޫޗީ ބުންޏެވެ.
އިންސާނިއްޔަތަށް ޚިދުމަތްކުރުމުގައި އުޅޭ ޝްރޫޗީ ވަނީ ވަރަށް ގިނަ އަވަށްތަކަށާއި ސްކޫލްތަކަށް ޒިޔާރަތްކޮށް ކިޔަވާ ކުދިންނާ ބައްދަލުކޮށް ގަސް އިންދުމަށް ހިތްވަރުދީފަ އެވެ. ޝްރޫޗީ ގަބޫލުކުރާ ގޮތުގައި ކުދިންނަށް ތިމާވެށި ރައްކާތެރިކުރާނެ ގޮތުގެ އިލްމު އުގަންނައިދޭން ޖެހެ އެވެ. މުސްތަގްބަލް ސަލާމަތް ވާނީ އޭރުންނެވެ.