އޮފީހަށް އައިސް މަސައްކަތް ފަށާއިރަށް ފާޑަކަށް ނިދި އައިސް މަސައްކަތް ކުރާހިތް ކެނޑޭތީ ބައެއް މީހުން އުޅެ އެވެ. ހާއްސަކޮށް ޗުއްޓީގައި ހުރެފައި އޮފީހަށް ނުކުމެ އެއްގޮތަކަށް ވެސް މަސައްކަތެއް ކުރާހިތް ނެތި ފޫހިވެ ނިދި އަންނަގޮތް މެދުވެރިވެ އެވެ. ނަމަވެސް އޮފީސް ގަޑީގައި ނިދިޖެހިފައި އިންދާ އެއްވެސް މީހަކަށް ފެންނާކަށް އެކަކުވެސް ބޭނުމެއް ނުވާނެ އެވެ. މިކަމަށް ވަރަށް ރަނގަޅު ހައްލެއް އެބައޮތެވެ. މިގޮތަށް އަމަލު ކޮށްފިނަމަ މެންދުރުވެސް ކިތަންމެ ގިނައިން ބަތް ކެޔަސް ނިދިއަންނާތީ އެއް އުޅޭކަށް ނުޖެހޭނެ އެވެ.
ގިނަ މީހުން އޮފީސް ގަޑީގައި ނިދި އަންނަންޏާ ބޮނީ ކޮފީ އެވެ. ނުވަތަ އެނާޖީ ޑްރިންކެކެވެ. ނަމަވެސް އެނާޖީ ޑްރިންކްގައި ވަރަށް ގިނަ ސައިޑް އިފެކްޓްސް ހުރެ އެވެ. އަދި ކޮފި މާ ގިނައިން ބުއިމަ ނިދަން އުނދަގޫވުން ފަދަ ކަންތައް ދިމާވެ އެވެ. އެހެންވީމާ މިފަދަ އެއްޗެތި ބޭނުންކުރުމުގެ ބަދަލުގައި ޕީނަޓް ބަޓާ ބޭނުންކުރުމުން ސިއްހަތަށް ގެއްލުން ނުވެ ނިދި އަންނަ މައްސަލަ ވެސް ހައްލު ވާނެ އެވެ.
ޕީނަޓް ބަޓާ ކެއުމުން ސިކުނޑިއަށް ފޯކަސްކުރުމުގެ ގާބިލްކަން ލިބެ އެވެ. އަދި ކުރާ ކަމެއް ރަނގަޅަށް ކޮށްލަން ފަސޭހަވެ އެވެ. ހެނދުނު ސަޔަށް ނުވަތަ މެންދުރު ކެއުމަށް ނުވަތަ ރޭގަނޑު ކެއުމަށް ވެސް ޕީނަޓް ބަޓާ ބޭނުން ކުރެވިދާނެ އެވެ. ނުވަތަ ހަވީރު ސަޔަށް ވެސް ހަމަ ރަނގަޅުވާނެ އެވެ.
ކަންނެތްކަން ވެރިވެފައިވާ ދުވަހެއްގައި ހަށިގަނޑަށް ތެޔޮޖަހާލާ ހަލުވި ކޮށްލުން ފަދަ ކަމެއް ޕީނަޓް ބަޓާ ކެއުމުން އިހްސާސް ކުރެވޭނެ އެވެ. އިންސާނާގެ ހަށިގަނޑަށް އެތެރެވާ ކެލޮރީޒްގެ 20 ޕަސެންޓަކީ ސިކުނޑި ރަނގަޅަށް މަސައްކަތްކުރަން ބޭނުންވާ ބައެވެ. ޕީނަޓް ބަޓާ އިން މި ބައި ފުރިހަމަ ކުރެވޭނެ އެވެ.
ޕީނަޓް ބަޓާއަކީ ޕްރޮސެސްޑް ކާނާއެއް ކަމަށް ގިނަ ބަޔަކު ގަބޫލު ކުރެ އެވެ. ޕީނަޓް ބަޓާ ހަދަނީ ބަދަންތައް ޕްރޮސެސް ކޮށްގެން ކަމަށް ފެންނާތީ އެވެ. ހަގީގަތުގައި ޕީނަޓް ބަޓާ އަކީ ޕްރޮސެސް ކޮށްފައިވާ އެއްޗެއް ނޫނެވެ. ޕީނަޓް ބަޓާ ހަދަނީ ބަދަން ރޯސްޓްކޮށް ރަނގަޅަށް މުގުރާފައި ހިމުންކޮށް ޕޭސްޓަށް ހަދައިގެންނެވެ.
ޕީނަޓް ބަޓާގައި ކާބޮހައިޑްރޭޓްސް، ފެޓްސް، ޕްރޮޓީން އެކުލެވިގެން ވެއެވެ. މިއީ އެނާޖީ ލިބިދިނުމަށް ވަރަށް ރަނގަޅު ވަސީލަތަކަށް ވާތީ ސިކުނޑީގެ މަސައްކަތް ބަރާބަރު ކޮށްދެނީ އެވެ.
ޕީނަޓް ބަޓާ ކެއުމުން ބަނޑުގައިކަން ވަގުތުން ފިލުވާލާނެ އެވެ. މިއީ ވެސް ބައެއް މީހުންނަށް މަސައްކަތްކުރަން އުނދަގޫ ވާ ސަބަބެކެވެ. ޕީނަޓް ބަޓާގައި އެކުލެވޭ އަންސެޗުރޭޓެޑް ފެޓްސް އާއި ވިޓަމިން އީ އަކީ ސިކުނޑީގެ ސިއްހަތަށް އިންތިހާއަށް ބޭނުންވާ ދެ މާއްދާ އެވެ. އެހެންކަމުން ކަންނެތްކަން ފިލުވާލައި ހަނދާންތައް ތާޒާކޮށްލައި މަސައްކަތްތައް ފަރުވާތެރިކަމާއެކު އަވަހަށް ކޮށްލުމަށް ޕީނަޓް ބަޓާ އަކީ ރަނގަޅު ހައްލެކެވެ. އަދި ޕީނަޓް ބަޓާ ކެއުން ބަނޑު ފުރިފައިވާ ކަމުގެ އިހްސާސް ގިނަ އިރުތަކަކަށް ހުރެ އެވެ. މިއީ ވެސް ސިއްހަތަށް ފައިދާ ކުރާނެ ކަމެކެވެ.
ޕީނަޓް ބަޓާ ސޭންޑްވިޗެއް، ސްމޫތީއެއް، އެނާޖީ ބައިޓެއް ފަދަ އެއްޗެއް ފުދޭނެ އެވެ. އަނގަޔަށް މީރުވެފައި މޫޑު ރަނގަޅުކޮށްލަ ދެންޏާ ހަމަ ޕީނަޓް ބަޓާ ނުކާންވީ ސަބަބެއް ނެތެވެ.