މޯލްޑިވްސް ޕޮލިސް ސާވިސް

މިދިޔަ އަހަރު 36000 ވުރެ ގިނަ ވެހިކަލްގައި ސްޓިިކާ ޖެހި

ގަވާއިދާ ހިލާފަށް ޕާކް ކޮށްގެން މިދިޔަ އަހަރުގެ ތެރޭގައި 36000 ވުރެ ވެހިކަލްގައި ސްޓިކާ ޖަހާފައިވާ ކަމަށް ފުލުހުުން ބުނެފި އެވެ.

ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދު މިއަދު ވަނީ މިދިޔަ އަަހަރު ޓްރެފިކް މައްސަލަތަކުގައި ފިޔަވަޅު އެޅުނު ގޮތުގެ ތަފާސް ހިސާބުތައް އާންމުކޮށްފައެވެ.

އެ ތަފާސް ހިސާބުތައް ދައްކާގޮތުން ޖަނަވަރީ 1، 2019 އިން ފެށިގެން ޑިސެންބަރު 31، 2019 ގެ ނިޔަލަށް 36،963 ވެހިކަލްގައި ފުލުހުން ވަނީ ސްޓިކާ ޖަހާފައެވެ.

ވެރިރަށް މާލެއަކީ ވެހިކަލްތަކުން ފުރިފައިވާ ސިޓީއެކެވެ. އެތައް ހާސް ވެހިކަލެއް މާލޭގައި ދުއްވަމުންދާއިރު އެކަށީގެންވާ ޕާކިން ނިޒާމެއް ގާއިމުކުރެވިފައެއް ނުވެއެވެ. އަދި ގަވާއިދާ ހިލާފަށް ޕާކްކުރުމުން ވެހިކަލްތަކުގައި ސްޓިކާޖަހާ ބޮޑެތި އަދަދުތަކުން ދަނީ ޖޫރިމަނާ ކުރަމުންނެވެ.

އެކަމާއި ގުޅިގެން އާންމުންގެ ގިނަ ބަޔަކު ދަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ. ޕާކްކުރާނެ ތަނެއް ނުދައްކާ ގަވާއިދާ ހިލާފުވެފައިވާ ކަމަށް ބުނެ ސްޓިކާ ޖަހާ ޖޫރިމަނާ ކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ގިނަ ބަޔަކު ބުނެއެވެ.

ސައިކަލް، ޕިކަޕް، ކާރު، ވޭން އަދި ހެވީ ވެހިކަލްތަކުން ފުރިފައިވާ މާލޭގައި ރަނގަޅު ޕާކިން ނިޒާމެއް ގާއިމްކުރުމަށް މިދިޔަ އަހަރުތަކުގައި އެކަށީގެންވާ މަސައްކަތްތަކެއް ކުރެވިފައެއް ނުވެއެވެ. އަދި ކޮންމެ އަހަރަކު އެތައް ސަތޭކަ ވެހިކަލަކަށް އަލަށް ހުއްދަ ދެމުންދާއިރު އެކަންކަން ކޮންޓްރޯލް ކުރުމަށްވެސް ހާއްސަ މަސައްކަތްތަކެއް ކުރެވިފައެއް ނުވެއެވެ.

ގަވާއިދާ ހިލާފަށް ޕާކްކުރާ ވެހިކަލްތަކުގައި ސްޓިކާ ޖަހައިގެން ދައުލަތަށް ކޮންމެ މަހަކު އެތައް ލައްކަ ރުފިޔާއެއް ހޯދަމުންދާއިރު، ޕާކް ކުރާނެ ތަނެއް ނުދައްކާ ޖޫރިމަނާ ނުކުރާނެ ކަމަށް މި ސަރުކާރުން ވަނީ ވައުދުވެފައެވެ.

ނަމަވެސް ވެރިކަމަށް އައިސް މަދު ދުވަސްކޮޅެއްގެ ތެރޭގައި ފުލުހުން ވަނީ ވެހިކަލްތަކުގައި ސްޓިކާ ޖަހަން ފަށާފައެވެ.