މޯލްޑިވްސް ޕޮލިސް ސާވިސް

ގަވާއިދުތައް ތަންފީޒު ކުރަން ލުއި ގޮތްތަކެއް ހޯދަންޖެހޭ: ސީޕީ

ޓްރެފިކް ގަވާއިދުތައް ތަންފީޒު ކުރުމަށް ލުއި ގޮތްތަކެއް ހޯދަންޖެހޭ ކަމަށް ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވެއްޖެ އެވެ.

ސީޕީ މިހެން ވިދާޅުވީ މިދިޔަ އަަހަރު ޓްރެފިކް މައްސަލަތަކުގައި ފިޔަވަޅު އެޅުނު ގޮތުގެ ތަފާސް ހިސާބުތައް އާންމުކުރައްވާ ކުރެއްވި ޓްވީޓެއްގައެވެ.

ސީޕީ ހަމީދު ވިދާޅުވީ ޓްރެފިކް ގަވާއިދުތައް ތަންފީޒު ކުރުމަށް ފުލުހުން އެތައް ވަގުތެއް ހޭދަކުރަން ޖެހޭ ކަމަށާ އެކަމުގައި އެތައް ފުލުހުންނެއް ބައިވެރިވާ ކަމަށެވެ. އެއީ އެކަން ވެގެންވާނެ ގޮތް ނޫން ކަމަށް ވިދާޅުވެ އެކަންކަން ބަދަލުވާން ޖެހޭ ކަމަށް ސީޕީ ވިދާޅުވިއެވެ.

ހަމީދު ވިދާޅުވީ ޓްރެފިކް ގަވާއިދުތައް ތަންފީޒު ކުރުމަށް ލުއި ގޮތްތަކެއް ހޯދުމަށް މި ފެށޭ ހަފްތާގައި ކަމާބެހޭ ފަރާތްތަކާއި މަޝްވަރާ ކުރާނެ ކަމަށެވެ.

ގަވާއިދާ ހިލާފަށް ޕާކް ކޮށްގެން މިދިޔަ އަހަރުގެ ތެރޭގައި 36000 ވުރެ ވެހިކަލްގައި ސްޓިކާ ޖަހާފައިވާ ކަމަށް ފުލުހުުންގެ ތަފާސް ހިސާބުތަކުން ދައްކައެވެ. ވެހިކަލްތަކުގައި ސްޓިކާ ޖެހުމަށް ކޮންމެ ދުވަހަކުވެސް އެތައް ފުލުހުންނެއް މާލޭގެ އެކި ސަރަހައްދުތަކުގައި ހަރަކާތްތެރިވެއެވެ.

ވެރިރަށް މާލެއަކީ ވެހިކަލްތަކުން ފުރިފައިވާ ސިޓީއެކެވެ. އެތައް ހާސް ވެހިކަލެއް މާލޭގައި ދުއްވަމުންދާއިރު އެކަށީގެންވާ ޕާކިން ނިޒާމެއް ގާއިމުކުރެވިފައެއް ނުވެއެވެ. އަދި ގަވާއިދާ ހިލާފަށް ޕާކްކުރުމުން ވެހިކަލްތަކުގައި ސްޓިކާޖަހާ ބޮޑެތި އަދަދުތަކުން ދަނީ ޖޫރިމަނާ ކުރަމުންނެވެ.

އެކަމާއި ގުޅިގެން އާންމުންގެ ގިނަ ބަޔަކު ދަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ.