އެމްޑީޕީ

އެމްޑީޕީގެ ޓިކެޓް ހޯދަން 1400 އަށްވުރެ ގިނަ ފޯމް

ލޯކަލް ކައުންސިލް އިންތިހާބުގައި އެމްޑީޕީގެ ޓިކެޓަށް އެދި، ޕްރައިމަރީގައި ވާދަ ކުރަން 1400 އަށް ވުރެ ގިނަ މެންބަރުން ފޯމް ހުށައަޅާފައިވާ ކަމަށް އެމްޑީޕީން ބުނެފި އެވެ.

އެމްޑީޕީގެ ޕްރައިމަރީގައި ވާދަ ކުރަން ފޯމް ހުށައެޅުމުގެ ފުުރުސަތު ބަންދުވީ މިރޭ 9:00 އާ ހަމައަށެވެ.

އެމްޑީޕީގެ އިންތިހާބީ ކޮމެޓީގެ ނައިބު މުގައްރިރު އަދި މަޖިލިސް މެންބަރު އިބްރާހީމް މުއިއްޒު މިރޭ ވިދާޅުވީ މުއްދަތު ހަމަވިިއިރު ޕްރައިމަރީގައި ވާދަކުރަން 1400 އަށް ވުރެ ގިނަ މެންބަރުން ފޯމް ހުށައަޅާފައިވާ ކަމަށެވެ. މިމަހުގެ 31 ވަނަ ދުވަހު ބާއްވާ ޕްރައިމަރީގައި ވާދަކުރާ ކެންޑިޑޭޓުންގެ ލިސްޓް އަންނަ ހޯމަ ދުވަހު އާންމު ކުރާނެ ކަމަށް ވެސް މުއިއްޒު ވިދާޅުވި އެވެ.

އެމްޑީޕީގެ ޕްރައިމަރީގައި ބައެއް ދާއިރާތަކުގެ ޓިކެޓް ހޯދަން ބޮޑު ވާދަވެރި ކަމެއް އެބައޮތެވެ. ހާއްސަކޮށް މާލެ ސިޓީ އާއި އައްޑޫ ސިޓީ އަދި ފުވައްމުލައް ސިޓީގެ މޭޔަރު ކަމުގެ މަގާމަށް ގިނަ މެންބަރުންތަކެއް ވާދަ ކުރެއެވެ. އޭގެ ތެރޭގައި މިހާރުވެސް މޭޔަރުން ގޮތުގައި ތިއްބެވި ބޭފުޅުންނާއި، އެމްޑީޕީގައި މުހިންމު ދައުރެއް އަދާ ކުރަމުންދާ އެ ޕާޓީގައި ނުފޫޒު ގަދަ ބޭފުޅުން ވެސް ހިމެނި ވަޑައިގަންނަވަ އެވެ.

ލޯކަލް ކައުންސިލް އިންތިހާބުގައި މި ފަހަރު 980 ކައުންސިލަރުން އިންތިހާބު ކުރެ އެވެ. އޭގެ ތެރެއިން 33 ޕަސެންޓް ވަނީ އަންހެނުންނަށް ހާއްސަ ކޮށްފަ އެވެ. އިންތިހާބު އޮންނާނީ އަންނަ އޭޕްރީލް މަހުގެ ހަތަރުވަނަ ދުވަހު އެވެ.