އެމްޑީޕީ

ސައްހަ ވޯޓަކަށް ވާނީ ކަނޑައެޅިފައިވާ އަދަދަށް ފާހަގަ ޖެހުމުން: އެމްޑީޕީ

ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި އެމްޑީޕީގެ ޓިކެޓުގައި ވާދަ ކުރާ ކެންޑިޑޭޓުން ކަނޑައެޅުމަށް ބާއްވާ އެ ޕާޓީގެ އެތެރޭގެ ޕްރައިމަރީގައި ސައްހަ ވޯޓުގެ ގޮތުގައި ބަލާނީ ކަނޑައަޅާފައިވާ ގޮނޑީގެ އަދަދަށް ރަނގަޅު ފާހަގަ ޖަހާފައިވާ ވޯޓު ކަރުދާސްކޮޅުތައް ކަމަށް އެ ޕާޓީން ބުނެފި އެވެ.

އެމްޑީޕީން ބުނީ މި މަހުގެ 31 ވަނަ ދުވަހު ބާއްވާ ޕްރައިމަރީގައި ހަތަރު ދާއިރާއަކުން ވޯޓުލާނެ ކަމަށެވެ. އެއީ ސިޓީތަކުގެ މޭޔަރުންނާއި ރަށު ކައުންސިލްތަކުގެ ރައީސުންނާއި އަތޮޅު ކައުންސިލްތަކުގެ ރައީސުންނާއި ކައުންސިލްތަކުގެ މެންބަރުންނާއި ކައުންސިލްތަކުގައި އަންހެން ކެންޑިޑޭޓުންނަށް ހާއްސަ ކުރެވިފައިވާ ގޮނޑިތަކަށެވެ.

މި މަގާމުތަކަށް ކުރިމަތިލާފައިވާ ކެންޑިޑޭޓުންނަށް ވޯޓުލާއިރު އެއިން ކޮންމެ މަގާމަކަށް ގޮނޑި ކަނޑައެޅިފައިވާ އަދަދަށް ވޯޓުލާންޖެހެ އެވެ. ސައްހަ ވޯޓުގެ ގޮތުގައި ގުނަނީ ކަނޑައަޅާފައިވާ ގޮނޑީގެ އަދަދަށް ރަނގަޅު ފާހަގަޖަހާފައިވާ ވޯޓުކަރުދާސްކޮޅުތަކެވެ.

އެމްޑީޕީން އާންމުކޮށްފައިވާ ވޯޓާސް ލިސްޓުގައިވާ ގޮތުން 93،139 އަށްވުރެ ގިނަ މީހުނަށް އެ ޕާޓީގެ ޕްރައިމަރީގައި ވޯޓު ލެވެ އެވެ. ނަމަވެސް ލިބޭ ޝަކުވާތަކަށް ބިނާކޮށް ވޯޓާސް ލިސްޓު އިސްލާހު ކުރާއިރު އެ އަދަދަށް ބަދަލެއް އައުމަކީ އެކަށީގެންވާ ކަމެކެވެ.

އެމްޑީޕީން އާންމު ކުރި ވޯޓާސް ލިސްޓުގައިވާ ގޮތުން މާލެ ސިޓީގެ ވޯޓާސް ލިސްޓުގައި 13108 މީހުންގެ ނަން އޮތްއިރު، އައްޑޫ ސިޓީގެ ލިސްޓުގައި ވަނީ 12،096 މީހުންގެ ނަމެވެ. ފުވައްމުލައް ސިޓީގެ ވޯޓާސް ލިސްޓުގައި 3،959 މީހުންގެ ނަން އޮތްއިރު ޕްރައިމަރީގައި ވޯޓު ދެވޭއިރު ކުޅުދުއްފުށި ސިޓީގެ ލިސްޓުގައި ވަނީ 1،228 މީހުނެވެ.

އެމްޑީޕީން ބުނެފައިވާ ގޮތުގައި އެ ޕްރައިމަރީގައި 1246 ކެންޑިޑޭޓުން ވާދަކުރާނެ އެވެ.

އަންނަ އޭޕްރީލް މަހުގެ ހަތަރުވަނަ ދުވަހު ބާއްވާ ކައުންސިލް އިންތިހާބުގައި 983 ކައުންސިލަރުން އިންތިހާބު ކުރާނެ އެވެ. އޭގެ ތެރެއިން 33 ޕަސެންޓް އަންހެނުންނަށް ހާއްސަ ކުރަން ގާނޫނުން ލާޒިމުކޮށްފައިވާތީ 370 ގޮނޑިއަށް އިންތިހާބު ކުރާނީ އަންހެނުންނެވެ. އަދި ކައުންސިލްތަކުގެ އަންހެނުންގެ ކޮމިޓީއަށް 930 މެންބަރުން ވެސް އެ ދުވަހު އިންތިހާބު ކުރާނެ އެވެ.