އެމްޑީޕީ

އެމްޑީޕީގެ ޓިކެޓު 389 ކެންޑިޑޭޓަކު ކަށަވަރުކޮށްފި

ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި ވާދަކުރާ އެމްޑީޕީގެ ކެންޑިޑޭޓުން ކަނޑައެޅުމަށް ބާއްވާ އެ ޕާޓީގެ އެތެރޭގެ ޕްރައިމަރީގެ 389 ގޮނޑިއަށް އެންމެ ކެންޑިޑޭޓަކު ކުރިމަތިލާފައިވާތީ ޕްރައިމަރީއަކާ ނުލައި އެ ކެންޑިޑޭޓުންގެ ޓިކެޓު ކަށަވަރު ކޮށްފައިވާ ކަމަށް އެމްޑީޕީން މިއަދު ބުނެފި އެވެ.

އެމްޑީޕީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެ ޕާޓީގެ އިންތިހާބީ ކޮމިޓީގެ މުގައްރިރު އަދި މަޖިލީހުގެ ހެންވޭރު އުތުރު ދާއިރާގެ މެންބަރު އިބްރާހިމް މުއިއްޒު ވިދާޅުވީ، އެމްޑީޕީގެ ޕްރައިމަރީއަށް ހުޅުވާލި ފުރުސަތުގައި ކުރިމަތިލި މީހުންގެ ތެރެއިން 389 މީހަކަށް އެމްޑީޕީގެ ޓިކެޓު ކަށަވަރު ކުރެވުމުން މިހާރު ޓިކެޓް ހަވާލު ކުރެވިފައިވާ ކަމަށެވެ.

މުއިއްޒު ވިދާޅުވީ، ރަށު ކައުންސިލްތަކުގެ ޕްރައިމަރީގައި 381 ގޮނޑިއަކަށް ކުރިމަތިލީ އެންމެ ކެންޑިޑޭޓެއް ކަމަށެވެ. އެހެންކަމުން އެ ކެންޑިޑޭޓުންގެ ޓިކެޓު ވަނީ ޕްރައިމަރީއަކާ ނުލައި ކަށަވަރުވެފައިވާއިރު، ކެންޑިޑޭޓުންގެ މައުލޫމާތު އެމްޑީޕީގެ ވެބްސައިޓްގައި އާންމު ކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އަތޮޅު ކައުންސިލްތަކުގެ ޕްރައިމަރީގެ ތެރެއިން ދެ އަތޮޅު ކައުންސިލްގެ ރައީސްގެ މަގާމަށް ކުރިމަތިލާފައި ވަނީ އެންމެ ކެންޑިޑޭޓެކެވެ. އެއީ ހއ. އަތޮޅު ކައުންސިލްގެ ރައީސްގެ ޓިކެޓާއި ފ. އަތޮޅު ކައުންސިލްގެ ރައީސްގެ ޓިކެޓެވެ. އެ ދެ ކެންޑިޑޭޓުންނަށް ވެސް ޓިކެޓު ވަނީ ކަށަވަރުވެފަ އެވެ.

ސިޓީތަކުގެ ތެރެއިން ޓިކެޓު ކަށަވަރު ކުރެވިފައި ވަނީ މާލެ ސިޓީގެ ފަސް ދާއިރާގެ ޓިކެޓާއި ފުވައްމުލައް ސިޓީގެ އެއް ދާއިރާގެ ޓިކެޓަށް ކުރިމަތިލި ކެންޑިޑޭޓަށެވެ. އެއީ ފުވައްމުލައް ހުޅަނގު ދާއިރާއާއި، މާލެ ސިޓީގެ ހެންވޭރު އުތުރު ދާއިރާ، ގަލޮޅު ހުޅަނގު ދާއިރާ، މާންފަންނު ހުޅަނގު އުތުރު ދާއިރާއާއި، މާފަންނު ހުޅުނގު ދާއިރާ އަދި މާފަންނު މެދު ދާއިރާގެ ޓިކެޓެވެ.

އެމްޑީޕީގެ ޓިކެޓު 389 ކެންޑިޑޭޓުން ކަށަވަރުކޮށްފައިވާއިރު، އަންނަ އޭޕްރީލް މަހުގެ ހަތަރުވަނަ ދުވަހު ބާއްވާ ކައުންސިލް އިންތިހާބުގައި 980 ކެންޑިޑޭޓުން އިންތިހާބު ކުރަން ޖެހެ އެވެ. އޭގެ ތެރެއިން ބައެއް ގޮނޑިތަކަށް ވާދަކުރާ ކެންޑިޑޭޓުން ޕްރައިމަރީއަކުން ކަނޑައަޅާއިރު ބައެއް ގޮނޑިތަކަށް އެއްވެސް މީހަކު ކުރިމަތިލާފައެއް ނުވެ އެވެ.

އެމްޑީޕީގެ ޕްރައިމަރީއަށް ކުރިމަތިލާން ހުޅުވާލި ފުރުސަތުގައި ރ. މީދޫ އާއި ޅ. އޮޅުވެލިފުށީގެ އެއްވެސް ގޮނޑިއަކަށް މީހަކު ކުރިމަތިލާފައެއް ނުވެ އެވެ. އަދިވެސް ބައެއް ރަށްރަށުގެ ގޮނޑިތަކަކަށް ކުރިމަތިނުލާ ގޮނޑިތައް އެބަހުއްޓެވެ.

އެމްޑީޕީގެ ޗެއާޕާސަންގެ ނައިބު އަދި މަޖިލީހުގެ ހުޅުމާލެ ދާއިރާގެ މެންބަރު އަލީ ނިޔާޒު ވިދާޅުވީ އެ ގޮނޑިތަކަށް ވެސް ކެންޑިޑޭޓުން ހަމަޖެއްސުމަށް އެ ދާއިރާތަކުގެ އެމްޑީޕީގެ މެންބަރުންނާ މަޝްވަރާކޮށްގެން ހަމަޖެއްސުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި އެމްޑީޕީގެ އަމާޒަކީ ހުރިހާ ގޮނޑިއަކަށް ވެސް ވާދަކުރާނެ އެމްޑީޕީގެ ކެންޑިޑޭޓުން ނެރުން ކަމަށް ވިދާޅުވި އެވެ.

"ޕްރައިމަރީއަށް ހުޅުވާލި ފުރުސަތުގައި ކުރިމަތިނުލާ ދާއިރާތަކުގައި ތިބޭ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ދާއިރާ ރައީސް އާއި ދާއިރާ މެންބަރުންނާ ވާހަކަ ދައްކައިގެން މަޝްވަރާ ކޮށްގެން އެމްޑީޕީގެ ޓިކެޓުގައި ވާދަކުރާނެ ކެންޑިޑޭޓުން ހޯދުމުގެ މަސައްކަތް ކުރާނެ. ޕާޓީގެ އަމާޒަކީ އެއީ. އެކަމަކު އެ ކަން ކާމިޔާބު ނުވެދާނެ." އަލީ ނިޔާޒު ވިދާޅުވި އެވެ.

މި މަހުގެ 31 ވަނަ ދުވަހު ބާއްވާ އެމްޑީޕީގެ ޕްރައިމަރީގެ ވޯޓު ލުން ކުރިއަށް ދާނީ އެ ދުވަހުގެ މެންދުރުފަހު 2:30 އިން 7:30 އަށެވެ. އެ ގޮތުން މާލެގައި އުޅޭ މާލެ މީހުން ވޯޓުލާ ފޮށި ބަހައްޓާނީ ދަރުބާރުގެ އާއި ހުޅުމާލެ ރެހެނދި ސްކޫލާއި ވިލިމާލޭގައި ހުންނަ މުހިއްޔުއްދީން ސްކޫލްގަ އެވެ.

މާލޭގައި އުޅޭ އެހެން ރަށްރަށުގެ މީހުން ވޯޓު ލުމަށްޓަކައި މަޖީދިއްޔާ ސްކޫލާއި އިސްކަންދަރު ސްކޫލާއި ކާލާފާނު ސްކޫލް، އަދި އިމާދުއްދީން ސްކޫލް ހޯދުމަށް އެ ޕާޓީން ވަނީ އެދިފަ އެވެ. އެ ހުއްދަ ލިބުމުން ބަހައްޓާ ވޯޓު ފޮށިތަކުގެ މައުލޫމާތު ހާމަ ކުރާނެ ކަމަށް އެމްޑީޕީން ބުނެ އެވެ.